މޫސަލް އިން ފިލަން އުޅުނު ބަޔަކު ޤަތުލުކޮށް ކަރަންޓް ދަނޑިތަކުގައި އެލުވައިފި

އައިއެސް ޖަމާޢަތުގެ ބާރުގެ ދަށުގައި އޮތް އިރާޤުގެ ރަށެއްކަމުގައިވާ މޫސަލުން ފިލަން އުޅުނު އާންމުންގެ ގިނަ ބަޔަކު ޤަތުލުކޮށް، އެމީހުންގެ ހަށިގަނޑު ކަރަންޓް ދަނޑިތަކުގައި އެލުވައިފިއެވެ. އެމީހުންގެ ހަށިގަނޑުތައް ކަރަންޓް ދަނޑިތަކުގައި އެލުވީ މޫސަލުން ފިލަން މަސައްކަތްކުރާ މީހުނަށް އިންޒާރެއްދިނުމުގެ ގޮތުންކަމަށްވެއެވެ.
ރޮއިޓާރސްއާއި ވާހަކަދެއްކި އާންމުންގެ މީހަކު ބުނީ ފިލަން މަސައްކަތްކުރި އޭނާގެ އާއިލާގެ ބަޔަކު ޤަތުލުކޮށް، އެމީހުންގެ ހަށިގަނޑު ކަރަންޓް ދަނޑިތަކުގައި އެލުވާފައި ހުންނަތާ މިހާރު 2 ދުވަސް ވެއްޖެކަމަށެވެ.
މީގެކުރިން އައިއެސްއައިއެސްއަށް ޖާސޫސް ކުރާމީހުންނަށާއި، އެ ޖަމާޢަތާ ދެކޮޅުވެރިވާ ފަރާތްތަކަށް މި އަދަބުވަނީ ދީފައެވެ. އަދި މިފަދަ ކަންކަމުގައި އަދަބެއްގެ ގޮތުން ސޮލިބަށްވެސް މީހުން އަރުވައެވެ.
އައިއެސް ޖަމާޢަތުގެ މި ހަމަލާއިން ސަލާމަތްވި ޝަހުވާން އަވަށުގެ އަންހެން މީހަކު ރޮއިޓާރސްއާއި ވާހަކަދައްކަމުން ބުނީ އޭނާގެ އާއިލާގެ ހަ މެމްބަރަކު އެ ޖަމާޢަތުން ޤަތުލްކޮށްފައިވާ ކަމަށެވެ. މިހާރު އިރާޤު ސަރުކާރުގެ ހިމާޔަތުގައިވާ ސަރަޙައްދެއްގައި ހުރި މި އަންހެން މީހާ ބުނީ އެމީހުން ފިލަން މަސައްކަތްކުރީ އެ ޖަމާޢަތުގެ މީހުން ގޭގެއަށް ވަދެ ރަނާއި ފައިސާ ހުރިތޯ ބަލައި، ސާމާނުތައް ގެންގޮސް އެކަމުގައި އެމީހުން މަސްޢޫލުވެ އުޅުނު ދަނޑިވަޅާއި ބަލާފައި ކަމަށެވެ.
ފާރުޤް އަވަށުގެ މީހަކު ރޮއިޓާރސްއަށް މަޢުލޫމާތުދެމުން ބުނީ ފިލަން މަސައްކަތްކުރި 40 އަށް ވުރެ ގިނަ މީހުން އެ ޖަމާޢަތުން ޤަތުލުކޮށްފައިވާކަމަށެވެ. ކުރުދިސްތާންގެ އަމާން ބަލަހައްޓާ ކައުންސިލުން ބުނީ މިދިޔަ ހަފްތާގެ ހޯމަ އަދި އަންގާރާ ދުވަހު އެކަނިވެސް 140 މީހުން އެ ޖަމާޢަތުން ޤަތުލުކޮށްފައިވާކަމަށެވެ.
އައިއެސް ޖަމާޢަތުން މޫސަލްއަށް ވެރިވެގަތްފަހުން 300 ހާހައްވުރެ ގިނަ މީހުން މިހާރުވަނީ އެ އަވަށުން ފިލައިގެން ގޮއްސައެވެ. އިންޓަރނޭޝަނަލް އޯރގަނައިޒޭޝަން ފޯ މައިގްރޭޝަނިން ބުނި ގޮތުގައި މިދިޔަ ހަފްތާގައި އެކަނިވެސް 30 ހާހައްވުރެ ގިނަ މީހުން މޫސަލް ދޫކޮށް ގޮސްފައިވެއެވެ.
އައިއެސް ޖާމާޢަތުގެ ބާރުގެ ދަށުގައި އޮންނަ އިރާޤް އަދި ސީރިޔާގެ ސަރަޙައްދުތަކުގައި ފިލަން މަސައްކަތް ކުރާ އަންހެނުންނާއި، ފިރިހެނުންނާއި އަދި ކުޑަކުދިން ވަރަށް އިހާނެތިކޮށް އަންނަނީ ޤަތުލުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ