ރައީސް މައުމޫން ބަދުނާމުވާ ގޮތަށް ވާހަކަ ނުދައްކަން އަންގައިފި

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމް ބަދުނާމުވާ ގޮތަށް ބައެއް ފަރާތްތަކުން ވާހަކަ ދައްކާތީ ހިތާމަ ކުރާ ކަމަށް ޕީޕީއެމުން ބުނެފި އެވެ.
ޕީޕީއެމުން މިހެން ބުނީ އެ ޕާޓީގެ ލެޓަހެޑްގައި ނެރެފައިވާ ބަޔާނެއްގަ އެވެ.
ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވަނީ ރައީސް މައުމޫން އާއި ޕާޓީގެ ލީޑާޝިޕް ބަދުނާމުވާ ގޮތަށް ހަގީގަތާއި ހިލާފު ބައެއް ވާހަކަތައް މީޑިއާގައި އާއި ސޯޝަލް މީޑިއާގައި ހާއްސަކޮށް ވައިބަ ގުރޫޕްތަކުގައި ދައްކަމުން ދާތީ އެކަމާއި ހިތާމަކުރާ ކަމަށެވެ.
ބަޔާނުގައި ބުނެފައިވަނީ މިފަދަ ވާހަކަތައް ދައްކަވާ ބޭފުޅުންނަކީ ޕީޕިއެމްގެ މެންބަރުންނާއި ޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވަޑައިގަންނަވާ ބޭފުޅުން ކަމުގައިވާނަމަ އެކަމުގެ ސަބަބުން ޕާޓީގެ ތެރޭގައި ނުތަނަވަސްކަން އުފެދި ޕާޓީ ބައިބައިވުން އެކަށީގެންވާ ކަމަށެވެ.
މިފަދަ ކަންތައްތައް މި މޭރުމުން ހިނގާނަމަ ޕީޕީއެމް ބައިބައިކޮށް ބަލިކަށި ކުރުމަށް އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތްތަކަށް ހިތްވަރު ލިބޭނެ ކަމުގައިވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
"ވީމާ އެއްވެސް ފަރާތަކުން ޕާޓީގެ ރައީސް އާއި ޕާޓީގެ ލީޑާޝިޕް ބަދުނާމުވާ ފަދަ އެއްވެސް ވާހަކައެއް، ނުދެއްކުމަށް ނަސޭހަތްތެރިވެ އިލްތިމާސް ކުރަމެވެ.” ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.
ޕީޕީއެމްގެ ރައީސް މައުމޫން ބަދުނާމުވާ ގޮތަށް ބައެއް ފަރާތްތަކުން ވާހަކަ ދައްކާތީ ހިތާމަ ކުރާ ކަމަށް އެޕާޓީން ބުނެފައިވާއިރު ޕީޕީއެމްގެ ބައެއް މެންބަރުން ގެންދަނީ ފާޅުގައި ރައީސް މައުމޫނަށް ފާޑު ވިދާޅުވެ ސޯޝަލް މީޑިއާއާ ބައެެއް ވައިބަ ގުރޫޕު ތަކުގައި ވާހަކަ ދައްކަމުންނެވެ.
ޕީޕީއެމްގެ ރައީސްގެ ދިފާއުގައި ޕީޕީއެމުން ބަޔާނެއް ނެރެފައި މިވަނީ ޕީޕީއެމްއަށް ނިސްބަތްވާ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިންގެ އަނބިކަނބަލުން އިންތިޒާމު ކުރާ މަހާސިންތާއެއް ފައްޓަވައިދެއްވުމަށް ރައީސް މައުމޫނަށް އެރުވި ދައުވަތު އެމަނިކުފާނު ގަބޫލުކުރައްވާފައި ނުވާތީ ރައީސް ޔާމިނަށް ތާއީދުކުރައްވާ ބައެއް ބޭފުޅުން ރައީސް ޔާމިނަށް ފާޑު ވިދާޅުވަމުން ގެންދަވާ ވަގުތެއްގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ