ޕީޕީއެމްގެ އާންމު ޖަލްސާއެއް ބާއްވަން މައުމޫން ނިންމަވައިފި

ޕީޕީއެމްގެ ފަސްވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް އާންމު ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ.
މިޖަލްސާ ބާއްވާނެ ކަމަށް މިއަދު އިއުލާންކުރެއްވީ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކުރެއްވި ޓްވީޓެއްގަ އެވެ.
ރައީސް މައުމޫންގެ ޓްވީޓްގައި ވިދާޅުވީ ޕީޕީއެމްގެ ފަސްވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިމަހުގެ 31 ވަނަ ދުވަހުގެ ރޭ "އަޅުގަނޑު އާންމު ޖަލްސާއެއް ބާއްވާނަން" ކަމަށެވެ.
"މިޖަލްސާއަށް ވަޑައިގެން ދެއްވުމަށް ޕީޕީއެމްގެ ލޮބުވެތި މެންބަރުންނަށް އަޅުގަނޑު ދައުވަތު އަރުވަން. އެންމެ ފުރަތަމަ ގައުމު،" ޕީޕީއެމްގެ އާންމު ޖަލްސާއާއި ގުޅޭގޮތުން ރައީސް މައުމޫން ކުރެއްވި ދެވަނަ ޓްވީޓްގައި ވިދާޅުވެފައިވެ އެވެ.
ޕީޕީއެމްގެ އާންމު ޖަލްސާއެއް ބާއްވާނެ ކަމަށް ރައީސް މައުމޫން އިއުލާންކުރައްވާފައި މިވަނީ ރައީސް މައުމޫންއާއި ރައީސް އަބްދުﷲ ޔާމީންއާ ދެމެދު އުފެދިފައިވާ ހިޔާލުތަފާތުވުންތައް ބޮޑުވެ ޕާޓީގެ ތެރޭގައި ދެ ފެކްޝަނެއް އުފެދިފައިވާ ވަގުތެއްގައި ދެ ފެކްޝަން ސުލްހަވެރިކުރުވުމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕުން މަސައްކަތްތަކެއް ކުރަމުންދާ ވަގުތެއްގަ އެވެ.
ޕީޕީއެމްގެ އާންމު ޖަލްސާއެއް ބާއްވަން ރައީސް މައުމޫން ނިންމެވި ނަމަވެސް މިޖަލްސާ ބާއްވާނޭ ތަނެއް އެމަނިކުފާނު ހާމަކުރައްވާފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ