މި އަހަރުގެ ޖޫން 14 އިން ޖުލައި 15 ވަނަ ދުވަހުގެ ނިޔަލަށް ރަޝިއާގައި ބާއްވާ ވޯލްޑްކަޕް ފެށެން 99 ދުވަހަށް ވެފައިވާއިރު މިއަހަރުގެ މުބާރާތުގައި، މީގެކުރިން ވޯލްޑް ކަޕްގައި ގަވާއިދުން ފެނިގެން ގޮސްފައިވާ މުހިއްމު ބައެއް ޓީމުތައް ނުފެންނާނެ އެވެ. އެގޮތުން މި ރިޕޯޓްގައި ބަލާލާނީ މިއަހަރުގެ ވޯލްޑްކަޕްގައި ނުފެންނާނެ ފުޓްބޯޅައިގެ ވަރުގަދަ ގައުމުތަކަށެވެ.
1. އިޓަލީ:
ރަޝީއާގައި އަންނަ އަހަރު ބާއްވާ ވޯލްޑްކަޕްގައި ކުޅުމުގެ ފުރުސަތު ފުޓްބޯޅައިގެ ވަރުގަދަ ބާރެއް ކަމަށްވާ އިޓަލީއަށް ގެއްލުނުއިރު މިއީ 1958 ވަނަ އަހަރަށްފަހު ވޯލްޑް ކަޕަކުން އިޓަލީއަށް ފުރުސަތު ގެއްލުނު ފުރަތަމަ ފަހަރެވެ.
ވޯލްޑް ކަޕަށް އިޓަލީ ކޮލިފައިނުވުމުން އިޓަލީގެ ގައުމީ ޓީމުގެ ކެޕްޓަން އަދި ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ކީޕަރު ޖިއަންލުއިޖީ ބުފޮން ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފަ އެވެ. ބުފޮން ކުރިން ނިންމައިގެން ހުރީ 2018 ވަަނަ އަހަރުގެ ވޯލްޑްކަޕަށް އިޓަލީ ކޮލިފައިވާނެ ކަމުގެ އުއްމީދުގައި އެ މުބާރާތަށްފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލުމަށެވެ. ނަމަވެސް އޭނާގެ ހުވަފެން ހަގީގަތަކަށް ނުވުމުން ބުފޮން ވަނީ ވަރަށް ގިނައިރު ލައިވް ކެމެރާގެ ކުރިމަތީގައި ރޮވެފަ އެވެ.
މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ބުފެން ވަނީ އިޓަލީ ވޯލްޑް ކަޕަށް ކޮލިފައި ކޮށްދެވިފައި ނުވާތީ އިޓަލީގެ ރައްޔިތުންގެ ކިބައިން މައާފަށް ވެސް އެދިފަ އެވެ.
އިޓަލީގެ މިނާކާމިޔާބަށްފަހު ބުފެންގެ އިތުރުން އިޓަލީ ޓީމުގައި ހިމެނޭ ތަޖުރިބާކާރު ތިން ކުޅުންތެރިން ކަމަށްވާ ޖިއޯޖިއޯ ކިއެލީނީ، ޑެނިއަލް ޑި ރޮސީގެ އިތުރުން އަންދްރޭ ބަރްޒާލީ ވެސް ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފަ އެވެ.
އިޓަލީ ވަނީ މީގެ ކުރިން ވޯލްޑް ކަޕް ހަތަރު ފަހަރު ކާމިޔާބުކޮށްފަ އެވެ. އެންމެ ފަހުން އެޓީމުން ވޯލްޑް ކަޕްގެ ތަށި އުފުލާލީ 2006 ވަނަ އަހަރު އެވެ.
2. އެމެރިކާ
ވޯލްޑް ކަޕަށް މިއަހަރު ކޮލިފައިނުވި މުހިއްމު ގައުމުތަކުގެ ތެރެއިން ދެން އެންމެ ފާހަގަކޮށްލެވޭ އެއް ގައުމަކީ އެމެރިކާ އެވެ. 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ޖާގައެއް އެމެރިކާއަށް ގެއްލުނުއިރު، އެޓީމުން އަންނަނީ 1986 ވަނަ އަހަރުން ފެށިގެން ގަވާއިދުން ވޯލްޑް ކަޕުން ޖާގަ ހޯދަމުންނެވެ.
ވޯލްޑް ކަޕް ކޮލިފިކޭޝަނުގެ ކޮންކާކަފް ސަރަހައްދުން އެމެރިކާއަށް ޖާގަ ގެއްލުނީ ޓްރިނިޑާޑް އެންޑް ޓޮބޭގޯ އަތުން 2-1 އިން ބަލިވުމުންނެވެ. ވޯލްޑް ކަޕަށް މިއަހަރު ކޮލިފައިނުވުމުން އެޓީމުގެ ކޯޗު ބްރޫސް އެރީނާ ބުނީ މިކަމުގެ ފުރިހަމަ ޒިންމާ އޭނާ ނަގާނެ ކަމަށެވެ.
3. ޗިލީ
ވޯލްޑް ކަޕްގައި ދެކުނު އެމެރިކާ ސަރަހައްދުން ވާދަކުރާ ޗިލީ މުބާރާތަށް ކޮލިފައިނުވީ ތާވަލުގެ ހަވަނައަށް ވެއްޓުމުންނެވެ. އެޓީމު ވަނީ ކޮލިފިކޭޝަނުގެ އެންމެ ފަހު މެޗުގައި ބްރެޒިލް އަތުން 3-0 އިން ބަލިވެފަ އެވެ.
ވޯލްޑް ކަޕަށް ކޮލިފައިނުވުމުން ޗިލީގެ ކޯޗު ޖުއާން އެންޓޯނިއޯ ޕިއްޒީ ވަނީ ވަގުތުން މަގާމުން އިސްތިއުފާ ދީފަ އެވެ.
ދެކުނު އެމެރިކާ ސަރައްހައްދުގެ އެންމެ ގަދަ އެއް ބާރު ކަމަށްވާ ޗިލީ ވޯލްޑް ކަޕަށް ކޮލިފައިނުވިއިރު، މި ސަރަހައްދުގައި ހިމެނޭ ބްރެޒިލް އާއި އާޖެންޓީނާ ވަނީ މިފަހަރުވެސް ވޯލްޑް ކަޕުން ޖާގަ ހޯދާފަ އެވެ.
4. ހޮލެންޑް
ހޮލެންޑް ނުވަތަ ނެދަލޭންޑްސް މިއަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިނުވީ ޔޫރަޕިއަން ކޮލިފިކޭޝަނުގައި އެޓީމު ހިމެނުނު ގްރޫޕުގެ ދެވަނައަށް ދިއުމުން ކުޅުނު ޕްލޭއޮފްގައި ސްވިޑެން އަތުން ބަލިވުުމުންނެވެ.
ޕްލޭއޮފްގައި ސްވިޑެން އަތުން ހޮލެންޑް ބަލިވެ މުބާރާތުގެ ޖާގައެއް ނުލިބުމުން، އާޔެން ރޮބެން ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފަ އެވެ.
މިފަހަރު އެހެން އަހަރުތަކާ ޚިލާފަށް ވޯލްޑްކަޕްގައި 32 ޓީމު ވާދަކުރާނެ އެވެ. އެއީ މުބާރާތް ބާއްވާ ގައުމާއެކު ކޮލިފައިން ކުޅެގެން ޖާގަ ހޯދި 31 ޓީމެވެ.
މީގެތެރޭގައި އައިސްލޭންޑް އަދި ޕެނަމާ އަކީ މުބާރާތުން މުޅިން އަލަށް ޖާގަ ހޯދި ދެޓީމެވެ. އައިސްލޭންޑަކީ މުބާރާތުގައި ވާދަކުރާ އެންމެ އާބާދީ ކުޑަ ގައުމެވެ. މުބާރާތުގައި ޖުމްލަ 64 މެޗު ކުޅެން ޖެހޭއިރު، އެ މެޗުތައް ކުޅޭނީ 11 ސިޓީއެއްގެ 12 ސްޓޭޑިއަމްގަ އެވެ.
ވޯލްޑް ކަޕް 2018 ފެށެން 99 ދުވަސް: މިއަހަރު ނުފެންނާނެ ބައެއް ވަރުގަދަ ގައުމުތައް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ