ދަރިފުޅާ ބަދުއަޚުލާގީ އަމަލު ހިންގައިގެން ކުރީގެ ޑިރެކްޓަރު އަދުނާން ޖަލަށްލި މައްސަލަ ސުޕްރީމް ކޯޓަށް
ރައީސް އޮފީހުގެ ކުރީގެ ޑިރެކްޓަރު އަދުނާން ހުސައިން އޭނާގެ 16 އަހަރުގެ އަންހެން ދަރިފުޅާ ބަދުއަޚުލާގީ އަމަލު ހިންގިކަން ސާބިތުވާތީ ހަ އަހަރަށް ޖަލަށްލުމަށް ކުރި ހުކުމް އޭނާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.ބ. ތުޅާދޫ ގުލްބަހާރުގޭ އަދުނާން ހަ އަހަރަށް ޖަލަށްލުމުގެ އިތުރުން 39 އެތިފަހަރުން ތައުޒީރު ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 2012 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އެ މައްސަލަ އޭނާގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން މިދިޔަ ޖެނުއަރީ މަހު ވަނީ ދަށު ކޯޓުގެ ނިންމުން ރަނގަޅު ކަމަށް ނިންމައިފަ އެވެ."ހަވީރަ"ށް އެނގިފައިވާ ގޮތުގައި އަދުނާންގެ ފަރާތުން ހައި ކޯޓުގެ ހުކުމް އިސްތިއުނާފް ކުރަން ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް އަންނަ ބުރާސްފަތި ދުވަހު ބާއްވާ ގޮތަށް ސުޕްރީމް ކޯޓުގައި ވަނީ ތާވަލްކޮށްފަ އެވެ.އެ މައްސަލައިގެ ތުހުމަތުގައި އަދުނާން ހައްޔަރުކުރީ 2008 ވަނަ އަހަރު އެވެ. އޭރު އޭނާ ހައްޔަރުކޮށް ޝަރީއަތް ހިންގަން ފެށުމާ އެކު ރައީސް އޮފީހުން އޭނާ ސަސްޕެންޑްކުރި އެވެ. ނަމަވެސް އޭގެފަހުން 2009 ގައި ރައީސް އޮފީހުގެ އިދާރީ އޮނިގަނޑަށް ގެނައި ބަދަލާ ގުޅިގެން އަދުނާން ވަނީ އެ ވަޒީފާއިން ވަކިކޮށްފަ އެވެ.ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނަށް ބޮޑެތި އަދަބުތައް ކަނޑައަޅާ ގާނޫނެއް މިހާރު އޮންނަ ނަމަވެސް އަދުނާންގެ މައްޗަށް އަދަބު ކަނޑައެޅީ އޭގެ ކުރިން އަމަލުކުރަން އައި ޝަރީއަތް ކުރުމާ ބެހޭ ގަވާއިދުގެ ދަށުންނެވެ. ގާނޫނު އަސާސީ ބުނާގޮތުން ކުރިން ކޮށްފައި އޮންނަ ކުށަކަށް ފަހުން ހެދޭ ގާނޫނުގެ ދަށުން ބޮޑު އަދަބެއް ނުދެވޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ