ޕީޕީއެމް ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމްގެ ފެކްޝަނުން އެޕާޓީގެ ނައިބު ރައީސް ކަމަށް ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ވަޙީދު (ލޯޔަރު ވައްޑެ) އާއި ޕީޕީއެމްގެ ކައުންސިލްގައި ކުރިން ހިމެނިވަޑައިގެންނެވި އާމިނަތު ނާދިރާ އައްޔަން ކޮށްފިއެވެ.
މިރޭ ބޭއްވި މައުމޫން ފެކްޝަންގެ ކައުންސިލް ބައްދަލުވުމުގައި ޕީޕީއެމްގެ ތަރުޖަމާން ކަމުގެ މަގާމުން ކެލާ ދާއިރާގެ މެންބަރު އަލީ އާރިފް ވަކިކޮށް އެމަގާމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއު ވެސް ވަނީ އައްޔަން ކޮށްފައެވެ.
ކައުންސިލް ބައްދަލުވުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެންބަރު ސުޖާއު ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި ބެހޭ ގޮތުން އެމްޑީއޭ އާއި ޖޭޕީ އާއި މަޝްވަރާ ކުރުމަށް ޕީޕީއެމްގެ ކައުންސިލުން މިރޭ ނިންމާފައިވާ ކަމަށެވެ.
މިރޭ ބޭއްވި ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމުގައި 13 ބޭފުޅުން ބައިވެރިވި ކަމަށް ރައީސް މައުމޫން ފެކްޝަނުން މައުލޫމާތު ދެއްވިއެވެ. ނަމަވެސް ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ރައީސް ޔާމިނަށް ތާއިދު ކުރައްވާ ބޭފުޅުންނަށް ދައުވަތު ދެއްވިކަން ރައީސް މައުމޫންގެ ފެކްޝަނުން ކަށަވަރު ކޮށެއް ނުދެއްވައެވެ.
މިރޭ ނައިބު ރައީސް ކަމަށް އައްޔަން ކުރި ނާދިރާ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ "އަޅުގަނޑުމެން މިތިބީ ރައީސް މައުމޫންގެ ފަހަތުގައި އިސްލާހީ މަސައްކަތުގައި" ކަމަށެވެ.
ކައުންސިލް އިންތިޚާބުގައި ވިހާވެސް ގިނަ އަންހެން ބޭފުޅުން ވާދަކުރެއްވުމަށް ނާދިރާ ގޮވާލެއްވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވައްޑެ ވިދާޅުވީ ރައީސް ޔާމީންގެ ފެކްޝަނުން ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމަށް އައްޔަން ކޮށްފައިވާ ނިލަންދޫ ދާއިރާގެ މެންބަރު ހަލީލް އަކީ ޕާޓީގެ އިންތިޚާބީ މަގާމެއްގައި ހުރި ބޭފުޅެއް ކަމަށާއި އެހެންކަމުން ހަލީލް އަށް ސެކްރެޓަރީ ޖެނެރަލްގެ މަގާމު ނުފުރުއްވެވޭނެ ކަމަށެވެ.
މައުމޫން ފެކްޝަނުން ޕީޕީއެމްގެ ނައިބު ރައީސް ކަމަށް ވައްޑެ އާއި ނާދިރާ އައްޔަން ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ