ފަރުވާއަށް ހާޒިރުވުމަށް ކޯޓުން ހުކުމްކޮށްފައިވާ މީހަކު ބަނގުރާ ފުޅިއަކާއިއެކު ހައްޔަރުކޮށްފި

ފަރުވާއަށް ދިއުމަށް ޑްރަގް ކޯޓުން ޙުކުމް ކޮށްފައިވާ މީހަކު މަސްތުވާ ތަކެއްޗާއެކު ހުޅުމާލެއިން ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ މި މައްސަލަ އާއި ގުޅިގެން 24 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވަނީ އިއްޔެ ހަވީރު 17:30 ހާއިރު ހުޅުމާލޭގައި މަސައްކަތްކުރާ ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ހުޅުމާލެ، 55 ނަންބަރު ފްލެޓް ކައިރިން ހިނގާފައި ދަނިކޮށް ކަމަށެވެ.
މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސްކުރިއިރު ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި  ”ލަންޑަން ޑްރައި ޖިން” ފުޅިއެއް މިމީހާ ލައިގެންހުރި ޖީންސް ތެރެއިން ފެނިފައިވާ ކަމަށާއި މިމީހާ ލައިގެން ހުރި ޖީންސްގެ ކުރިމަތިފަރާތު ޖީބުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 7 ސެލޯފިންކޮޅު ވެސް ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާއަކީ 17 ފަހަރު ހުއްޓުވާ ސުވާލުކޮށް 8 ފަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް 4 ފަހަރު ހައްޔަރު ކޮށްފައިވާ މީހެކެވެ. އަދި އޭނާއަކީ މަސްތުވާތަކެތީގެ މައްސަލަތަކާއި ވައްކަމުގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެކެވެ.
މީގެ އިތުރުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާއަކީ ފަރުވާ ހޯދުމަށް މި ފެބްރުއަރީ 19 ވަނަ ދުވަހު ކަމާބެހޭ އިދާރާއަށް ޙާޟިރު ވުމަށް މި ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ޑްރަގް ކޯޓުން ޙުކުމް ކޮށްފައިވާ މީހެއް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ