ވަކި ވާހަކައެއް ދައްކައިގެން ނޫސްވެރިންގެ މައްޗަށް ފިޔަވަޅު އެޅުމުގެ ކުރިން ރައީސް މުހައްމަދު މުއިއްޒުގެ މައްޗަށް ކުރެވޭ ތުހުމަތުތައް ބަލަައި ތަހުގީގުކުރަންޖެހޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައީސް އޮފީހުގައި މަސައްކަަތްކުރި އަންހެން މުވައްޒަފަކު، އެ މަނިކުފާނުގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކެއްގެ ޑޮކިއުމެންޓްރީއެއް ގެނެސްދިން މައްސަލާގައި 'އަދަދު' ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާ އާއި އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒުފުކުރުމުގެ ދައުވާ ވަނީ އުފުލާފަ އެވެ. އެ ދައުވާ އުފުލީ:
ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ)ގެ އޮފީހުން އަންގައިގެން، ފުލުހުން ކުރި ތަހުގީގެއްގެ މައްޗަށް
ފުލުހުން މި ތަހުގީގު ގެންދިޔައީ އާންމުކޮށް މިފަދަ މައްސަލަތަކުގެ ތަހުގީގުތައް ގެންދާގޮތާ ހިލާފަށް ވަރަށް އަވަސް އަރުވާލައިގެން
ތަހުގީގުއި މަސްދަރު ހިމާޔަތްކުރަން ފިޔާޒާއި ހަސަން ހުރީ ހަނު
މި ތުހުމަތުކުރި އަންހެން މީހާ، އެ ވާހަކަތައް ކިޔައިދޭން ހުރީ ތައްޔާރަށް؛ އެކަމަކު އޭނާއަށް ތަހުގީގުގައި ވާހަކަދައްކަން ފުރުސަތުދީފައެއް ނުވޭ
މި ވާހަކަތައް ދެއްކުން މަނާކޮށް ކްރިމިނަލް ކޯޓުން ގެގް އޯޑަރެއްވެސް ވަނީ ނެރެފަ އެވެ. އޭގެ ފަހުން، އެ ގެގް އޯޑަރާއި ހިލާފަށް ހަބަރެއް ޝާއިއުކުރި ކަމަށް ތުހުމަތުކޮށް އަދި އެކަމާ ގުޅޭ ސުވާލެއް ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކޮށްގެން އަދަދު ނޫހުގެ ދެ ނޫސްވެރިޔަކު ވެސް ވަނީ ޖަލަށް ލާފަ އެވެ.
ބުނީ ކީކޭ؟ - ޕީއެންއެފް އިން ރޭ ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ، އެ ވާހަކަ ދައްކާ ބައެއްގެ މައްޗަށް ފިޔަވަޅު އެޅުމަށްޓަކައި ކުރާ ތުހުމަތަކީ ދޮގެއްކަން ނުވަތަ ނޫންކަން އެނގި ސާފުވާންޖެހޭ ކަމަށާއި އެކަން ކުރެވޭނީ ރައީސްއަށް ކުރެވޭ ތުހުމަތުތައް ތަހުގީގުކޮށްގެން ކަމަށެވެ.
ނުކުރާ ތަހުގީގެއްގެ މައްޗަށް ބަޔަކަށް ފިޔަވަޅު ނޭޅޭނެކަން ޔާމީން ފާހަގަކުރެއްވި އެވެ. އެ މަނިކުފާނު ވިދާޅުވީ، އެ ވާހަކަތައް އެކި ގޮތްގޮތަށް ދައްކަވަން އެ މަނިކުފާނު ވެސް މިހާރު ބޭނުންފުޅުނުވާ ކަމަށާއި އެކަމަކު ގައުމުގެ ވެރިއަކަށް ހުންނެވި ބޭފުޅަކަށް ކުރެވޭ ތުހުމަތުތަކުގެ ތެދު ހަގީގަތް ރައްޔިތުންނަށް އެނގެންޖެހޭނެ ކަމަށެވެ.
އެހެންކަމުން، ރައީސްއަށް ކުރެވޭ ތުހުމަތުތަކުން ބަރީއަކުރުމަށްޓަކައި ނަމަވެސް، އެ މައްސަލާގައި ފުރަތަމަ އެ މަނިކުފާނަށް ކުރެވޭ ތުހުމަތުތައް ބަލަން ޔާމީން ގޮވާލެއްވި އެވެ. ވާހަކައެއް ދައްކައިގެން ފިޔަވަޅެއް އަޅަން ނުވަތަ ނާޅަން ވެސް ނިންމޭނީ އެއަށް ފަހު ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"މި ގަޒުފާއި މި ހުރިހާ ވާހަކައެއް ދެއްކުމުގެ ކުރިން މި މަސްދަރު ތަހުގީގު ކޮށްފިހެއްޔޭ؟ ނުކުރޭ. ދެން ކިހިނެއްތޯ މިހެން ފިޔަވަޅު އަޅަންވީ؟ ފުލުހުން މި މައްސަލަ ތަހުގީގެއް ނުކުރެއޭ. އަޅުގަނޑުމެން އެދެމޭ، ގޮވާލަމޭ މި މައްސަލަ ތަހުގީގުކުރަން. މި މައްސަލަ ތަހުގީގުކުރީމަ، އޭގެ ފަހުގައި ދެެއްތޯ އެހެން ކަންކަމުގެ ވާހަކަ އަންނާނީ. މި މައްސަލައިގެ [ފުލުހުން] ހިފައިގެން މިއުޅެނީ ކުޑަ ތަންކޮޅެއްގައޭ،" ޔާމީން ވިދާޅުވި އެވެ.
"މި މައްސަލަ މިއޮތީ ރައްޔިތުންގެ ދަރުބާރުގައޭ. ރައްޔިތުން އެބަ އެދެއޭ މި މައްސަލަ ތަހުގީގުކުރަން. އަޅުގަނޑުމެން ބޭނުންވެއޭ ވަލީއަހުދަކަށް އެ ހުންނެވި ބޭފުޅާ މި ތުހުމަތުތަކުން ބަރީއަކުރަން. މި ތަހުގީގު ކުރެވުނީމަ ދޯ އެނގޭނީ މިއުޅެނީ ކިހިނެއް ވެގެންކަން. އަޅުގަނޑުމެން ވެސް މިހާރު ހިތެއް ނުރުހޭ އެކިއެކި ގޮނޑި ގޮނޑީގެ ވާހަކަ ދައްކާކަށް. ވީ އާ އޯލް ފެޑްއަޕް އިނގޭތޭ."
މި ޖަލްސާގައި ކުރީގެ ނައިބު ރައީސް އަދި ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވެސް ވިދާޅުވީ، ގަޒުފުކުރުމުގެ ތުހުމަތަކީ، އާދައިގެ ތުހުމަތެއް ނޫން ކަމަށާއި ވަކި ކަންކަމެއް ފުރިހަމަވެެގެން ނޫނީ ކުރެވޭނެ ދައުވާއެއް ވެސް ނޫން ކަމަށެވެ.
ގަޒުފުކުރުމުގައި ދައުވާއެއް ކުރާ ނަމަ ފުރަތަމަ ޝަރުތަކީ، ގަޒުފު ރައްދުވާ މީހެއްގެ ބަހެއް ލިބި، އޭނާ އެކަމުގެ ދައުވާކުރާކަން އެންގުން ކަމަށް ޖަމީލު ވިދާޅުވި އެވެ. އެހެންކަމުން، ޖަމީލު ވިދާޅުވީ، މައްސަލައެއްގައި ގަޒުފުކުރުމުގެ ޒާތެއްވާ ނަމަ ފުރަތަމަ ޖެހޭނީ، ގަޒުފުގެ ތުހުމަތު ރައްދުވާ މީހާގެ ބަޔާން ނަގައިގެން ތަހުގީގެއް ކުރުން ކަމަށެވެ.
ގަޒުފުކުރިކަން މީހެއްގެ މައްޗަށް ސާބިތުވާނީ ދެ ގޮތަކަށް ކަމަށް ޖަމީލު ވިދާޅުވި އެވެ. އެއްގޮތަކީ، ގަޒުފުކުރިމީހާ އެކަމަށް އެއްބަސްވުން ކަމަށާއި ދެވަނަ ގޮތަކީ ހެކިންގެ ހެކިބަހުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންކަމުން ހީވާ ހީވުމެއްގެ މައްޗަށް މި މައްސަލާގައި ފުލުހުންނަށް ތަހުގީގެއް ކުރެވިގެން ވެސް ނުވާނެ. [އަދަދުގެ ސީއީއޯ ހުސެއިން ފިޔާޒު] ފިޔާޒަށް ވެސް ތަހުގީގެއް ނުކުރެވޭނެ. [ލޯޔަރު އާދަމް] އާސިފަށް ވެސް ތަހުގީގެއް ނުކުރެވޭނެ. ސަބަބަކީ އެއިން އެއްވެސް މީހަކު ބުނެފައި އޮތް ވާހަކައެއް ނޫން ތިމަންނަމެން މީނަ މިވެނިކަމެއް ކުރަނިކޮށް ދެކުނީމޭ،" ޖަމީލު ވިދާޅުވި އެވެ.
ކުރެވޭ ތުހުމަތަކީ ހައްދުގެ ކުށަކަށްވާއިރު، އިސްލާމީ ޝަރީއަތުގައި މިފަދަ ކުށްތަކަކީ ކިރިޔާ ވެސް އޮޅުމެއް ނުވަަތަ ހިލާފެއް އޮތް ނަމަ ސާބިތުނުވާނެ އަދި ގާއިމުނުކުރެވޭނެ ކުށެއް ކަމަށް ޖަމީލު ވިދާޅުވި އެވެ.
"[އަދަދު ނޫހުން] އެ މީހުން ނުވެސް ބުނޭ. މީހަކު ބުނި އެއްޗަކަށް އެމީހުން ގެނެސްދިން ވާހަކައެއް. އެހެންވީމާ، ސެލެކްޓިވް ޕްރޮސެކިއުޝަން މިކުރަނީ ރަނގަޅު ތަހުގީގެއް ނޫން. ރައީސް [އަބްދުﷲ ޔާމީން] އެ ވިދާޅުވި ގޮތަށް ރައީސް [މުހައްމަދު މުއިއްޒު] ވިދާޅުވެގެން ނުވަތަ ވަކި މީހަކު އުފާކުރަން ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން މިއީ،" އޭނާ ވިދާޅުވި އެވެ.
ނޫސްވެރިނަށް ފިޔަވަޅު އެޅުމުގެ ކުރިން ރައީސްއަށް ކުރެވޭ ތުހުމަތުތައް ބަލަންޖެހޭ: ޔާމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ