ފުލުހުންގެ "މިނިވަން އުފާވެރި ހަވީރު" ބާއްވައިފި

ފުލުހުންގެ 82 އަހަރީދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުޑަކުދިންގެ ހަވީރެއް މިއަދު
ބާއްވައިފިއެވެ.
މާފަންނު ސްޓޭޑިޔަމް ސަރަހައްދުގައި ކުރިއަށްގެންދިޔަ މި ހަވީރުގައި
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ބައިވެރިވެ
ވަޑައިގެންނެވިއެވެ. އެކަމަނާ ވަނީ އެސަރަހައްދުގައި ފުލުހުންނާއި އެކިއެކި ޖަމިއްޔާ
ޖަމާޢަތްތަކުން ތައްޔާރުކޮށްފައިވާ ކުޅިވަރު ސްޓޯލްތަކަށް ޒިޔާރަތްކޮށް
ކުޑަކުދިންނާއިއެކު މަޖާވަގުތުކޮޅެއް ހޭދަކުރައްވާފައެވެ. މި ހަރަކާތް އިންތިޒާމް
ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް
މުހައްމަދު ނަދީމް ވިދާޅުވީ ފުލުހުންގެ އަށްޑިހަ ދެވަނަ އަހަރީދުވަސް
ފާހަގަކުރުމަށް ހިންގާ ހަރަކާތްތަކުގެ ތެރެއިން މިހަރަކާތަކީ މިނިވަން އުފާގެ
ނަމުގައި އާއިލާތައް އުފާކޮށް މަޖާ މާހައުލެއްގައި ވަގުތުހޭދަކޮށްލުމަށް ފުރުސަތު
ދިނުމުގެ ގޮތުން އިންތިޒާމް ކުރި ހަރަކާތެއް ކަމަށެވެ. އަދި މިހަރަކާތުގައި
ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބައިވެރިވެ ވަޑައިގެން ދެއްވުމަކީ
ހަރަކާތަށް ލިބިގެންދިޔަ ފުރިހަމަ ކަމެއްކަން ފުލުހުން ފާހަގަކުރެއެވެ. ނަދީމް
ވިދާޅުވީ މިހަރަކާތް ކާމިޔާބުކަމާއިއެކު ކުރިއަށްގެންދިއުމަށް ފުލުހުންގެ އެކިއެކި
ޑިޕާޓްމެންޓުތަކުން ބޮޑު އެއްބާރުލުމެއް ލިބުނު ކަމަށެވެ.
ފުލުހުންގެ އަހަރީދުވަސް ފާހަގަ ކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގެ
ތެރެއިން މިމަހުގެ ދިހަވަނަދުވަހު މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއިއެކު ޚާއްސަ
ޑިނަރ ނައިޓެއް ބޭއްވުމަށް ރާވާފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ