ތަފަތާތު އެކި މަސައްކަތްތައް ކުރުމަށް ބިދޭސީން ރާއްޖެއަށް ގެންނަން ފެށިކަމަށް ބެލެވެނީ ޢުމްރާނީ ތަރައްޤީގެ ބޮޑެތި މަސައްކަތް ރާއްޖޭގައި ފެށިގެން އައިހިސާބުން 1980ގެ ފަހުކޮޅުގައެވެ. އޭގެ ފަހުން ވޭތުވެދިޔަ 40 ވަރަކަށް އަހަރުގެ ތެރޭގައި ރާއްޖެއަށް އެކި ގޮތްގޮތުން ބިދޭސީން ގެންނަމުންދާއިރު މީގެ ތެރެއިން ޤަވާއިދާ ޚިލާފަށް ބިދޭސީން ގެނައުމާ ބިދޭސީން ގެނައުމަށްފަހު އެމީހުންގެ ލިޔެކިޔުންތައް ނަގައިގެން ދޫކޮށްލުމުގެ އިތުރަށް، ބިދޭސީން އަމިއްލައަށް ފިލައިގެންގޮސް އެތައް އަހަރުތަކެއްވަންދެން އުޅުން ފާހަގަކުރެވެއެވެ. މީގެ ސަބަބުން ކުދި ކުދި މައްސަލަތަކުން ފެށިގެންގޮސް ރާއްޖޭގެ ޤައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ކަންކަން ދިޔައިރުވެސް ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް އެންމެ އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައި ނުވެއެވެ. އަދި މައްސަލަތައް ހައްލުކުރުމަށް ބޭނުންވާ ޤަވާއިދުތަކެއް ހެދި ބިދޭސީންގެ މަޢުލޫމާތު ރައްކާކުރެވޭނެ ރަނގަޅު ނިޒާމެއްވެސް ރާއްޖޭގައި ނެތެވެ. ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ކުރީގެ ސަރުކާރުތަކުންވެސް މަސައްކަތްތަކެއް ފެށިއެވެ. އެހެން ނަމަވެސް ދާއިމީ ހައްލެއް އައިސްފައިނުވެއެވެ.
ޕީއެސްއެމްނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، ރާއްޖޭގައި ގަވާއިދާ ޚިލާފުވުމަކީ ކޮބައިކަން އެނގޭނެ މިންގަނޑުތަކެއްވެސް ކަނޑައެޅި ބަޔާންވެފައި ނެތްކަމަށެވެ. އެހެންކަމުން އަދުގެ ސަރުކާރުން ރާއްޖޭގައި މިމައްސަލަ އޮތް މިންވަރަށް ބަލާ ދާއިމީ ހައްލަކަށް ދިޔުމަށް އެންމެ ފުރަތަމަ ކުރަހާލި ރޮނގަކީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ގަވާއިދާ ޚިލާފަށް ތިބުންކަމަށް ކަނޑައެޅޭނެ މިންގަނޑުކަމަށެވެ.
ވަޒީރު ވިދާޅުވީ، ބިދޭސީން ރާއްޖެއަށް އެތެރެކުރަނީ ވަކި މަސައްކަތެއްކުރަން ކަމަށްވާއިރު އެނޫން މަސައްކަތެއް ކުރާނަމަ އެއީ ގަވާއިދާ ޚިލާފުވީކަމަށެވެ. އަދި އެބިދޭސީއަކު ރާއްޖެއަށް ވަކި ކުންފުންޏެއްގެ ނަމުގައި ގެނެވިފައިވަކަމަށް ސައްޙަ ލިޔެކިޔުންތަކުގައި އޮތްނަމަވެސް، ކަމާބެހޭ ފަރާތްތަކަށް ނާންގާ އެހެން ކުންފުންޏެއް ނުވަތަ ވަޒީފާދޭ އެހެން މީހެއްގެ ކައިރިއަށް މަސައްކަތްކުރުމަށް ގޮސްފިނަމަ އެއީވެސް ކުށެކެވެ.
މީގެއިތުރުން ރާއްޖޭގައި ހިންގާ އެކި ޖިނާޢީ ކުށްތަކުގައި ޝާމިލުވާ ބިދޭސީން ފާހަގަވެފައިވާއިރު މިއީ އެންމެ ބޮޑުކުށުގެ ގޮތުގައި ސަރުކާރުން ފާހަގަކުރާ މައްސަލައެވެ. އެގޮތުން މާރާމާރީއާއި މަސްތުވާތެކތީގެ މައްސަލަތަކުގައި ބިދޭސީން ހިމެނޭކަންވަނީ ފާހަގަވެފައެވެ. ރާއްޖޭގައި ވިޔަފާރި ކުރުމުގެ ހުއްދަ ނޯންނައިރު ގަވާއިދާ ޚިލާފަށް ފުޅާދާއިރާއެއްގައި ވިޔަފާރިކުރަމުންދާ ބިދޭސީންގެ ފާހަގަވެފައިވާއިރު އެއީވެސް ކުށެއްކަމަށްވަނީ ކަނޑައަޅާފައެވެ.
"2023 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޒަޢާމަތާ ޙަވާލުވެވަޑައިގެން މިމިނިސްޓްރީ އެކުލަވާލެއްވިއިރު އެންމެ ބޮޑު މަޤްސަދަކީ ބޮޑެތި މައްސަލަތަކުގެ ތެރޭގައި ހިމެނޭ ޑްރަގްގެ މައްސަލައަށް ހައްލެއް ހޯދުމާއި، ގޭންގް ކުށްތަކަށް ހައްލެއް ހޯދުމާއި، ކުށުގެ މާޙައުލުގައި އުޅޭ ކުޑަކުދިންގެ މައްސަލަ ހައްލުކުރުމާ ދެން ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ގެނައުން. މީގެކުރީގައިވެސް އެންފޯސްމަންޓް އިދާރާތަކުން އެބޭފުޅުންގެ ލެވެލްގައި ކުރެވެންހުރިކަމެއް އެބަހުރި ކޮށްފައި އެއިރެއްގައި އޮންނަ ސަރުކާރެއްގެ ނިޔަތް މިކަން ހައްލުކުރުމަށް އޮތް މިންވަރަކުން." ވަޒީރު ވިދާޅުވިއެވެ.
ދާޚިލީ ސަލާމަތާ ބެހޭ ވަޒީރު ވިދާޅުވީ، 2012 ވަނަ އަހަރާއި ހަމައަށް ރާއްޖޭގައި ތިބި ބިދޭސީންގެ ރިކޯޑުތައް ބަލަހައްޓަމުން ގޮސްފައިވަނީ އެންމެ ރަނގަޅަށް ނޫންކަމަށެވެ. މިމައްސަލައަށް އެދެވޭ ހައްލެއް ގެނައުމަށް ބެލި ބެލުމުން 2012ވަނަ އަހަރާއި ހަމައަށް ރާއްޖޭގައި 86000 އަށްވުރެ ގިނަ ބިދޭސީން ތިބިކަމަށް ރެކޯޑުތަކުން ދައްކާކަމަށެވެ. އެހެންނަމަވެސް އެވޯކް ޕަރމިޓްތައް ދޫކޮށްފައިވަނީ ކާކަށް ކޮންއިރަކު އަދި އެމީހުން މިހާރު ކޮބައިކަން އެނގޭކަށް ނެތެވެ.
2012ވަނަ އަހަރުން ފެށިގެން ތަރައްޤީވަމުން އަންނަ އެކްސްޕެޓް ސިސްޓަމްގައި 2023ވަނަ އަހަރާއި ހަމައަށް އައިއިރު، ވެރިފައި ނުކުރެވޭ 238000 އަށްވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު ހުރިކަން ވަޒީރުވަނީ ފާހަގަކުރައްވާފައެވެ. މިދެރިކޯޑު އެއްކުރުމުން ރާއްޖޭގައި ތިބިކަމަށް ނުވަތަ އެތެރެވެފައިވާކަމަށް އަންދާޒާ ކުރެވިފައިވާ 290000 އަށްވުރެ ގިނަ ބިދޭސީން ވާނުވާގައި ތިބިކަމަށް ވަޒީރު ވިދާޅުވިއެވެ.
ސަރުކާރުން 3 އަހަރުގެ ޓައިމްލައިނެއް ކަނޑައަޅާ ގަވާއިދާ ޚިލާފަށް އުޅެމުން އަންނަ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މިހާރުވަނީ ޚާއްސަ އޮޕަރޭޝަނެއް ފައްޓަވާފައެވެ. މިއޮޕަރޭޝަން ނިމިގެންދާއިރު 40 އަހަރުވެފައިވާ މިދިގު މައްސަލައަށް ހައްލެއް އަންނާނެކަމަށް ސަރުކާރުން ޔަގީންކުރެއެވެ.
ޖިނާއީ ކުށްތަކުގައި ބިދޭސީން ޝާމިލުވުމަކީ އެންމެ ބޮޑު ކުށް؛ ޖުމްލަ ޙައްލެއް އަންނާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ