ކުރެންދޫ ރައްޔިތުން ވެސް ކިނބޫ ފެނޭތޯ ފާރަޔަށް!

ޅ. ކުރެންދޫ ކާރީ އޮންނަ ފަޅު ރަށެއް ކަމަށްވާ "ޅޮހި" ކިޔާރަށަކަށް ދަތުރު ދިޔަ ކުރެންދޫ ބަޔަކަށް 10 ވަރަކަށް ފޫޓުގެ ކިނބުލެއް ފެނުމާ ގުޅިގެން ކުރެންދޫ ރައްޔިތުން އެކަމަށް ސަމާލުވާން އެރަށު ކައުންސިލް އިދާރާއިން ރައްޔިތުންނަށް އިލްތިމާސްކޮށްފި އެވެ.
ވީނިއުސްއާ ވާހަކަ ދައްކަމުން ކުރެންދޫ ރައްޔިތަކު ބުނީ، އެކިނބޫ ފެނުނީ އިއްޔެ މެންދުރު ފަހު އެރަށު ބަޔަކު، އެރަށް ކާރީ އޮންނަ ޅޮހި ކިޔާ ފަޅު ރަށަކަށް ދަތުރު ގޮސް އުޅެނިކޮށް އެރަށު ފަޅުތެރެއިންނެވެ. އަދި އެކިނބޫ ފެނުނީ އެރަށަށް ދަތުރު ދިޔަ ދޯނީގެ ކެޕްޓަން، ކުރެންދޫ ޖަބުރޯލްމާގެ އަބްދުއްﷲ އަށެވެ. އަދި ކިނބޫ ފެނުމާގުޅިގެން އަބްދުއްﷲ ވަގުތުން ކުރެންދޫ ކައުންސިލަށް އެހަބަރު ދިން ކަމަށާއި އެއަށްފަހު ކައުންސިލް އިދާރާއިން އެއަތޮޅު މަޑިވަރުގައި މަސައްކަތް ކުރާ ސިފައިންނަށާއި އެއަތޮޅު ނައިފަރުގައި މަސައްކަތް ކުރާ ޕޮލިހުންނަށް ރިޕޯޓް ކުރުމުން، ކިނބޫ ހޯދުމުގެ މަސައްކަތް ސިފައިން ވަގުތުން ފެށި ކަމަށް އޭނަ ބުންޏެވެ
އޭނަ ބުނީ، ޅޮހި ކާރިން ކިނބޫ ފެނުމާ ގުޅިގެން ކުރެންދޫ ރައްޔިތުން އެކަމަށް ސަމާލުވާން ކައުންސިލް އިދާރާއިން ވަގުތުން އަޑުގަދަ ކުރާއިން ގޮވި ކަމަށާއި އަދި ކާރީގައި އޮންނަ ފަޅު ރަށްރަށަށް ދާނަމަ ކިނބުލަށް ސަމާލުވާން ވެސް އަޑު ގަދަ ކުރާއިން ރައްޔިތުންނަށް ކައުންސިލް އިދާރީން އިލްތިމާސް ކުރި ކަމަށެވެ.
އެކިނބޫ ހޯދުމުގެ މަސައްކަތް ވަގުތުން ސިފައިން ފެށި ނަމަވެސް އަދި އެކިނބޫ ފެނިފައި ނުވާކަމަށް ވެސް ކުރެންދޫއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.
"ސިފައިން ރޭ އިރުއޮއްސެންދެން ކުރެންދޫ ކާރިވެސް ބެލި. އެކަމަކު އަދި އެކިނބޫ ފެންނަގޮތެއް ނުވެ. އެކިނބޫ ފެނޭތޯ ކުރެންދޫގެ ގިނަ ބަޔަކު އިއްޔެ ހަވީރު ވަނީ ކުރެންދޫގެ ގޮނޑުދޮށަށް ނިކުމެ، ކިނބޫ ފެނޭތޯ ބަލާފައި" ކުރެންދޫ ކައުންސިލް އިދާރާއިން ބުންޏެވެ.
މިދުވަސްވަރު ރާއްޖޭގެ އެކި ސަރަހައްދުން ކިނބޫ ފެންނަމުންދާއިރު އެއީ އިރުވައި މޫސުމުގެ އޮއިވާލިތަކާ އެކުގައި ރާއްޖެ ސަރަހައްދަށް އަންނަ ކިނބޫތަކެއް ކަމަށް ލަފާކުރެވޭ ކަމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ވަނީ ބުނެފަ އެވެ.
މިދިޔަ ހަފްތާގައި ނ. މިލަދޫ ފަޅު ތެރެއިން ވެސް ކިނބުލެއް ފެނިގެން އެކިނބޫ ހޯދުމަށް ސިފައިން ކުރި މަސައްކަތް ވަނީ ނާކާމިޔާބު ވެފައެވެ. އަދި މިދިޔަ ހަފްތާ ނޫން ކުރީ ހަފްތާގައި ލ. އިސްދޫ ފަޅުތެރެއިން 10 ފޫޓްގެ ކިނބުލެއް ހިފާފައިވާއިރު ހއ. ހޯރަފުށީ ކައިރިންނާއި އެ އަތޮޅު ފިއްލަދޫ ކައިރިން ކިނބުލެއް ފެނުނު ކަމަށް ބުނާތީ ސިފައިން ވަނީ އެސަރަހައްދުތައް ވެސް ބަލާފައެވެ. އެހެން ނަމަވެސް އެއިން އެއްވެސް ކިނބުލެއް އަދި ހިފިފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ