އަބްދުﷲ ގާޒީއާ އެއްކޮޅަށް ކުރި ހުކުމް އިސްތިއުނާފު ކުރި މައްސަލައިގެ އަޑުއެހުންތައް ފަށައިފި

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދުގެ ސުލޫކީ މައްސަލައެއް ސާބިތުވާކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި ނިންމުން ބާތިލްކޮށް ސިވިލް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރި މައްސަލައިގެ އަޑުއެހުންތައް ފަށައިފި އެވެ.
ހައިކޯޓުގައި މިއަދު ހެނދުނު އޮތް ޝަރީއަތުގެ މަޖިލީހުގައި އިސްތިއުނާފު މައްސަލަ ހުށަހަޅުއްވަމުން ޖޭއެސްސީގެ ގާނޫނީ ވަކީލު އަބްދުލް ފައްތާހު އަބްދުލް ޣަފޫރު ވިދާޅުވީ ޖޭއެސްސީން ނިންމި ނިންމުން ސިވިލް ކޯޓުން ބާތިލްކޮށްފައިވާއިރު އެ މައްސަލަ ބެލުމުގެ އިހްތިސާސް އެ ކޯޓަށް ލިބިފައި ނުވާ ކަމަށެވެ.
އޭނާ ވިދާޅުވީ އަބްދުﷲ ގާޒީ އާ މެދު ފިޔަވަޅު ނާޅަނީސް ޖޭއެސްސީން އޭނައާ މެދު ފިޔަވަޅު އެޅި ކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވާ ކަމަށެވެ. އަދި ސިވިލް ކޯޓަށް އެ މައްސަލަ ބަލައިގަތުމަށް ނިންމި ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށާއި އަދި ބާތިލް އިޖުރާއަތެއްގެ މައްޗަށް ބިނާކޮށް ނިންމާ ނިންމުމަކީ ވެސް ބާތިލް ނިންމުމެއް ކަމަށްވާތީ އަބްދުﷲ ގާޒީއާ އެއްކޮޅަށް ސިވިލް ކޯޓުން ކުރި ހުކުމް ބާތިލް ކޮށްދިނުމަށް ފައްތާހު އެދިވަޑައިގަތެވެ.
އަބްދުﷲ ގާޒީގެ ގާނޫނީ ވަކީލު ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ރިޒާ ވިދާޅުވީ އަބްދުﷲ ގާޒީ ދިޓީވީގައި ދެއްކި ކަމަށް ބުނާ ވާހަކަތަކަކީ އޭނާ ދެއްކި ވާހަކަތަކެއްކަން ހެކީންގެ ހެކިބަހުން އެނގޭން ނެތް ކަމަށެވެ.
އަބްދުﷲ ގާޒީގެ ސުލޫކީ މައްސަލައެއް ސާބިތުވާކަމަށް ޖޭއެސްސީން ނިންމާފައި ވަނީ ޖުލައި 16، 2009 ވަނަ ދުވަހުގެ ރޭ 8:00 ޖެހީއިރު ދިޓީވީގެ ޚަބަރުގައި "ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދާއި މުހައްމަދު ނަޝީދުގެ ކެބިނެޓުން މިހާރު ކުރަމުންދާ ކަންތައްތަކަކީ ސަރުކާރެއް ނޭވާހޮޅިއަށް އެޅިގެން އުޅޭއިރު ކުރައްވާނެ ކަންތައްތަކެއް ކަމުގައި ޖިނާއީ ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ވިދާޅުވެއްޖެ" މިގޮތަށް ޚަބަރުގައި ބުނެފައި ވާތީ އެވެ.
ރިޒާ ވިދާޅުވީ ޖޭއެސްސީގެ ވާހަކަތަކަކީ އެއްވެސް ބުރަދަނެއް ހުރި ވާހަކަތަކެއް ނޫން ކަމަށާއި އަބްދުﷲ ގާޒީގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ޖޭއެސްސީން ނިންމާފައި ވަނީ ވުޖޫދުގައި ނުވާކަމެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ.
ފައްތާހު ވިދާޅުވީ އަބްދުﷲ ގާޒީގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވާކަމަށް ނިންމާފައި ވަނީ ކޮމެޓީއަށް ލިބިފައިވާ ހެއްކާ ގަރީނާތަކަށް ބަލާއިރު ދިޓީވީއަށް ދެއްވި އިންޓަވިއުގައި އަބްދުﷲ ގާޒީ އެހެން ވިދާޅުވިކަމަށް ސާބިތު ވާތީ ކަމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި އަބްދުއްރައޫފް އިބްރާހިމް ވިދާޅުވީ ދެ ފަރާތުން ވެސް އެކަށީގެންވާ ވަރަށް ވާހަކަ ދެއްކިފައިވާ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އެހެންކަމުން އިތުރު ކަމެއް ސާފުކުރާން ނުޖެހޭ ނަމަ ދެން އޮންނާނީ އެ މައްސަލައިގެ ހުކުމް އިއްވުމުގެ ޝަރީއަތް ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ