ގެއްލުނު ޑައިވަރުން ހޯދުމުގެ އޮޕަރޭޝަން އަލުން ފަށައިފި

ވ. އަތޮޅުގެ ކަނޑުއަޑީގެ ހޮހަޅައަކަށް ފީނުމުގެ ތެރޭގައި ގެއްލުނު އިޓަލީގެ ޑައިވަރުން ހޯދުމަށް ކުރިއަށްގެންދާ ބޮޑު އޮޕަރޭޝަން، ދެ ދުވަހުގެ މެދުކެނޑުމަކަށް ފަހު މިއަދު އަލުން ފަށައިފިއެވެ. ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) "ދިޔަރެސް" އަށް ވިދާޅުވި ގޮތުގައި، މި މަސައްކަތް އަލުން ފެށީ ފިންލެންޑުގެ ތަޖުރިބާކާރު ތިން ޑައިވަރުންނާއި ރާއްޖޭގެ ރެސްކިއު ޓީމާ ދެމެދު އިއްޔެ ބޭއްވުނު މަޝްވަރާތަކަށް ފަހުގައެވެ.
މި އޮޕަރޭޝަން އަލުން ފެށި ނަމަވެސް، މިއަދުގެ ވަގުތުތަކުގައި މާ ފުނަށް ފީނުމުގެ ހަރަކާތްތަކެއް ކުރިއަށް ނުގެންދާނެ ކަމަށް މުންދު ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ ކަނޑުއަޑީގައި ބޭނުންކުރާ ރިމޯޓް ކޮންޓްރޯލް ވެހިކަލް (އާރުއޯވީ) މިއަދު ބޭނުންކުރި ނަމަވެސް، އޮއިވަރު ހުރި ގޮތުން އެ އާލާތް މާ ފުނަށް ފޮނުވޭގޮތް ނުވާ ކަމަށެވެ. އެހެންކަމުން މިއަދު މައިގަނޑު ގޮތެއްގައި ކުރިއަށްދާނީ ބޭރުގެ ޓީމާއެކު ސައިޓް ބަލައި، އެ ސަރަހައްދަށް އަހުލުވެރިވުމުގެ މަސައްކަތްތަކެވެ.
މިހާރު މި އޮޕަރޭޝަންގައި ބޭރުގެ މާހިރުންނާއި ރާއްޖޭގެ ރެސްކިއު ޓީމުގެ އިތުރުން ފުލުހުންގެ ޑައިވަރުންގެ ޓީމެއްވެސް ދަނީ ބައިވެރިވަމުންނެވެ. އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަނޑުގެ ދިރާސާތައް ކުރާ ދެ ޓީމެއްގެ ވޮލަންޓިއަރުންވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށް މުންދު ވިދާޅުވިއެވެ. މީގެ ފަހުން ދިވެހި ޑައިވަރުން މާ ފުނަށް ނުފީނާނެ ކަމަށާއި، އެމީހުން ކުރާނީ ހަމައެކަނި ކޮންމެހެން ބޭނުންވާ ރިކްރިއޭޝަނަލް ޑައިވްތައް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އޮޕަރޭޝަންގެ ނުރައްކާތެރި ފުން ހިސާބުތަކަށް ދެން ފީނާނީ ބޭރުގެ ތަޖުރިބާކާރުންނެވެ. މި އޮޕަރޭޝަން މެދުކަނޑާލަން ޖެހުނީ މިދިޔަ ހޮނިހިރު ދުވަހު އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ ތަޖުރިބާކާރު ޑައިވަރު ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ ނިޔާވުމާ ގުޅިގެންނެވެ. މަހުދީގެ ޖަނާޒާ ވަނީ ރަސްމީ އިއްޒަތުގައި މާލޭގައި ބާއްވާފައެވެ.
ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އިޓަލީގެ 'ޑޭން' ނަމަކަށް ކިޔާ ކުންފުންޏަކާއެވެ. މި މަސައްކަތަށް ރާއްޖެ އައި ފިންލެންޑުގެ ޑައިވަރުންނަކީ ހޮހަޅަތަކަށް ފީނުމުގެ ހާއްސަ ތަޖުރިބާ އާއި އާލާތްތައް ހުރި ބައެކެވެ. މީގެ އިތުރުން އިނގިރޭސިވިލާތް، އެމެރިކާ އަދި އޮސްޓްރޭލިއާއިން ވެސް ވަނީ އެހީތެރިކަން ހުށަހަޅާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ