އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އަށް 134،000 ރައްޔިތުން ދިން ވޯޓަކީ ހަގީގަތުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ މައްސަލަތައް ތަހުގީގުކޮށް، އިންސާފު ގާއިމުކުރުމަށް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން ފުރާވަޑައިގަންނަވަން އުޅުއްވާ ކަމަށް ލިބެމުންދާ މައުލޫމާތުތަކާ ގުޅިގެން، ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މިރޭ ވަނީ އެކަން ހުއްޓުވައިދިނުމަށް އެދި ފުލުހަށް މައްސަލަ ހުށަހަޅައިފައެވެ.
އެ މައްސަލަ ހުށަހެޅުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ހަސަން ލަތީފް ވިދާޅުވީ ރައީސް ޔާމީންގެ ވައްކަމާއި ހިޔާނާތުގެ އެތައް ބައިވަރު މައްސަލަތަކެއް ތަހުގީގު މަރުހަލާގައި ހުށަހެޅިފައިވާ ކަމަށާއި ރައީސް ޔާމީނަކީ ވައްކަމާއި ކޮރަޕްޝަންގެ މައްސަލަތަކުގައި އިއުތިރާފުވެވަޑައިގަންނަވާފައި ހުންނެވި ބޭފުޅެއް ކަމަށެވެ.
"ރިޔާސީ އިންތިހާބުގައި ރައްޔިތުން އެއޮތީ ރައީސް ޔާމީނަށް އޮތް ތާއީދު ދައްކައިދީފަ. ރައީސް ޔާމީނަށް އެއޮތީ ވަރަށް ކުޑަކުޑަ ތާއީދެއް. އިބްރާހިމް މުހައްމަދު ސޯލިހަށް 134،000 ރައްޔިތުން ދެއްވި ވޯޓަކީ ހަގީގަތުގައި ރައީސް ޔާމީންގެ މައްސަލަތައް ތަހުގީގުކޮށް، އިންސާފު ގާއިމުކުރުމަށް ދިން ވޯޓެއް. އެއީ އެއް ސަބަބު،" އޭނާ ވިދާޅުވިއެވެ.
ހަސަން ލަތީފު ވިދާޅުވީ މިވަގުތު އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ގޮތުގައި ތިބީ ގުޅިފައިވާ ސިޔާސީ ޕާޓީތައް ކަމަށާއި އެހެންވީމާ އެ މައްސަލަތައް ސަރުކާރުގެ މުއައްސަސާތަކަށް ހުށަހަޅައިގެން ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން ޖެހޭ ކަމަށެވެ. އަދި އުންމީދުކުރަނީ ފުލުހުން އެ މަސައްކަތްކޮށް، ގާނޫނުގެ ތެރެއިން އެ މައްސަލަތައް ތަހުގީގުކުރާނެ ކަމަށެވެ.
"ހަމައެކަނި ރައީސް ޔާމީނަށް ފުރާވަޑައިނުގެންނެވޭނެ ގޮތަށް އެކަންޏެއް ނޫން. އެ މައްސަލަތައް ވީ އެންމެ އަވަހަކަށް ގާނޫނުގެ ތެރެއިން ތަހުގީގުކޮށް، އިންސާފު ގާއިމްކުރުން. އަދި އެ ފައިސާ ހޯދުމަށް، އެ ފައިސާއަކީ ދިވެހި ރައްޔިތުންގެ ފައިސާ. މިދެންނަވަނީ އެއް މިލިއަން ދެ މިލިއަން ރުފިޔާގެ ވާހަކައެއް ނޫން. އެތައް ބިލިއަން ރުފިޔާއެއްގެ ހިޔާނާތުގެ ވާހަކަ،" އޭނާ ވިދާޅުވިއެވެ.
ރައީސް ޔާމީން ފުރާވަޑައިގަންނަވަން އުޅޭ ކަމުގެ ވާހަކަތައް މީސް މީޑިއާގައި ދައްކައި، އެކަން ހުއްޓުވުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.
އިބޫއަށް 134،000 ރައްޔިތުން ވޯޓު ދިނީ ރައީސް ޔާމީންގެ މައްސަލަތައް ތަހުގީގުކުރަން: ހަސަން ލަތީފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ