ދޮންބަންޑާރައިންގެ ޖިހާދުން އިބުރަތް ލިބިގަނެ ގައުމު ސަލާމަތްކުރަން މައުމޫން ގޮވާލައްވައިފި

ދޮންބަންޑާރައިން މި ގައުމު ހޮޅީންގެ އަތްދަށުން ސަލާމަތް ކުރުމަށް ކުރެއްވި މަތިވެރި ޖިހާދުން އިބުރަތާއި ހިތްވަރު ލިބިގެން ދިވެހި ގައުމު ސަލާމަތްކުރަން މަސައްކަތް ކުރުމަށް ދިވެހި ރައްޔިތުންނަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގޮވާލައްވައިފި އެވެ.
ސަރުކާރުން މިމަހުގެ ފަސް ވަނަ ދުވަހު ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ފުލުހުންގެ ބެލުމުގެ ދަށުގައި މިވަގުތު ދޫނިދޫގައި ހައްޔަރުކޮށްފައި ހުންނެވި ރައީސް މައުމޫން މިކަމަށް ގޮވާލައްވާފައިވަނީ ހުރަވީ ދުވަހުގެ ތަހުނިޔާ ޕީޕީއެމްގެ މެންބަރުންނަށާއި ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް ފޮނުއްވާ އާންމުކުރެއްވި މެސެޖްގައެވެ.
މައުމޫން ވިދާޅުވީ ހުރަވީ ދުވަހަކީ ތާރީހުން އިބުރަތް ލިބިގަންނަން ޖެހޭ އަދި ގައުމުގެ ކަންކަމާމެދު ވިސްނާ ފިކުރު ކުރަންޖެހޭ ދުވަހެއް ކަމަށެވެ. ހުރަވީ ދުވަސް އެބޭފުޅަަކަށް ނިސްބަތްވާ ދޮންބަންޑާރައިންގެ މަތިވެރި ޖިހާދާ މެދު ދިވެއްސަކަށްވީތީ ފަޚުރުވެރިވެ، ދިވެހި ކޮންމެ ދަރިއަކީވެސް އެ މަނިކުފާނު ފަދައިން ގައުމަށްޓަކައި، ގައުމުގެ ކޮންމެ ގޮވާލުމަކަށް އިޖާބަދޭން ތައްޔާރަށް ހުރި މީހަކަށް ވާން ޖެހޭނެ ކަމަށްވެސް ވިދާޅުވި އެވެ.
މައުމޫންގެ މެސެޖުގައި ވިދާޅުވީ ހުރަވީ ދުވަހަކީ ގައުމުގެ ކަންކަމާމެދު ވިސްނައި ފިކުރުކޮށް ގައުމަށް ހެޔޮ ބަދަލުތައް ގެނައުމަށް އަޒުމް ކަނޑައަޅަން ޖެހޭ ދުވަހެއް ކަމަށެވެ. ގައުމުގެ ކަންކަން މިއަދު މިހުރީ ވަރަށް ގޯސްކޮށް ކަން ގައުމަށް ހެޔޮއެދޭ ކޮންމެ ރައްޔިތަކުވެސް ގަބޫލުކުރާނެ ކަން ކަށަވަރު ކަމަށް ވެސް މައުމޫން ވިދާޅުވެފައިވެ އެވެ.
ރައީސް މައުމޫން ވިދާޅުވީ ގައުމެއް ގައުމެއްގެ ގޮތުގައި އޮންނާނީ އަދުލު އިންސާފާ ގާނޫނުގެ ހުކުމް ހަމަހަމަކަމާއި އެކު ދިވެހި ރައްޔިތުންނަށް ލިބިގެން ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންގެ ބަސް ނުބުނެވޭނެ ހާލަތަކަށް ނުފޫޒާއި ބާރުން އެތަނުގައި ތަޅުއަޅުވާފައިވާ ކަމަށާއި މިސަރުކާރުގައި ވައްކަމާއި ކޮރަޕްޝަނާއި އަނިޔާ ވަނީ އިންތިހާއަށް އިތުރުވެފައި ކަމަށްވެސް ބަޔާންގައި ފާހަގަކުރައްވާފައިވެ އެވެ.
މިމެސެޖުގައި ވިދާޅުވީ ދައުލަތުގެ މިލްކިއްޔާތުން މެދުކެނޑުމެއްނެތި ތަރައްގީގެ ނަމުގައި ހިންގާ ބޮޑެތި ހިޔާނާތުގެ ސަބަބުން ދިވެހީން މިއަދު ދަރަނިވެރިވެފައިވާ ކަމަށެވެ. ހަމަ އެހެންމެ ހާރިޖީ ސިޔާސަތު ހަރުދަނާ ނުވުމުން ދިވެހިރާއްޖެ އާއި ދިވެހިން ބޭރުދުނިޔޭގައި އެކަހެރިވެ، ނިކަމެތި ވަމުންދާ ކަމަށާއި، ގައުމު އިސްލާހުކުރަން ނިކުމެވަޑައިގެންނެވި ކޮންމެ ލީޑަރެއް އިންސާފުވެރި ނޫން ޝަރީއަތަކަށްފަހު ބޮޑެތި ހުކުމްތަަކަކާ އެކު ބަންދުކޮށްފައިވާ ކަމަށްވެސް ވިދާޅުވެފައިވެ އެވެ.
ސިޔާސީ ލީޑަރުންނާއި ދިވެހި ރައްޔިތުންނަށް މެދުކެނޑުމެއްނެތި ބޮޑެތި އަނިޔާތައް އިންތިހާއަށް ލިބެމުންދާ ކަން ފާހަގަކުރައްވާ މެސެޖުގައި ވިދާޅުވެފައިވަނީ ދިވެހި ރައްޔިތުންގެ ކިބައިން ނިގުޅައިގަންނަމުންދާ ހައްގުތައް ރައްކާތެރިކޮށް، ގައުމު ބިނާކޮށް، ތަރައްގީ ގެނައުމަށްޓަކައި ރާއްޖެއަށް ދެމެހެއްޓެނިވި ހަމަޖެހުމެއް ގެންނަން މަޖުބޫރުވެފައިވާ ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ ދިވެހި ރައްޔިތުންގެ ހެވާއި ލާބައަށްޓަކައި ގައުމު މިދާ މިސްރާބު ބަދަލުކުރުމަށް މަސައްކަތް ކުރުމަކީ މިވަގުތު އެންމެންގެ މައްޗަށް ލާޒިމު ކަމެއް ކަމަށެވެ. އަދި ރާއްޖޭގައި މާތްވެގެންވާ އިސްލާމްދީން ރައްކާތެރިކޮށް، ގައުމުގެ މިނިވަން ކަމާއި ސިޔާދަތު ދަމަހައްޓާ، ސިޔާސީ ލީޑަރުން މިނިވަންކޮށް، އަދުލު އިންސާފު ކަށަވަރު ކުރުމަކީ އަޅުގަނޑުމެން އެންމެންގެ ގައުމީ ވާޖިބަކަށް ވެފައިވާ ކަމަށްވެސް މައުމޫން ވިދާޅުވެފައިވެ އެވެ.
"ރާއްޖޭގެ އެންމެހާ ރައްޔިތުންނާއި، ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތައް ގުޅިގެން، ޤަގައުމުގެ މިހާރާއި މުސްތަގުބަލަށްޓަކައި އިތުރު އަޒުމަކާއެކު ގާނޫނު އަސާސީ އާއި ގާނޫނުތައް ހިމާޔަތް ކުރަން މަސައްކަތް ކުރުމަށް ގޮވާލަމެވެ. އަދި ދޮންބަންޑާރައިން މި ގައުމު ހޮޅީންގެ ފަރާތުން ސަލާމަތް ކުރުމަށް ކުރެއްވި މަތިވެރި ޖިހާދުން ޢިއިބުރަތާއި ޙިތްވަރު ލިބިގެން ދިވެހި ޤައުމު ސަލާމަތް ކުރަން މަސައްކަތް ކުރުމަށް ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް ގޮވާލަމެވެ." ދޫނިދޫގައި ހައްޔަރުކޮށްފައި ހުންނެވި މައުމޫންގެ މެސެޖްގައި ވިދާުވެފައިވެ އެވެ.
ހުރަވީ ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހެވެ. ހުރަވީ ދުވަހަކީ ދޮންބަންޑާރައިން ހޮޅިންނާއި ހަނގުރާމަކޮށް އެމީހުންގެ އަޅުވެތި ކަމުން ދިވެހިންނަށް މިނިވަންކަން ހޯދައިދިން ދުވަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ