ނައިފަރު ދާއިރާގެ އިންތިހާބު ބާތިލުކުރަން ހުށައެޅި މައްސަލައަށް އިލެކްޝަނުން އިންކާރެއް ނުކުރި

ޖުމްހޫރީ ޕާޓީގެ ފަރާތުން ނައިފަރު ދާއިރާގެ އިންތިހާބު ބާތިލުކުރަން ހުށައެޅި ދައުވާއަށް އިލެކްޝަންސް ކޮމިޝަނުން އިންކާރު ނުކުރާކަމަށް އެ ކޮމިޝަނުން މިއަދު ހައިކޯޓުގައި ބުނެފިއެވެ.
ޖުމްހޫރީ ޕާޓީން އެ މައްސަލަ ހުށަހެޅީ އެ ޕާޓީގެ ފަރާތުން އެ ދާއިރާ އަށް ވާދަކުރެއްވި އެ ދާއިރާގެ މިހާރުގެ ވެސް މެމްބަރު އަހުމަދު މުހައްމަދަށް ނާކާމިޔާބުވުމުންނެވެ. އަހުމަދު މުހައްމަދު އާއި ވާދަކޮށް 100 ވޯޓުގެ ތަފާތުން އެ އިންތިހާބު ކާމިޔާބުކުރީ އެ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރެއްވި އަހުމަދު ޝިޔާމްއެވެ.
ނަމަވެސް އޭނާ މިހާރު ވަނީ ޕީޕީއެމްއަށް ސޮއިކުރައްވާފައެވެ.
ނައިފަރު ދާއިރާގެ އިންތިހާބު ބާތިލްކުރުމަށް ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ދައުވާ ހުށަހެޅި އެޕާޓީގެ ގާނޫނީ ވަކީލް މުހައްމަދު ހަލީމް ވިދާޅުވީ ނައިފަރު ދާއިރާގެ އިންތިހާބު ކާމިޔާބުކުރެއްވި ޝިޔާމް މަނާ ގަޑިތަކުގައި ކެމްޕެއިނާއި އެންޓި ކެމްޕެއިންކޮށް، ދޮގު އެސްއެމްއެސްތަކެއް ފޮނުވި ކަމަށެވެ.
މައްސަލަ ސާބިތު ކުރުމަށް ޖޭޕީގެ ފަރާތުން ވަނީ އެސްއެމްއެސްތަކާއި ދެ ހެކިވެރިއަކު ޝަރީއަތަށް ހުށަހަޅާފަ އެވެ.
ދައުވާ ހުށަހެޅުއްވުމުން އިލެކްޝަންސް ކޮމިޝަންގެ ވަކީލް އަދި ކުރީގެ ބަންޑާރަނައިބް ހުސްނުއްސުއޫދު ވިދާޅުވީ ޖޭޕީން ދައުވާގައި ފާހަގަކުރާ މައްސަލަތައް އެޕާޓީން ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯއަށް ވެސް ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް އެކަމާ މެދު މިހާތަނަށް ގޮތެއް ނިންމިފައި ނުވަނީ އެ މައްސަލައާ ބެހޭ އިތުރު ކަންތައްތަކެއް ކަމާބެހޭ ފަރާތްތައް މެދުވެރިކޮށް ސާފުކުރަމުންދާތީ ކަމަށެވެ.
މަނާގަޑިތަކުގައި އެސްއެމްއެސްކޮށްފައިވާނަމަ އެއީ ކެމްޕޭންކުރުމުގެ އުސޫލާ ހިލާފު އަމަލަކަށްވާތީ އެކަން ސީރިއަސްކޮށް ބަލަންޖެހޭ ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ޝަރީއަތުގައި ވާހަކަދެއްކެވި އެ ކޮމިޝަންގެ ލީގަލް ޑިޕާޓްމަންޓުގެ ހެޑް ހަނީފާ ހާލިދު ވިދާޅުވީ ޖޭޕީން ފާހަގަކުރާ އެސްއެމްއެސްތައް ފޮނުވާފައި ހުރީ މަނާގަޑިތަކުގައި ކަން ޔަގީންކުރެވިފައިވާ ކަމަށާއި އެކަން ސީރިއަސް ކަމެއްގެ ގޮތުގައި އެކަން ބަލައިދިނުމަށް ފަނޑިޔާރުންނަށް ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ.
މި މައްސަލަ ބައްލަވާ 3 ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ އެ މައްސަލައިގެ އަޑުއެހުންތައް ނިމުނީ ކަމަށާއި ހެއްކަކު ހާޒިރުކުރަން ޖެހިއްޖެނަމަ އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށެވެ. އެހެން ނޫންނަމަ ދެން އޮންނާނީ ހުކުމްކުރުން ކަމަށް ބެންޗުން އިއުލާން ކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ