ޝަހީދު ހުސެއިން އާދަމް: ޖީލުގެ ބަޠަލު

ބޮޑުތިލަދުއްމައްޗަށް އުފަންވި ޝަހީދު ހުސެއިން އާދަމަކީ، މިއަދު ދިވެހިން ފަހްރުވެރިވާ ބަތަލެ ހދ ކުޅުދުއްފުއްޓަށް ނިސްބަތްވާ، ޝަހީދު ހުސެއިން އާދަމަކީ، އުމުރުން އެންމެ 20 އަހަރުގައި ގައުމާއި ދީނަށްޓަކައި ޖާނާއި ފުރާނައިން ގުރުބާން ވެގެން ދިޔަ ހިތްވަރު ގަދަ ބަތަލެކެވެ. ހުސެއިން އާދަމް ގައުމީ ހިދުމަތުގައި ސިފައިންގޭގައި މަސައްކަތް ކުރެއްވީ މުރާލި ކަމާއެކީގައެވެ. އޭނާ އަކީ އުޅުމާއި އަޚްލާގު ރަނގަޅު ސާދާ މިޒާޖެއްގެ ވެރިއެކެވެ. ހުސެން އާދަމް ސިފައިންގެ ޚިދުމަތާ ގުޅުނީ 9 މެއި 1984 ގައެވެ. 1986 ވަނަ އަހަރު ސިފައިންގޭގައި އެންމެ ފުރަތަމަ ޓާސްކްފޯސް ކޯހުގައި ބައިވެރިވެ އެތަމްރީން ފުރިހަމަ ކުރިއެވެ. ފުރަތަމަ މަސައްކަތް ކުރީ ޑިއުޓީ ސެކްޝަނުގެ ފޯރިމަރާ ބައިގައެވެ. އެއަށްފަހު 6 ޖޫން 1987 އިން ފެށިގެން މަސައްކަތް ކުރަމުން ގެންދިޔައީ ޓާސްކްފޯސް ގައެވެ. ހުސެން އާދަމް ވަނީ ސިފައިންގެ ޙިދުމަތުގައި 4 އަހަރާއި 5 މަސް ހޭދަކޮށްފައެވެ. ކޯޕްރަލް ޙުސައިން ޢާދަމް އަށް ނިސްބަތްވާ ގޮތަށް ސަރުކާރުންވަނީ ޝަހީދު ޙުސައިން ޢާދަމް ބިލްޑިންގް ގެ ނަމުގައި އިމާރާތެއް ބިނާކޮށްފައެވެ. މީގެ 29 އަހަރު ކުރިން ހުސެއިން އާދަމް އަޅުގަނޑުމެންނާއި ވަކިވެގެން ދިޔައީ، އެންމެ ފަހު ނޭވާއާއި ހަމައަށްވެސް މި ލޮބުވެތި ވަތަނުގެ ދުޝްމަނުންނާއި ދެކޮޅަށް ހަނގުރާމަ ކުރުމަށްފަހު ދިވެހިންނަށް ނަސްރު ހޯދާދެއްވުމަށްފަހުގައެވެ. ތިނެއް ނޮވެމްބަރު 1988 ވަނަ ދުވަހުގެ ރޭ މެންދަމުން އަލިވިލުނުއިރު، މުޅި ގައުމު އޮތީ، އަރާމު ނިންޖެއްގައި ނިދާފައެވެ. އެދުވަހުގެ ފަތިހު 4:15 ހާއިރު، ޝަހީދު ހުސެން އާދަމް ހުންނެވީ ސިފައިގެން މައި ގޭޓުގެ ހުޅަނގު ފަރާތުގައި ފޯރި މަރާށެވެ. ކުއްލިއަކަށް ވަޒަނެއްގެ އަޑުން މާލޭގެ އަމާން ޖައްވު ގުގުމާލިއެވެ. ދުޝްމަނުންގެ ފަރާތުން ފުރަތަމަ ހަމަލާ ދޭން ފެށިއިރަށް، ކުޅަދާނަ ޙުސައިން ޢާދަމް އޭގެ ރައްދުގައި ވަޒަން އައި ދިމާލަށް ބަޑިޖަހަންފެށިއެވެ. ހުސެއިން އާދަމް ދުޝްމަނުންނަށް ހަމަލާ ދޭން ފެށީ، ނިކަން ހުޝިޔާރު ކަމާއި ޖެހިލުންކުޑަ ކަމާ އެކުގައެވެ. އޭރު ސިފައިންގެ ތެރޭގެ ދިފާއީ ޑިއުޓީ ޕޮއިންޓްތަކަށް މީހުން ބަހާލައި ކަންތައްތައް ހަމަޖައްސާލަން ފުރުޞަތު ލިބުނީވެސް ޙުސައިން ޢާދަމް ގެ ސަބަބުންނެވެ. ދުޝްމަނުންނަށް ހަމަލާ ދޭން ފެށިތާ މާލަސްތަކެއް ނުވެ ޙުސައިން ޢާދަމްގެ އަތުން ވަޒަން ހުސްވިއެވެ. އެހެންނަމަވެސް އޭނާ ގޮވަމުންދިޔައީ އިތުރު މެގަޒިނެއް ދިނުމަށެވެ.  އޭރުވެސް ހުރީ އެވަރުގަދަ އަޒުމަށް ބަދަލެއް ނައިސް މަތިވެރި އަޒުމުގައެވެ. ހިތްވަރު ގަދަ ހުސެން އާދަމް ހުރީ ދިވެހިންގެ މިނިވަންކަން ނަގާލަން އައި ދުޝްމަނުންނަށް ދޫކުރާ ގޮތަކަށް ނޫނެވެ. އެހެން ނަމަވެސް ދުޝްމަނުންގެ ހަމަލާތަކުން އެރި ވަޒަން ތަކުން ޙުސައިން ޢާދަމްގެ މެޔާއި ހަށިގަނޑު ދިމަދިމާއިން ފޫއަޅުވައިލިއެވެ. އެހިނދު މިފަސްގަނޑު ދޫކޮށް ސިފައިންގެ މައި މަރުކަޒުގެ ފާރު އޭނާގެ ލެއިން ތެންމާލައި، ހުސެއިން އާދަމް ޝަހީދުވިއެވެ. ހުސެއިން އާދަމް ދިވެހިންނާއި ވަކިވެގެން އަބަދުގެ އަބަދަށް ލޯ މަރާލީ، މިލޮބުވެތި ވަޠަން މިނިވަންކަމަށްޓަކައި ކުރަމުންދިޔަ މަތިވެރި ޖިހާދަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދީފަ ކަން ޔަގީނެވެ. އަދި ކޮންމެ ސިފައިންގެ މީހަކަށް ވެސް ނަމޫނާއެއް ދައްކައިދީފައެވެ. މިއަދު އަޅުގަނޑުމެން ނަސްރުގެ ދުވަސް ފާހަގަ ކުރާއިރު ޝަހީދު ހުސެން އާދަމްގެ ޒިކުރާ އާކޮށް، ހުސެން އާދަމްގެ ހިތްވަރުން އިބްރަތް ހާސިލް ކުރަންޖެހެއެވެ.  މާތް ރަސްކަލާނގެ ޝަހީދު ޙުސައިން ޢާދަމްގެ ފުރާނައާއި މި އުދުވާނުގައި ޝަހީދުވެގެންދިޔަ ފުރާނަތަކަށް ބަރަކާތް ލައްވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށިއެވެ. އާމީން.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ