ހުޅުމާލޭގައި ދެ ސްކޫލް ހެދުމަށް ހުޅުވާލައިފި

ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ހުޅުމާލޭގައި ހަ ބުރީގެ ދެ ސްކޫލް އިމާރާތްކުރުމަށް މިއަދު ބީލަމަށް ހުޅުވާލައިފި އެވެ.
ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވާ ގޮތުގައި ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ދެ ސްކޫލް ޑިޒައިންކޮށް އިމާރާތްކުުރުމަށް ޝައުގުވެރިވާ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.
ބީލަމުގައި ބައިވެރިވުމަށް 1،500ރ. ގެ ނޮން ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެ ކަމަށް އިއުލާންގައިވެ އެވެ. ބީލަން ފޮތް ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށާއި އަންނަ މަހުގެ 5 އިން މާޗް 5 ގެ ނިޔަލަށް، ބަންދު ނޫން ކޮންމެ ދުވަހަކު 8:30 އިން 13:00 އަށް ފިނޭންސް މިނިސްޓްރީން ރަޖިސްޓްރޭޝަން ފީ ބަލައިގަންނާނެ ކަމަށް ބުނެފައިވެ އެވެ.
އިއުލާންގައި ބުނެފައިވާ ގޮތުގައި މި ޕްރޮޖެކްޓުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 200،000ރ. އަދި ޕާފޯމަންސް ސެކިއުރިޓީގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ ފަސް ޕަސެންޓް ހުށަހަޅަންޖެހޭނެ އެވެ. އަދި އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ 15 ޕަސެންޓް އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ބީލަން ހުޅުވުން އޮންނާނީ މާޗް 6 ވާ ހޯމަ ދުވަހުގެ 10:00 ގައި ފިނޭންސް މިނިސްޓްރީގެ ޕަބްލިކް ޕްރޮކިޔުމަންޓް ސެކްޝަންގެ ޖަލްސާކުރާ މާލަމުގަ އެވެ.
ހުޅުމާލޭގައި ހަތަރު ސްކޫލް ހުރެ އެވެ. އަދި މުޅިން އާ ކޮންސެޕްޓަކަށް ހުޅުމާލޭގައި އަޅާ ރާއްޖޭގެ އެންމެ ބޮޑު ސްކޫލް އިމާރާތް ކުރުމުގެ މަސައްކަތް، 132 މިލިއަން ރުފިޔާ އަށް އަމިން ކޮންސްޓްރަކްޝަންއާ ވަނީ ހަވާލުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ