ޖޭއެސްސީ އަށް މަޖިލިހުން ގާސިމް ހޮވައިފި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މެމްބަރަކު ހޮވަން މިއަދު އޮތް ވޯޓުގައި އެމްޑީޕީގެ މާރިޔާ އަހުމަދު ދީދީއާ ވާދަކުރައްވާ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ހޮވިވަޑައިގެންފި އެވެ.
މިއަދުގެ ޖަލްސާ އަށް ވަޑައިގެންނެވި 76 މެމްބަރުންގެ ވޯޓަށް ރިޔާސަތުން ފުރަތަމަ ހުށަހެޅުއްވީ މާރިޔާގެ ނަންފުޅެވެ. ޖޭއެސްސީ އަށް އޭނާ އައްޔަންކުރަން 36 މެމްބަރުން ތާއީދުކުރެއްވި އިރު 37 މެމްބަރުން ވޯޓު ދެއްވީ މާރިޔާއާ ދެކޮޅަށެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމްގެ ނަންފުޅަށް ވޯޓަށް އެހުމުން ޑީއާރުޕީ/ޕީއޭ ކޯލިޝަންގެ މެމްބަރުންގެ ތާއީދާ އެކު 38 މެމްބަރުން އޭނާއާ އެއްކޮޅަށް ވޯޓު ދެއްވި އެވެ. ދެކޮޅަށް ވޯޓު ދެއްވީ 36 މެމްބަރުންނެވެ.
ވޯޓަށް ފަހު ވީޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި ގާސިމް ވިދާޅުވި ގޮތުގައި މަޖިލީހުގެ ވޯޓުން ދައްކައިދިނީ ޝަރުއީ ދާއިރާ މިނިވަންކަންމަތީގައި ބާއްވަން މެމްބަރުން ބޭނުންވާކަމެވެ. އެހެންވެ ޖޭއެސްސީގައި މަސައްކަތްކުރައްވާނީ ގާނޫނު އަސާސީ އާއި އިސްލާމްދީނާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން "ވަކި މީހެއްގެ ކަނދުރާއަކަށް މޫނަކަށް ބެލުމެއް ނެތި އިންސާފުވެރިކަމާ އެކު" މަސައްކަތް ކުރައްވާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
"ޖުޑީޝަރީގެ ކަންތައްތައް އިންޑިޕެންޑްކޮށް ގެންދިއުމަށްޓަކައި އެއް ފަރާތެއްގެ ބާރު ރައްޔިތުންގެ މަޖިލީހާއި ސަރުކާރު އަދި ޖުޑީޝަރީގެ މައްޗަށް ނުހިނގާނެ ގޮތަށް އޮތުމަކީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރުން ބޭނުންފުޅުވާ ގޮތްކަން އަޅުގަނޑުމެންނަށް މި އެނގިގެން ދިޔައީ،" ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސަރުކާރުގެ އާރައި ބާރު އޮއްވައި ވެސް މަޖިލީހުގައި ތިއްބަވާ އެއްވެސް ޕާޓީއަކަށް ނިސްބަތް ނުވާ މެމްބަރުން އޭނާއާ އެއްކޮޅަށް ވޯޓު ދެއްވީތީ އެންމެ ބޮޑު ޝުކުރު ހައްގުވަނީ އެ މެމްބަރުންނަށް ކަމަށެވެ.
"އަޅުގަނޑަށް އިނގޭ އަޅުގަނޑަށް ވޯޓު ނުދެއްވި ބޭފުޅުންނަކީ އަޅުގަނޑުގެ ވަރަށް ގާތް ރައްޓެހިން. އެހެން ނަމަވެސް އެއީ ތްރީލައިން ވިޕެއް ނޫނިއްޔާ އަދި އެހެން ވެސް ޕާޓީ ސިސްޓަމްގައި އެ ބާވަތުގެ ކަންތައްތައް ހުންނައިރު ކަންތައްތައް ވާނެ ގޮތް،" އޭނާ އަށް ވޯޓު ދެއްވި އަދި ނުދެއްވާ މެމްބަރުންނަށް ވެސް ޝުކުރު އަދާކުރައްވަމުން ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަބަދުވެސް ރައްޔިތުންނާ ހަމައަށް އެންމެ މުހިންމު ކަންކަން ވާސިލުވަނީ އިދިކޮޅު މެމްބަރުންގެ ފަރާތުން ކަމަށެވެ.
ޖޭއެސްސީގައި ހިމެނޭ މަޖިލީހުގެ މެމްބަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އުނގޫފާރު ދާއިރާގެ މެމްބަރު ޑރ. އަފްރާޝީމް އަލީގެ މައްޗަށް، އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި މިދިޔަ އާދީއްތަދުވަހު އޭނާ އެ މަގާމުން ވަކިކުރުމާ ގުޅިގެންނެވެ. އެމްޑީޕީން ހުށަހެޅި ގޮތަށް ޑރ. އަފްރާޝީމް ޖޭއެސްސީން ވަކިކުރަން ފެނޭތޯ ބެލުމަށް އެ ދުވަހު ނެގި ވޯޓުގައި، ހާޒިރުވެ ތިއްބެވި 74 މެމްބަރުންގެ ތެރެއިން އެކަމަށް ތާއީދުކުރެއްވީ 38 މެމްބަރުންނެވެ. ޑރ. އަފްރާޝީމް ވަކިކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 34 މެމްބަރުންނެވެ. އަދި އެއް މެންބަރަކު ވޯޓު ދެއްވީ ވަކި ގޮތަކަށް ވޯޓު ދެއްވަން ބޭނުންނުވާ ކަމަށެވެ.
"ހަވީރަ"ށް ދެއްވި އިންޓަވިއުއެއްގައި ގާސިމް އިއްޔެ ވިދާޅުވީ އޭނާ ޖޭއެސްސީ އަށް ކުރިމަތިލައްވަން ނިންމެވީ ދައުލަތުގެ ތިން ބާރު މަސްހުނިކޮށްގެން ގައުމު ހިންގުމުން ސަލާމަތްކުރުމަށްޓަކައި ކަމަށެވެ. އޭނާ ވިދާޅުވީ ޝަރުއީ ދާއިރާ "އެއްބައެއްގެ އަތް މައްޗަށް ދިއުމުގެ އިތުރުން ދައުލަތުގެ ތިން ބާރުގެ މައްޗަށް އެއްބަޔަކު ވެރިވެ ގަތުމަކީ ވަރަށް ނުރައްކާތެރި ކަމެއް" ކަމަށެވެ.
"އެ މާހައުލު މެދުވެރިވިޔަ ދޭން ބޭނުންނުވާތީ ޖޭއެސްސީ އަށް ކުރިމަތިލާން އަޅުގަނޑު ނިންމީ. އިދިކޮޅު މެމްބަރުންގެ ތެރެއިން އެންމެ ފަސޭހަ އިން އެކަން ކުރެވިދާނެ މީހަކީ އަޅުގަނޑު ކަމަށް ގަބޫލުކުރެވޭތީ މި ފިޔަވަޅު މި އަޅަނީ،" ގާސިމް ވިދާޅުވި އެވެ.
"ދައުލަތުގެ ތިން ބާރު އެއްބައެއްގެ އަތް މައްޗަށް ގޮސްފި ނަމަ މި ގައުމުގެ ހާލަތު އެ ދިޔައީ ކުރީގައި އޮތް ގޮތަށް. ވަންމޭން ޝޯއެއްގެ ގޮތުގައި މި ގައުމު ހިންގާނީ އޭރުން. އެހެންވިޔަ ނުދޭން އަޅުގަނޑުމެން މަސައްކަތް މިކުރަނީ. މި ގާނޫނު އަސާސީ އިސްލާހު ކުރިއިރު ރިޔާސަތުގައި ހުރި މީހެއްގެ ހައިސިއްޔަތުން މިއީ އަޅުގަނޑަށް ވަރަށް އަސަރުކުރާ ކަމެއް،" ގާސިމް ވިދާޅުވި އެވެ.
ޖޭއެސްސީ އަށް މާރިޔާ އިންތިހާބުކުރުމަށް އެމްޑީޕީން އިއްޔެ ނިންމުމާ ގުޅިގެން ޕާޓީގެ ޗެއާޕާސަންގެ މަގާމުން އޭނާ ވަނީ އިސްތިއުފާ ވެސް ދެއްވައިފަ އެވެ.
މާރިޔާ ވިދާޅުވި ގޮތުގައި އޭނާ ޖޭއެސްސީގައި ތަމްސީލުކުރައްވާނީ އެމްޑީޕީގެ މެމްބަރެއްގެ ދައުރެއް ނޫނެވެ. އޭގެ ބަދަލުގައި އޭނާ މަސައްކަތްކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުން ރައްޔިތުންނަށް ފައިދާ އާއި ލާބަ އަށް ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުން ޖޭއެސްސީ އަށް އައްޔަން ކުރައްވާ މެމްބަރަކީ ވަކި ގޮތަކަށް ނުފޫޒު ފޯރުވުމަށް އައްޔަންކުރާ މެމްބަރެއްގެ ގޮތުގައި ރައްޔިތުންނަށް ހީވަނީ އެ ކޮމިޝަނުގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން މަސައްކަތް ނުކުރެވޭތީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ