ފުލުހުން އެދުނު ގޮތަށް ޝާމިން އާއި މުޝައްފައުގެ ބަންދަށް 15 ދުވަސް ކޯޓުން ޖަހައިދީފި

ޖަލަށް ލާފައިވާ ނޫސްވެރިންނާއި ބަންދުކޮށްފައި ތިބި ސިޔާސީ ހައްޔަރީން މިނިވަން ކުރުމަށް ގޮވާލައި ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމަށް ފަހު ދޫކޮށްލައި އަލުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި ދެ މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ. 
ބުރާސްފަތި ދުވަހުގެ ރޭ ގެންދިޔައީ މުހައްމަދު ޝާމިން އާއި އަލީ މުޝައްފައު އެވެ. އެ މީހުން އެ ރޭ ދޫކޮށްލުމަށް ފަހު އަނެއްކާ ހައްޔަރުކުރީ ދަންވަރުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުންނެވެ. 
އެ ދެ މީހުންގެ ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ދިފާއުވުމަށް އެކަށީގެންވާ ފުރުސަތު ދީފައި ނުވާ ކަމަށް ވަކީލު އަހުމަދު މައުރޫފް ވިދާޅުވެފައިވެ އެވެ. 15 ދުވަސް ޖެހުމަށް އެދުނީ ފުލުހުންނެވެ.
އެ ދެ މީހުންނަށް ކުރަނީ ފުލުހަކަށް ހަމަލާ ދިން ކަމުގެ ތުހުމަތެވެ. އެ ދެ މީހުން ބަންދުގައި ބައިތިއްބަން ޖެހޭ ސަބަބެއް ދައުލަތަށް ސާފުކޮށް ނުދެވޭ ކަމަށާއި އަދި އެ މީހުންނަކީ އާންމު ދިރިއުޅުމަށް ހުރި ނުރައްކަލެއްކަން ވެސް ބުނެނުދެވޭ ކަމަށް ވަކީލު ވިދާޅުވި އެވެ.  
ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް، ސުލްހަވެރިކަމާ އެކު މުޒާހަރާ ކުރަމުންދާ ފަރާތްތަކަށް ބިރު ދެއްކުމުގެ ގޮތުން އާދަޔާ ހިލާފަށް ގިނަ ފުލުހުން މިހާރު އަންނަނީ މުޒާހަރާތަކަށް ނެރެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ