ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަކީ ދިވެހި ތާރީހުގައި އެންމެ "ކޮރަޕްޓް" ސަރުކާރު ކަަމަށާއި ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރަކީ ދައުލަތުގެ ބާރުތައް ނަހަމަ ގޮތުގައި އެންމެ ބޮޑަށް ބޭނުންކުރި ސަރުކާރު ކަަމަށް އިސްތިއުފާ ދެއްވާފައިވާ މިސަރުކާރުގެ ފުރަތަަމަ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު މިހެން ވިދާޅުވީ ދިވެހި ސަރުކާރުގެ ތެރޭގައި ހިންގަމުންދާ ކަމަށް ބައެއް މީހުން ތުހުމަތުކުރާ ހިޔާނާތުގެ އަމަލުތައް ދައްކުވައިދޭ ގޮތަށް އަލްޖަޒީރާއިން ތައްޔާރުކޮށްފައިވާ ޑޮކިއުމެންޓްރީ "ސްޓީލިން ޕެރަޑައިޒް"ގައި ހުރި ވާހަކަތަކާއި ގުޅިގެން މިއަދު ވީނިއުސް އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މި ޑޮކިއުމެންޓްރީއާ ގުޅިގެން ވީނިއުސް އިން އުމަރަށް ގުޅީ އެމަނިކުފާނުގެ ޓެކްސްޓް މެސެޖެއް ކަމަށް ބުނެ ޑޮކިއުމެންޓްރީގައި ދެއްކި މެސެޖަކާ ގުޅިގެންނެވެ. އުމަރު ވަނީ އެ މެސެޖަކީ އެއްވެސް ހަގީގަތެއް ނެތް މެސެޖެއް ކަމަށް ވިދާޅުވެފަ އެވެ.
އުމަރު ވީނިއުސްއާ ވާހަކަދައްކަވަމުން ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރަކީ ދިވެހިން ދެކެފައިވާ އެންމެ ކޮރަޕްޓް ސަރުކާރުކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާފުވާ ކަމަށެވެ. ނަމަވެސް އުމަރު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރު ކޮރަޕްޓް ކަމަށް ބުނާ އެމްޑީޕީގެ އިސް މީހުންނަށް ކޮރަޕްޝަނޭ ކިޔާ އަގަހުޅުވާލެވެންވެސް ނެތް ކަމަށެވެ. އެމްޑީޕީއަށް ސަރުކާރު ހިންގަން ލިބުނު މުއްދަތުގައި ހިންގާފައިވާ ކޮރަޕްޝަންގެ އަމަލުތައް މަދު ނޫން ކަމަށާއި ދިވެހި ތާރީހުގައި ދެވަނަ އަށް އެންމެ ކޮރަޕްޓް ސަރުކާރަކީ އެމްޑީޕީގެ ސަރުކާރު ކަމަށްވެސް ވިދާޅުވި އެވެ.
"އަލީ ވަހީދު [އެމްޑީޕީގެ ޗެއާޕާސަން] މެންނަށް ކޮރަޕްޝަންއޭ ކިޔާފައިވާ ހަގީގަތުގައި އަގަހުޅުވާވެސް ނުލެވޭނެ. އަޅުގަނޑުމެން ކުރިމަތީގައި އެތިބީ އެމީހުން ގަނެގެން އެމްޑީޕީއަށް ގެންގޮސްފައި. އަޅުގަނޑުމެން ކުރިމަތީ ނޫންތޯ މާލެއިން ގެ ގަނެލީވެސް،" އެމްޑީޕީގެ ސަރުކާރަށް ވެސް ފާޑު ވިދާޅުވަމުން އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ އެންމެ ކޮރަޕްޓް ސަރުކާރުގެ ގޮތުގައި ރައީސް ޔާމީންގެ ސަރުކާރު ލޭބަލް ކުރެވޭ ގޮތަށް ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރަކީ ނަހަމަ ގޮތުގައި ދައުލަތުގެ ބާރުތައް އެންމެ ބޮޑަށް ބޭނުންކުރި ސަރުކާރު ކަމަށެވެ. އެހެންކަމުން ކޮރަޕްޝަނާ ޑިމޮކްރަސީގެ ވާހަކަ އެމްޑީޕީއަށް ނުދެއްކޭނެ ކަމަށްވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ދައުލަތުގެ ބާރުތައް ނަހަމަ ގޮތުގައި ބޭނުންކުރުމުގެ އެއްވަނަ ލިބެނީ ނަޝީދު ސަރުކާރަށް ކަމަށާއި ދެވަނަ ލިބެނީ ރައީސް ޔާމީންގެ ސަރުކާރަށް ކަމަށެވެ. ރައީސް ޔާމީންގެ ސަރުކާރުން ދައުލަތުގެ ބާރުތައް ނަހަމަ ގޮތުގައި ބޭނުންކުރަނީ ރައްޔިތުންގެ މަޖިލިސް ބޭނުންކޮށްގެން ކަމަށްވެސް ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ އެމަނިކުފާނު ހުންނެވީ ރައީސް ޔާމީނާ ވާދަކުރަން ނިކުމެ ކަމަށްވާތީ އަލްޖަޒީރާގެ ޑޮކިއުމެންޓްރީގައި ރައީސް ޔާމީނާ ގުޅޭ ގޮތުން ގެނެސްފައިވާ ވާހަކަތަކަކީ ތެދު ކަަމަށް ވިދާޅުވެ ސިޔާސީ ފައިދާ ނެގުމަށް މަސައްކަތް ކުރެވިދާނެ ކަމަށެވެ. ނަމަވެސް ރައީސް ޔާމީން ކަމަށްވީ ނަމަވެސް ރައީސް ޔާމީން ނުކުރައްވާ ކަމެއް ކުރެއްވި ކަމަށް ވިދާޅުވެ ވާހަކަ ނުދައްކަވާނެ ކަމަށާއި އަބަދުވެސް ތެދު ބަހުން ވާހަކަދައްކަވާނެ ކަމަށްވެސް ވިދާޅުވި އެވެ.
"އަޅުގަނޑަށްވެސް އެބައޮތެއް ނޫންތޯ ތި ޑޮކިއުމެންޓްރީއާ ގުޅިގެން ސިޔާސީ ފައިދާ ނަގަން ވާހަކަދެއްކެން. އެކަމަކު އަޅުގަނޑު ބުނާނީ ކަން ހިނގާދާ ގޮތް ތެދު ބަހުން. ރައީސް ޔާމީން ވީމާ އަޅުގަނޑު އެމަނިކުފާނު ނުކުރާ ކަމެއްގެ ވާހަކައެއް ނުދައްކާނަން ސިޔާސީ ބޭނުމަކު. އަދި އަޅުގަނޑު ކުރަން ބޭނުން ނުވާ ކަމެއް އަޅުގަނޑު ލައްވާ ނުވެސް ކުރުވޭނެ އަޅުގަނޑު ސަރުކާރުގައި ހުއްޓަސް ސަރުކާރުގައި ނެތަސް،" އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ އަލްޖަޒީރާގެ ރިޕޯޓްގައި ކުރީގެ ނައިބް ރައީސް އަހްމަދު އަދީބާ ގުޅޭގޮތުން ގެނެސްދީފައިވާ ވާހަކަތަކަކީ ތެދު ހަގީގަތް ކަމަށެވެ. އަދި ވިދާޅުވީ އަހްމަދު އަދީބަކީ މިގައުމުގައި ހިނގާދިޔަ ހުރިހާ ނުބައި ކަމެއްގެ އަޑީގައި ހުންނެވި އެންމެ އިސް މީހާ ކަމަށެވެ.
އުމަރު އިއްޔެއާއި މިއަދު ކުރެއްވި ޓްވީޓެއްގައި ކޮލެރާއާއި ޝިގެއްލާ ބަލީގައި ހުރީ ކުޑަ ތަފާތެއް ކަމަށް ވިދާޅުވެފައިވާތީ އެއީ ކޮން ވާހަކައެއްތޯ ދެންނެވުމުން އުމަރު ވިދާޅުވީ ދެ ބަލީގެ ނަން ދީފައި އެވަނީ ރައީސް ޔާމީނާ ރައީސް ނަޝީދުގެ ސަރުކާރަށް ކަމަށެވެ.
އަލްޖަޒީރާގެ ޑޮކިއުމެންޓްރީގައި ކުރީގެ އޮޑިޓާ ޖެނަރަލް ނިޔާޒު އިބްރާހީމަށް ގެއްލުންދިނުމަށް ކުރީގެ ނައިބް ރައީސް އަދީބް ފުލުހުންގެ އޮފިސަރަކަށް އިރުޝާދު ދެއްވި ކަމަށް ބުނެ ގެނެސްދީފައިވާ ޓެކްސްޓް މެސެޖުތަކާއި ގުޅިގެން ސުވާލު ދެންނެވުމުން އުމަރު ވިދާޅުވީ އެމަނިކުފާނުގެ ހޯމް މިނިސްޓަރު ކަމުގައި އޮޑިޓް އޮފީހާއި، ނިޔާޒަށް ގެއްލުމެއްް ދިނުމަށް ސީދާ އަދީބް ރާވައިގެން ކަމެއް ކުރިކަމުގެ މައުލޫމާތު އެމަނިކުފާނަށް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ. އަދި ވިދާޅުވީ ފުލުހުންގެ ތަހުގީގުގެ ހުރިހާ ކަމެއް އެމަނިކުފާނަށް އިނގެން ނުޖެހޭ ކަމަށާއި އެފަދަ ކަމެއް އުޅޭނަމަ ފުލުހުން އެކަންކަން ބަަލަމުންދާނެ ކަމަށެވެ.
"އަޅުގަނޑު ޕާސަނަލީ ނިޔާޒުއާ ވަރަށް ރަށްޓެހިވެސް ވާނެ. ޑޮކިއުމެންޓްރީގައި ސީދާ ބުނާ ކަހަލަ ގެއްލުމެއް ދޭން އުޅޭ ކަމުގެ މައުލޫމާތެއް ނިޔާޒު ފަރާތުންވެސް ލިބިފައެއް ނެތް،" އުމަރު ވިދާޅުވި އެވެ.
އެންމެ ކޮރަޕްޓީ މިސަރުކާރު، ބާރުތައް ނަހަމަ ގޮތުގައި ބޭނުންކުރީ ނަޝީދު: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ