ހެންވޭރު ސްކޫލް ބިޑަށްލީ ފައިދާ ހޯދާކަށެއް ނޫން - ސިޓީ ކައުންސިލް

މަދަރުސަތުލް އަމީރު އަހުމަދު ބިޑަށް ލައިގެން ހިންގުމަށް ސިޓީ ކައުންސިލުން އިއުލާންކުރީ ކައުންސިލަށް ފައިދާތަކެއް ހޯދުމަށް ނޫން ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.
ވީނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ވާހަކަފުޅު ދައްކަވަމުން ކައުންސިލަރ އިބުރާހިމް ޝުޖާއު ވިދާޅުވީ، މި ޕްރޮޖެކްޓުގެ ސަބަބުން ކައުންސިލަށް އެއްވެސް ކަހަލަ އާމްދަނީއެއް އިތުރު ނުވާ ކަމަށާއި، މިއީ ހެންވޭރުގެ ރައްޔިތުންގެ ލާބައާ މަންފާއަށް ކުރެވިގެންދާ، ދިގު މުއްދަތަކަށް ފައިދާ ލިބޭނެ ކަމެއް ކަމަށެވެ.
ޝުޖާއު ވިދާޅުވީ، ހެންވޭރު ސުކޫލް ނުވަތަ މަދަރުސަތުލް އަމީރު އަހުމަދު އިތުރަށް ތަރައްގީ ކުރުމަށް ބޭނުން ފަރާތަކަށް އެފުރުސަތު ހުޅުވާލުމުން ބޭރުގެ ހަ ފަރާތަކާއި، ދިވެހި ތިން ފަރާތެއް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި މި ޕްރޮޖެކްޓްގައި މިހާރު ކުރެވެމުންދާ މަސައްކަތަކީ ޝައުގުވެރިކަން ފާޅުކޮށްފައިވާ ކުންފުނިތަކުގެ ބިޑު އިވަލުއޭޓް ކުރުމުގެ މަސައްކަތް ކަމަށެވެ.
އެޑިއުކޭޝަނުން ކަނޑައަޅާފައިވާ ފެންވަރު މިހާރު އެސުކޫލްގައި ނެތް ކަމަށާއި، ސުކޫލްގެ އިންފްރާސްޓްރަކްޗަރވެސް ހުރީ ރަނގަޅަށް ނޫން ކަމަށް ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު އިތުރަށް ވިދާޅުވީ، ސުކޫލް ތަރައްގީ ކުރުމަށް ބަޔަކާއި ހަވާލުކުރަނީ ހެންވޭރުގެ ރައްޔިތުން ބޭނުންވާ ބަދަލުތައް ސުކޫލަށް ގެނައުމަށް ކަމަށާއި، މިހާރު ކުރިއަށް ގެންދާ ޕްރީ ސުކޫލް ކުދިންގެ ބަޔަށް މިކަމުގެ އަސަރު ނުކުރާނެ ކަމަށެވެ. އަދި ޕްރީ ސުކޫލްގެ ކަންތައްތައް ބަލަހައްޓާނީ ކަނޑައެޅިފައިވާ ގޮތަށް ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން ކަމަށްވެސް ވިދާޅުވިއެވެ.
ސުކޫލް ބިޑަށް ލުމުން ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށް، ޝަކުވާތަކެއް ހުށަހެޅި ކަމަށާއި، އެޝަކުވާތައް މިހާރު އެންޓި ކޮރަޕްޝަން ކޮމިޝަނާ ހިއްސާކޮށްގެން ބަލަމުން ގެންދާ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. އަދި
މިސުކޫލް ތަރައްގީ ކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކުގެ ނަންތައް ބިޑް އިވަލުއޭޓްކޮށް ނިމުމުން މީޑިޔާއަށް އާއްމު ކުރާނެ ކަމަށްވެސް ކައުންސިލުން ހާމަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ