ޔޫރޯ 2020: ސްވިޑަންއިން ވަރުގަދަ ސްޕެއިން ހިފަހައްޓައިފި

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އީގައި ވަރުގަދަ ސްޕެއިން އާއި ސްވިޑެން ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމިއްޖެއެވެ.
މެޗުގެ ބޮޑުބައި ބޯޅަ ހިފަހައްޓައިގެން ކުޅެފައިވަނީ ސްޕެއިން އެވެ. ހާއްސަކޮށް ސްޕެއިން އިން އާންމުކޮށް ކުޅޭ ޑޮމިނޭޓް ފުޓުބޯޅަ ފެނިގެންދިޔަ ނަމަވެސް ނިންމާލާނެ ކުޅުންތެރިއެއް ނެތްތަން ދެއްކިއެވެ.
މި މެޗުގައި ސްވިޑަން ކުޅުނީ ވަރަށް ފަރުވާ ބަހައްޓައިގެންނެވެ. ސްޕެއިންގެ ކުޅުންތެރިން އަތަށް ބޯޅަ ލިބޭއިރަށް މުޅި ޓީމު ފަހަތަށް ޖެހިލައެވެ.
ފުރަތަމަ ހާފުގައި ކޮކޭ އާއި މޮރާޓާ އަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަަތުތަކެއް ލިބުނު ނަމަވެސް އެ ހުރިހާ ފުރުސަތެއް ވީ ބޭކާރެވެ.
މެޗުގެ ދެވަނަ ހާފްގެ ކުރީކޮޅު ވެސް ސްވިޑަން އަށް ވަނީ ލީޑު ނަގަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އެގޮތުން ސްޕެއިންގެ ޕެނަލްޓީއޭރިއާ ތެރޭ ހުހަށް ހުރެ ސްވިޑެންގެ ބާގް ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒު ނުވެ ބޭރަށެވެ.
މިއީ މިފަހަރުގެ މުބާރާތުގައި ގޯލެއް ނުފެނި ނިމުނު ފުރަތަމަ މެޗެވެ. ޔޫރޯގައި ސްޕެއިން އެންމެ އަވަހަށް ދެން މެޗެއް ކުޅޭނީ އަންނަ އާދީއްތަ ދުވަހުގައެވެ. އެ ދުވަހު ބައްދަލުކުރާނީ މިއަދު ސްލޮވާކިއާ އަތުން ބަލިވި ޕޮލޭންޑާއެވެ. އަދި އަންނަ ހުކުރުދުވަހު ސްވިޑަން ބައްދަލުކުރާނީ ސްލޮވާކިއާ އާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ