މިއަދު ރައްޔިތުން މުޅި ޤައުމުގެ ޙައްޤުގައި ވިސްނަންޖެހޭ: ރައީސް

ވަކި ވަކި ފަރުދުންގެ މަސްލަޙަތާއި މެދު ވިސްނުމުގެ ބަދަލުގައި މުޅި ޤައުމުގެ ޙައްޤުގައި މިއަދު ދިވެހި ރައްޔިތުން ވިސްނުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އެދިވަޑައިގެންފިއެވެ. އެމަނިކުފާނު މިގޮތަށް އެދިވަޑައިގެންނެވީ ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށްޓަށް މިއަދު ވަޑައިގެން ކުޅުދުއްފުށި އެއާޕޯޓް ހުޅުއްވައިދެއްވައި އެރަށުގައި ޤާއިމްކޮށްފައިވާ ބޮޓްލިންގ ފެކްޓްރީގެ ޚިދުމަތް ފަށްޓަވައި ދެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ، ކުރިމަގަށް ވިސްނާ ރައްޔިތުން މިއަދު ގޮތެއް ނިންމަން ޖެހޭކަން ފާހަގަކުރައްވާ ހުރިހާ ދިވެހި ރައްޔިތުންގެ ޙައްޤުގައި ހަމަޖެހިގެން ޤައުމަށް ކުރިއަށް ދެވޭނެ ފުރުސަތު ދޭން ޖެހޭކަން ފާހަގަކުރައްވާފައެވެ.ޤައުމުގައި އަމަންއަމާންކަން ޤާއިމްކޮށް ސުލްޙަ މަސަލަސްކަން ދެމެހެއްޓެވުމުގެ މުހިންމުކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ޤައުމުގެ ތަރައްޤީއަށާއި، ރައްޔިތުންގެ ހަމަޖެހުމަށާއި، ޤާނޫނު ދެމެހެއްޓެވުމަށް ފުރުސަތު ދެއްވުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ. ރައްޔިތުން ބޭނުން ވަނީ ތަރައްޤީއާއި، ކުރިއެރުމާއި، ހަމަޖެހުންކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިސަރުކާރުން މިދަނީ ރައްޔިތުން ބޭނުންވާ ކަންކަން ފުއްދައިދެމުން ކަމަށާއި، މިއަދު ދިވެހި ރާއްޖެއިން މިދަނީ ތަރައްޤީ ފެންނަމުން ކަމަށެވެ.މި ދައުރުގެ ތެރޭގައި އެކި ގޮތްގޮތުން އެމަނިކުފާނުގެ ވެރިކަން ޓެސްޓް ކުރެވިފައިވާކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ މިއަދު ވިދާޅުވީ ވެރިކަމުގައި ހުންނެވިއިރު އެމަނިކުފާނަށްވުރެ ގިނަ ގޮންޖެހުންތަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ވެރިއަކު ނުހުންނަވާނެ ކަމަށެވެ. މިހުރިހާ ގޮންޖެހުންތަކާއެކު ސާބިތުކަމާއެކު ޤައުމަށް ޚިދުމަތް ކުރައްވަން ހުންނެވިކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު އަބަދުވެސް އެދިވަޑައިގަންނަވަނީ ދިވެހިރާއްޖެއަށް ކުރިއެރުން ލިބުން ކަމަށެވެ. ހދ. ކުޅުދުއްފުށީގައި މިއަދު ބޭއްވެވި މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުޅުދުއްފުށްޓަކީ އުތުރުގެ އިޤްތިޞާދުގެ ނާރެސް ކަމަށާއި، އުތުރުގެ ތަރައްޤީގެ ހަބް ކަމަށެވެ. މިއަހަރު ނިމުމުގެ ކުރިން ކުޅުދުއްފުށި އެއަރޕޯޓްގެ ޓަރމިނަލް ނިމޭނެކަމަށާއި، އެއާއެކު އެސަރަހައްދުގައި ފަތުރުވެރިކަން ފުޅާވެގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ