މެމްބަރުން އެނބުރި ވަޑައިގެންފި ނަމަ ގައުމުގެ ހުރިހާ ކަމެއް އެއް ފަހަރާ ހަމަޖެހޭނެ: ގާސިމް

ޖުމްހޫރީ ޕާޓީ އާއި އެމްޑީޕީ ދޫކުރައްވައި ސަރުކާރު ހިންގާ ޕީޕީއެމްއާ ގުޅިވަޑައިގެންފައިވާ މެމްބަރުން، އެ ބޭފުޅުންގެ އަސްލަށް ރުޖޫއަވެއްޖެ ނަމަ "މުޅި ގައުމުގެ ހުރިހާ ކަމަހެއް އެއްފަހަރާ ހަމަޖެހިގެން ދާނެ" ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާދީއްތަ ދުވަހުގެ ރޭ ވިދާޅުވެއްޖެ އެވެ.
ގާސިމް މިހެން ވިދާޅުވީ، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ ބޯމަތިވެފައި ވަނިކޮށެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވާދަކުރާ 94 ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރަން، އެ ޕާޓީގެ މައި އޮފީސް، މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ ގައުމުގެ ސަލާމަތާއި އަމާންކަން ދެމެހެއްޓުމަށާއި ގައުމުގެ ބާއްޖަވެރިކަން ގެނައުމަށްޓަކައި ރައްޔިތުންގެ ހައްގުތައް އެ ބައިމީހުންނަށް ފުރިހަމަކޮށްދޭންޖެހޭ ކަމަށެވެ. މި ގައުމު ފަސާދައިގެ ތެރެއަށް ގޮސް، މުއައްސަސާތަކުގެ އަގުވެއްޓޭ ހިސާބަށް ގޮސްފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ ރައްޔިތުންގެ މަތިން ހަނދާންނެތި، ވަކި ބައެއްގެ ހައްގުތަކަށް މަސައްކަތްކުރައްވާ ބޭފުޅުންނަށް ވެގެން ނުވާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
"މި ދިވެހި ގައުމުގެ ހަމަޖެހުމާއި އަމާންކަމަށްޓަކައި، ރައްޔިތުންގެ މަސްލަހަތަށްޓަކައި ވެސް އަޅުގަނޑުމެންގެ ޕާޓީން ދިޔަ 9 މެމްބަރުންނާއި އަދި އެމްޑީޕީން ވަކިވެގެން ދިޔަ މެމްބަރުން އެނބުރި ވަޑައިގަތުމުން ގައުމުގެ ހުރިހާ ކަމެއް ހަމަޖެހިގެން ދިޔައީ،" ގާސިމް ވިދާޅުވި އެވެ.
މި މެމްބަރުން އަސްލަށް ރުޖޫއަވެއްޖެ ނަމަ، ޕާޓީގެ ދިދަ ބަދަލު ކުރަން ނޭންގޭނެ ކަމަށާއި ގާނޫނާ ހިލާފަށް ކަންކަން ކުރުން ވެސް ހުއްޓުވި ޒިންމާދާރުކުރެވޭނެ ކަމަށް ގާސިމް ވިދާޅުވި އެވެ. 
މިހާރު މިއޮތް ސަރުކާރު ހޮވިފައިވަނީ، ރައްޔިތުންގެ ގާތަށް އޭނާ ވަޑައިގެން ސަލާންޖަހައިގެން ކަމަށް ގާސިމް ވިދާޅުވި އެވެ. ނަމަވެސް މި ސަރުކާރުން ވެސް އޭނާގެ ގައިގައި ޖެހީ ކޮޅުފައިން ގާސިމް ވިދާޅުވި އެވެ. 
ސަރުކާރުން އަނިޔާވެރިވަމުންދާ ކަމަށް އިޝާރަތް ކުރައްވައި ގާސިމް ވިދާޅުވީ ހިޓިލަރާއި ފިރުއަނުވެސް ނިމިގެން ދިޔައީ ކުޑަ ހިނދިކޮޅެއްގެ ތެރޭގައި ކަމަށެވެ.  ގައުމު ހަމައަކަށް އެޅުވުމަށްޓަކައި މަތީ ތައުލީމު ހާސިމް ކުރއްވާ ބޭފުޅުން އިސް ނަގައި، ގާނޫނީ އިމުގެ ތެރެއިން ކަންކަން ކުރުމަށް ގާސިމް ގޮވާލެއްވި އެވެ.
ގާސިމް ވިދާޅުވީ އޭނާގެ މުދަލާއި ރިސޯޓްތައް ނަގައި، އެކައުންޓްތައް ފްރީޒު ކުރިޔަސް އެއްވެސް ފަރުވާލެއް ނެތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ