ވޯޓު ފޮށިތަކަށް ފާރަވެރިވެގެން ރައްޔިތުން ތިބެން ޖެހޭނެ -އެމްޑީޕީ

ވޯޓު ފޮށިތަކަށް ފާރަވެރިވެގެން ރައްޔިތުން ތިބެން ޖެހޭނެ ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެވެ.
ރޭ ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީ ހުއްޓުވަން ފުލުހުން އުޅުނު ގޮތުގެ މިސާލު، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވެސް ފެނިގެންދާނެ ކަމަށް ބެލެވޭ ކަމަށެވެ.
" ވޯޓު ފޮށިތަކަށް ފާރަވެރިވެގެން ރައްޔިތުން ތިބެން ޖެހޭނެ. ރައްޔިތުންގެ ލޯ މަތިން ވޯޓު ފޮށިތައް ގެއްލިގެން ނުވާނެ އަދި ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) ގެ ލިސްޓު އިސްލާހު ކުރާ ގޮތް ބަލަން ޖެހޭނެ " ޝިފާޒު ވިދާޅުވި އެވެ.
ޝިފާޒް ވިދާޅުވީ ކަންބޮޑުވާ އެތައް ކަމެއް ހުރި އިރު، ކަންބޮޑުވުމުގެ ތެރެއިން ވެސް ރިޔާސީ އިންތިހާބުގެ ކަރުދާސް ކޮޅު ރައްޔިތުންގެ އަތަށް ލިބިއްޖެނަމަ، ރައީސް ޔާމީންގެ ވެރިކަން ބަދަލު ކުރާނެ ކަމަށެވެ. އަދި ވެރިކަމަށް ގެންނާނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށާއި އެމަނިކުފާނުގެ ނަންކޮޅު ވޯޓު ކަރުދާހުގައި އޮންނަންވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝިފާޒް ވިދާޅުވީ ދުނިޔެ އަށް ހުޅުވާލައިގެން އިންތިހާބު ބާއްވާނެ ކަމަށް ބުނި އިރު، އަންނަނީ "ހިނި" ކަމަށެވެ. އަދި އިލެކްޝަނުން ހަމައެކަނި ފޮރުވަން އޮންނާނީ ރިޔާސީ އިންތިހާބުގެ ނަތީޖާ ކަމަށް ވެސް ޝިފާޒް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ފޯރި ވައިގާ ހިފަމުންދާއިރު އިންތިޚާބަށް ޕީޕީއެމުން ރައީސް ޔާމީން މިހާރު ވެސް ކެމްޕެއިން މަސައްކަތް ފައްޓަވާފައި ވާއިރު އިދިކޮޅު ކޯލިޝަނުން އަންނަނީ އެ ހުރިހާ ޕާޓީތަކުން އެއް ކެންޑިޑޭޓް ނެރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ