ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރާ ބިލު ކޮމިޓީއަށް!

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރާ ބިލު ތަސްދީގުނުކުރައްވައި ރައީސް ޑރ މުޙައްމަދު މުއިއްޒު އަނބުރާ ފޮނުއްވަވާލެއްވުމުން މަޖިލީހުން އެ ބިލު އަލުން ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.
ބަންޑާރަ ނައިބު ދެއްވި ލަފައަށް ބުރަވެ، ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ބިލް ތަސްދީގު ނުކުރައްވައި އަނބުރާ ފޮނުވާލެއްވީ 11 މާރޗު 2025 ގައެވެ. އިތުރަށް ވިސްނާވަޑައިގެންނެވުން އެދި ބިލު އަނބުރާ ފޮނުއްވެވި ސަބަބުތައް ރައީސް ވަނީ ސިޓީފުޅަކުން މަޖިލީހާ ހިއްސާ ކުރައްވާފައެވެ.
ހޯމަ ދުވަހުގެ ޖަލްސާގައި މި ބިލު ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާފައިވަނީ ބިލު އަލުން ދިރާސާ ކުރުމަށެވެ. އެގޮތުން ބިލު ކޮމިޓީއަށް ފޮނުވުމަށް ފެންނަކަމަށް 50 މެމްބަރަކު ވޯޓު ދެއްވާފައިވާއިރު، ނުފެންނަކަމަށް ވޯޓުދެއްވީ 7 މެމްބަރުންނެވެ.
ރައީސް މި ބިލު އަނބުރާ ފޮނުއްވެވި ސަބަބުތައް ހޯމަ ދުވަހުގެ މަޖިލިސް ޖަލްސާގައި އަމީންއާންމު ވަނީ ވިދާޅުވެދެއްވާފައެވެ.
ސިޓީގައި ރައީސް ވިދާޅުވީ، ފަނޑިޔާރުން ތަބާވާން ޖެހޭ ސުލޫކީ މިންގަނޑުތަކާއި އުސޫލުތަކުން ބޭރުނުވެ މަސައްކަތް ކުރައްވާހާ ހިނދަކު ފަނޑިޔާރު މަޤާމުން ވަކިކޮށްގެން ނުވާނެކަމަށް ޤާނޫނުއަސާސީގެ 154 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އެ މާއްދާގެ (ށ) ގައި ފަނޑިޔާރަކު މަޤާމުން ވަކި ކުރެވޭނީ ފަނޑިޔާރުކަމުގެ މަޤާމަށް އެމީހަކު ޤާބިލު ނޫންކަމަށް ނުވަތަ މަޤާމާ އެކަށީގެންނުވާ ފަދަ އަމަލެއް ފަނޑިޔާރު ކުރައްވާފައިވާކަމަށް ޖޭއެސްސީއަށް ޤަބޫލުކުރެވި، މަޖިލީހަށް ހުށަހަޅައި، މަޖިލީހުގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތުން ފާސްވެގެންކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
މިހާރު ފަނޑިޔާރުންގެ ޤާނޫނަށް އިސްލާޙު ގެނެސްފައިވާގޮތަށް ބަލާއިރު، 7 ފަނޑިޔާރުންގެ އަދަދު 5 ށް ބަދަލުކުރުމަށް ފާސްކޮށް ޤާނޫނަށް އަމަލުކުރަން ފެށުމާއެކު ސުޕްރީމް ކޯޓުގައި މިހާރު ތިއްބެވި ފަނޑިޔާރުންގެ ތެރެއިން ގާބިލް ނޫން ފަނޑިޔާރުންގެ ނަންތައް ގާނޫނަށް އަމަލުކުރަން ފަށާތާ ފަސް ދުވަހުގެ ތެރޭގައި ޖޭއެސްސީން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅަން ވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ