މިނިވަންކަން ހޯދުމަށްވުރެ، މިނިވަންކަން ދިފާއުކޮށް ދެމެހެއްޓުމަކީ މާ ބޮޑު ގޮންޖެހުމެއް: ރައީސް މައުމޫން

މިނިވަންކަން ހޯދުމަށްވުރެ، އެ ލިބުނު މިނިވަންކަން ދިފާއުކޮށް ދެމެހެއްޓުމަކީ މާ ބޮޑު ގޮންޖެހުމެއް ކަމުގައި ރަން ތިރީސް އަހަރުގެ ބާނީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ. ރައީސް މައުމޫން މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ 54 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނުގެ ނެރުއްވި ނޫސް ބަޔާނެއްގަ އެވެ.
ރާއްޖޭގެ މިނިވަންކަމަށް 54 ވަނަ އަހަރު ފުރުމާއި ގުޅިގެން ރައީސް މައުމޫން ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ މިނިވަންކަން ހޯދުމަކީ އެކަމެއްގައި އެތައް ބައެއްގެ ބޮޑެތި ޤުރުބާނީތަކަކާއި އެތައްބައެއްގެ ހައްގުތަކެއް ޝާމިލްވާ ކަމެއް ކަމުގައެވެ.
އެހެންނަމަވެސް، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރުމަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީން ދިވެހި ދައުލަތާއި ރައްޔިތުންގެ މައްޗަށް ލާޒިމްކޮށްފައިވާ ކަމެއް ކަމުގައިވެސް ރައީސް މައުމޫންގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
ރައީސް މައުމޫންގެ ބަޔާނުގައި ވިދާޅުވެފައިވަނީ މިހާރުގެ ކޯލިޝަން ސަރުކަރުން ދިވެހި ރާއްޖޭގެ މިނިވަންކަން ދަމަހައްޓައި ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ކޮންމެ މަސައްކަތެއް ފަސްނުޖެހި ކުރަށްވާނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންގެ ހިތްތަކުގައި ވާކަމުގަ އެވެ.
"ހަޤީޤީ މިނިވަންކަމަކީ ސުލްހަމަސަލަސްކަމެވެ. ޤައުމުގެ އިޖްތިމާޢީ އަދި ފަރުދީ ހަމަޖެހުމެވެ. އަދުލު އިންސާފުގެ ކަށަވަރު ކަމެވެ. މުޖުތަމަޢުގެ ރައްކާތެރިކަމެވެ. ރައްޔިތުންގެ މާލީ ފޯރުންތެރިކަމެވެ. އެހެންކަމުން، ސިޔާސީ ހަލަބޮލިކަމަށްފަހު، ދިވެހި ޤައުމާއި ބައްދަލުކުރި މި މިނިވަންދުވަހަކީ، ފުރިހަމަ މިނިވަން ކަމެއް ގެ އާފެށުމެއް ކަމުގައި ހެދުމަކީ ޤައުމުގެ ވެރިކަންކުރާ ފަރާތާއި ރައްޔިތުންގެ މައި މަޤުޞަދަށް ހެދުން ވަރަށް މުހިންމެވެ. ދިވެހިރާއްޖެ، މިނިވަންކަންމަތީ އަބަދުމެ ލައްވާށިއެވެ. އާމީން" ރައީސް މައުމޫންގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ