މައުމޫން ޕީޕީއެމްއިން ވަކިކުރުމާއި މެދު މިރޭ ގޮތެއް ނިންމަނީ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޕީޕީއެމްއިން ވަކިކުރުމާމެދު، މިރޭ ގޮތެއް ނިންމާނެ ކަމަށް އެ ޕާޓީގެ ސުލޫކީ ކޮމެޓީން ބުނެފިއެވެ.
އެ ކޮމެޓީގެ މެމްބަރަކު ވިދާޅުވީ މި މައްސަލައަށް ޖަވާބުދާރީވެ ވަޑައިގަތުމަށް ދެ މެމްބަރަކު ކޮމިޓީއަށް ފޮނުވައި ދެއްވުމަށް ރައީސް މައުމޫންއަށް ރޭ ދަންނަވާފައިވާނެ ކަމަށެވެ. ނަމަވެސް އެމަނިކުފާނުގެ ފަރާތްޕުޅުން މި މައްސަލައަށް ޖަވާބުދާރީ ވެވަޑައިނުގެންފިނަމަ ޣައިރު ހާޒިރުގައި މައްސަލަ މިރޭ ނިންމާނެ ކަމަށް އެ މެމްބަރު ވިދާޅުވިއެވެ.
ރައީސް މައުމޫން ޕީޕީއެމްއިން ވަކިކުރުމަށް އެ ޕާޓީގެ ކައުންސިލުން އިއްޔެ ވަނީ ފާސްކޮށްފައެވެ. ކައުންސިލުން އެގޮތަށް ފާސްކުރި ނަމަވެސް މެމްބަރަކު ޕާޓީން ވަކިކުރެވޭނީ ސުލޫކީ ކޮމެޓީން އެކަމާމެދު ގޮތެއް ނިންމުމުންނެވެ.
މައުމޫން ޕީޕީއެމްއިން ވަކިކުރުމުގެ މައްސަލަ ކައުންސިލަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހެވެ. މި މައްސަލަ ފާސްވެފައިވަނީ 26 މެމްބަރުންގެ ވޯޓާއެކުއެވެ.
ޕީޕީއެމްގެ ކައުންސިލަށް ފަލާހު ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ ކޯޓުގެ އަމުރުން ޕާޓީގެ ހުރިހާ ބާރުތަކެއް ހަވާލުކޮށްފައި ވަނީ ޕީޕީއެމްގެ މުސްތަޝާރާ ކަމަށްވާއިރު އިދިކޮޅު ފަރާތްތަކާ އެކު އެއްބަސްވުންތަކުގައި ރައީސް މައުމޫން ސޮއިކުރައްވަނީ ސިވިލް ކޯޓުގެ އަމުރަށް ގޮންޖައްސަވައި ޕާޓީގެ މަސްލަހަތު ގެއްލޭގޮތަށް ކަމަށެވެ.
ސިވިލް ކޯޓުގެ އަމުރަށް ފުރިހަމައަށް ބޯލަނބައި ކިޔަމަންވުމަކީ ގާނޫނުއަސާސީ އާއި ކޯޓުތަކުގެ ގާނޫނުގެ ދަށުން ރައީސް މައުމޫންގެ މައްޗަށް ލާޒިމު ކަމެއް ކަމަށްވެސް އެ މައްސަލައިގައި ބުނެފައިވެއެވެ.
އަދި ޕާޓީގެ ކައުންސިލްގެ މަޝްވަރާއެއް ނެތި ދިވެހި ގައުމާއި ރައްޔިތުންނާއި ޕާޓީގެ މަސްލަހަތަށް ގެއްލުންވާ ފަދަ ސިޔާސަތުތައް އަމިއްލަ އަށް ކަނޑައަޅާ ޕާޓީގެ ސިއްކަ އާއި އެހެނިހެން ތަކެތި ބޭނުންކޮށްގެން ޕާޓީގެ ނަމުގައި ހިންގާ ސިޔާސީ އެކި ހަރަކާތްތަކަކީ ކަނޑައެޅިގެން ގާނޫނާއި ގަވާއިދާ ހިލާފަށް ކުރާ އަމަލުތަކެއް ކަމަށްވެސް ފަލާހު ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވެއެވެ.
 
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ