ސުޕްރީމް ކޯޓުން އިއްވާ ނިހާއީ ހުކުމްތައް އަލުން ރިވިއު ނުކުރެވޭނެ ކަމަށް ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އަދި ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރު ވިދާޅުވާ ގުޅިގެން އޭނާއަށް ގާނޫނީ ވަކީލުންގެ ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.
ޕީއެސްއެމްގެ ޑެޕިއުޓީ އެމްޑީ މުހައްމަދު އިކްރާމް ހުށަހަޅުއްވައިދޭ "ދެން ކޮން ސުވާލެއް" ޕްރޮގްރާމްގައި އާޒިމާ ވިދާޅުވީ، ސުޕްރީމް ކޯޓުން ކުރާ ނިހާއީ ހުކުމަކަށް އަލުން ބަދަލު ގެނައުމުގެ ބާރު ސުޕްރީމް ކޯޓަށްވެސް ލިބިދީފައި ނެތް ކަމަށެވެ. ރާއްޖޭގެ ގާނޫނީ އޮނިގަނޑުގައި ސުޕްރީމް ކޯޓުގެ ހުކުމެއް އަލުން އަޑުއަހާފައި އަލުން ބަދަލުކުރެވޭނެ އެއްވެސް ގާނޫނީ ފުރުސަތެއް ނެތް ކަމަށާއި އެކަން އެގޮތަށް ކުރެވޭނެ އެއްވެސް ގާނޫނީ އޮނިގަނޑެއް ނެތް ކަމަށެވެ.
"ދުނިޔޭގެ ބައެއް ތަންތާ މިސާލަކަށް، މިސްކަރޭޖް އޮފް ޖަސްޓިސް ހުރި ކަމަށްވަންޏާ ސުޕްރީމް ކޯޓުން ނިމުނަސް އެވަރުގެ ކަމެއް ފެނިއްޖެއްޔާ ފަހުން އެފުރުސަތުތައް އޮންނަ ގާނޫނީ އޮނިގަނޑުތައްހުރޭ، އެހެންނަމަވެސް ރާއްޖޭގެ ގާނޫނީ އޮނިގަނޑުގައި އެއީ ހަމަ ސީލްޑް، ނިމިފައި އޮތް ނިންމުމެއް، ސުޕްރީމްކޯޓުން ކޮށްފައި އޮތް ހުކުމެއް، އެހެންވީމަ ފަހުންކުރާ އަމުރަކުންނެއް އެއައް ޗޭންޖެއް ނުކުރެވޭނެ. އެއަށް ބަދަލުގެނައުމުގެ ބާރު ސުޕްރީމް ކޯޓަކަށްވެސް ނުލިބޭ." އާޒިމާ ވިދާޅުވި އެވެ.
މިކަމާ ގުޅިގެން ގާނޫނީ ވަކީލް މައުމޫން ހަމީދު ވިދާޅުވީ، ފެނުނަސް ނުފެންނަ ކަމަށް ހަދާ މީހުންނަށްވުރެ ކަނު ބަޔަކު ނެތް ކަމަށެވެ. އޭނާ އެހެން ވިދާޅުވެ ކޯޓުތަކުގެ ގާނޫނުގެ 20 ވަނަ މާއްދާގެ (ނ) ވަނީ ހައިލައިޓް ކުރައްވާފަ އެވެ.
އެ މާއްދާގައި ބުނެފައިވަނީ، ގާނޫނީ އުސޫލަކާބެހޭ ގޮތުން ނުވަތަ ގާނޫނީ ނުކުތާއަކާ ބެހޭ ގޮތުން ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުން ބަދަލުކުރުމަށް، ނުވަތަ ބާތިލު ކުރުމަށް، ނުވަތަ އެ ނިންމުމާ ދުރަށް ދިއުމަށް، ނުވަތަ އެ ނިންމުމަށް ފަހުގެ ނިންމުމަކާ ތަފާތު ކުރުމަށް ސުޕްރީމް ކޯޓަށް ލިބިދޭ އިހްތިޔާރަކަށް ހުރަހެއްނެތް ކަމަށެވެ.
ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ފާހަގަކުރެއްވީ އައިސީސީޕީއާރުގެ 14 ވަނަ މާއްދަގެ 6 ވަނަ ނަމްބަރެވެ. ދިޔާނާ ވިދާޅުވީ، ސުޕްރީމް ކޯޓުން ނިންމާ ނިންމުން އަލުން ރިވިއުކުރުމުގެ ބާރު އެ ކޯޓަށް ނުލިބޭނަމަ އައިސީސީޕީއާރުގެ 14 ވަނަ މާއްދަގެ 6 ވަނަ ނަންބަރުގެ ބޭނުމެއް ނެތް ކަމަށެވެ. އެކަން އެގޮތަށް ނޯންނާނެ ކަމަށެވެ.
އެ މާއްދާގައި ބުނަނީ މިސްކަރޭޖް އޮފް ޖަސްޓިސް ނުވަތަ އިންސާފުގެ ހަމަތަކާއި އުސޫލުގެ ބޭރުުންކޮށްފައިވާ ހުކުމަކަށް ވެއްޖެނަމަ، އެ ހުކުމެއް އައިސްފައިވާ މީހަކަށް ބަދަލު ދިނުން ގާނޫނީ އިމުގެ ތެރެއިން ދައުލަތުގެ މައްޗަށް ލާޒިމްކުރާ ކަމަށެވެ.
އާޒިމާގެ ކުރިން ބަންޑާރަ ނައިބުގެ ފަރާތުން ސުޕްރީމް ކޯޓުގައި ވެސް މި ނުކުތާ ފާހަގަކޮށްފައިވެ އެވެ. އެ ނުކުތާ ފާހަގަކުރީ ސުޕްރީމް ކޯޓުގެ ފުލް ބެންޗުން ފެބުރުއަރީ މަހުގެ އެއްވަނަ ދުވަހު ނެރުނު އަމުރުގައި މިހާރު ބާތިލު ނުކޮށް ހުރި ބައިތައް ބާތިލު ކޮށްދިނުމަށް އެދި ބަންޑާރަ ނައިބުގެ އޮފީހުން އެ ކޯޓަށް ވަނީ ދުސްތޫރީ މައްސަލާގަ އެވެ. އެ މައްސަލާގައި އަދި ހުކުމް ނުއިއްވަ އެވެ.
ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލް މައާޝާ ލުތުފީ ވިދާޅުވެފައިވަނީ، ގާނޫނު އަސާސީގައިވާ ގޮތުން ކޯޓެއްގެ އަމުރެއް ނުވަތަ ހުކުމެއް ރިވިއު ކުރެވޭނީ ނުވަތަ ބާތިލުކުރެވޭނީ އެ ހުކުމެއް ނެރުނު ކޯޓަށްވުރެ މަތީ ކޯޓަކަށް ކަމަށެވެ. އަދި ސުޕްރީމް ކޯޓަކީ އަދުލް އިންސާފުގެ ދާއިރާގައި އެންމެ މަތީ ކޯޓު ކަމާއި އެ ކޯޓުގެ ނިންމުމަކީ އެންމެފަހުގެ ނިންމުން ކަމަށެވެ. އެހެންވެ، ސުޕްރީމް ކޯޓުގެ ހުކުމެއް އެއްވެސް އެކަށީގެންވާ ސަބަބެއް ނެތި މައްސަލާގައި ހިމެނޭ ފަރާތްތަކަށް އެންގުމަކާނުލާ ސުޕްރީމް ކޯޓަށް ބާތިލުކުރެވޭނެ ކަމަށް ނުދެކޭ ކަމަށެވެ.
އެއާ ގުޅިގެން ފަނޑިިޔާރުންގެ ބެންޗުން ވަނީ ބަންޑާރަ ނައިބުގެ ވަކީލާ ސުވާލުތަކެއް ކުރިމަތިކުރުވާފަ އެވެ. ސުޕްރީމް ކޯޓުގެ ހުކުމެއް ސުޕްރީމް ކޯޓަށް ރިވިއު ނުކުރޭނެ ކަމަށް ގާނޫނު އަސާސީގެ އެއްވެސް މާއްދާއެއްގައި އަދި އެ ނޫން ވެސް އެއްޗަކުން ސާފުކޮށް ބަޔާންވޭތޯ އެއްސެވި އެވެ.
އެއަށް ޖަވާބު ދެއްވަމުން ބަންޑާރަ ނައިބުގެ ވަކީލް މައާޝާ ލުތުފީ ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމްތައް ސުޕްރީމް ކޯޓަށް ރިވިއު ކުރެވޭނެ ކަމަށް ވެސް ނުވަތަ ނުކުރެވޭނެ ކަމަށް ވެސް ގާނޫނު އަސާސީގައި ބުނެފައިވާ ނުވާ ކަމަށެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ނިންމުމަކީ އެންމެފަހުގެ ނިންމުން ކަމަށް ބުނެފައިވާ ކަމަށެވެ. މައާޝާ ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމްތައް ރިވިއު ކުރާނެ ގޮތުގެ އުސޫލެއް ވެސް ނެތް ކަމަށެވެ.
ދެން ވެސް ފަނޑިޔާރުން ވަނީ އެކަމާ ގުޅޭ ގޮތުން ތަކުރާރުކޮށް ސުވާލު ކުރިމަތިކުރައްވާފަ އެވެ. އިތުރު ތަފްސީލް ދެއްވަމުން މައާޝާ ވިދާޅުވީ ބަންޑާރަ ނައިބުގެ ފަރާތުން ފާހަގަކުރައްވަނީ ފްލޯ ކްރޮސިންއާ ގުޅޭ ހުކުމް ރިވިއު ކުރީ ކުރަން ޖެހޭ ހާލަތެއްގަ ނޫން ކަމާއި އާންމު އުސޫލުން ސުޕްރީމް ކޯޓަށް ހުކުމްތައް ރިވިއު ނުކުރެވޭނެ ކަމަށް ފާހަގަނުކުރާ ކަމަށެވެ. ނަމަވެސް އެކަމަށް ވެސް އުސޫލެއް އެކުލަވާލައި ރިވިއު ކުރާނީ ކޮން ހާލަތްތަކެއްގައިކަން އެނގެން އޮންނަންޖެހޭކަން މައާޝާ ފާހަގަކުރެއްވި އެވެ.
އެއާއެކު ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ، "މިހާރު ސެންސް މޭކް ކުރާ" ކަމަށެވެ. ޖުމްލަ ގޮތެއްގައި ސުޕްރީމް ކޯޓަށް ހުކުމްތައް ރިވިއު ނުކުރެވޭނެ ކަމަށް ދޭހަވާ ގޮތަކަށް ވާހަކަ ދެއްކުމުން ގަބޫލު ނުކުރެވޭ ކަމަށާއި ނަމަވެސް އުސޫލެއް އެކުލަވާލައިގެން ރިވިއު ކުރެވޭނެ ކަމަށް ވިދާޅުވާ ވިދާޅުވުން ގަބޫލު ކުރެއްވޭ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ބާރަށް އާޒިމާ ގޮންޖެހުމުން ވަކީލުންގެ ރައްދު!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ