ހެކި ސިއްރުކުރާ ނަމަ އިންސާފުވެރި ޝަރީއަތަކަށް ހުރަސް އެޅިދާނެ: މައުމޫން ހަމީދު

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްޗަށް އުފުލާފައިވާ، ދައުވާގެ ޝަރީއަތަށް ދައުލަތުން ހުށަހަޅާ ހެކިންގެ ތެރެއިން ސިއްރުކުރާ ހެއްކާއި ގަރީނާ އަށް، އެކަށީގެންވާ ގޮތެއްގައި ރައްދު ދިނުމުގެ ފުރުސަތު ނުލިބިއްޖެ ނަމަ، އެއީ އިންސާފުވެރި ޝަރީއަތަކަށް އެޅޭނެ ބޮޑު ހުރަހެއް ކަމަށް ނާޒިމްގެ ގާނޫނީ ވަކީލް މައުމޫން ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ. ނާޒިމްގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުމަށް ފަހު، ކްރިމިނަލް ކޯޓުން ނުކުމެވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން، މައުމޫން ވިދާޅުވީ ހެކި ސިއްރުކުރަން އިއުތިރާޒުކުރާނެ ކަމަށާއި ނާޒިމްގެ ހައްގުތައް ހިމާޔަތްކުރަން އެޅެން ހުރި ހުރިހާ ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށެވެ. ނާޒިމްގެ ގެ ފާސްކުރީ ޖެނުއަރީ 17 ދުވަހުގެ ރޭނާޒިމް ޑިފެންސް މިނިސްޓަރު ކަމުން ވަކިކުރީ ޖެނުއަރީ 20ގައިނާޒިމް ހައްޔަރުކުރީ ފެބްރުއަރީ 9 ވަނަ ދުވަހުގެ ރޭނާޒިމާއި އަނބިކަނބަލުން އަފާފްގެ މައްޗަށް ދައުވާކުރަން ފޮނުވީ ފެބްރުއަރީ 20ގައި މިއަދު އޮތް ޝަރީއަތުގެ އަޑުއެހުމުގައި، މައްސަލަ ބައްލަވާ ބެންޗްގެ އިސް ގާޒީ އަބްދުލްބާރީ ޔޫސުފް ވިދާޅުވީ ނާޒިމްގެ ވަކީލަކަށް މައުމޫން ހަމަޖައްސަން ފޯމް ހުށަހެޅުއްވި ނަމަވެސް ކޯޓުން ބަލައިނުގަތީ، ދައުލަތުން ބައެއް ހެކިތައް ސިއްރުކުރަން ބޭނުން ވާތީ، އެ ލިޔުންތަކަކީ ކޮބައިކަން ކަނޑައެޅުމަށް ކަމަށެވެ. ވަކީލުން އައްޔަންކުރަން ތިން ދުވަހުގެ ފުރުސަތެއް ނާޒިމަށް ކްރިމިނަލް ކޯޓުން ވަނީ މިއަދު ދީފަ އެވެ. ނާޒިމްގެ މައްޗަށް ދައުވާކުރަނީ، ރާއްޖެ އަށް ގެނައުން މަނާ ތަކެތީގެ ގާނޫނުގެ ދެ ވަނަ މާއްދާގެ (ހ)ގައި ބުނާ ކުށެއް ކޮށްފައިވާތީ، އެ ގާނޫނުގެ 13 ވަނަ މާއްދާގެ (ހ)ގެ ދަށުން ކުށްވެރިވާ ކަމަށް ކަނޑައަޅައިދިނުމަށް އެދި އެވެ. މި ކުށް ސާބިތުވެއްޖެ ނަމަ އަދަބަކީ 10-15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ އަރުވާލުން ނުވަތަ ގޭ ބަންދުކުރުމެވެ. ނާޒިމްގެ ވަކީލް މައުމޫން މިއަދު ކޯޓު ކައިރީގައި ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ނާޒިމްގެ ޝަރީއަތުގައި އިންނެވީ ވަކީލުން ތިއްބަވާ މޭޒުކައިރީގައި. -- ހަވީރު ފޮޓޯ/ މުހައްމަދު ޝަރުހާން ވަކީލެއްގެ ގޮތުގައި މައުމޫން ބަލައި ނުގެންނެވި ނަމަވެސް މިއަދުގެ އަޑުއެހުމުގައި އޭނާ އިންނެވީ ވަކީލުންނަށް ހާއްސަކޮށްފައިވާ ތަނުގަ އެވެ. ނަމަވެސް އެމްޑީޕީގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ބަންދުކުރި މައްސަލާގައި، އޭރުގެ ރައީސް މުހައްމަދު ނަޝީދާއި އޭރު އެ މަނިކުފާނުގެ ޑިފެންސް މިނިސްޓަރަކަށް ހުންނެވި ތޮލްހަތު އިބްރާހީމް ކަލޭފާނާއި އޭރުގެ ޗީފް އޮފް ޑިފެންސް ފޯސް އަދި މިހާރުގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލާއި އެމްއެންޑީއެފްގެ އޭރުގެ މާލޭ އޭރިޔާގެ ކޮމާންޑަރު އަދި މިހާރު ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރަހީމް މުހައްމަދު ދީދީ އާއި އޭރުގެ ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ދައުވާގެ ޝަރީއަތުގައި ވަކީލުންނަށް އެ ފުރުސްތު ކޯޓުން ދީފައެއް ނުވެ އެވެ. އެ ފަހަރު ވަކީލުން ވެސް ޝަރީއަތުގެ އަޑުއެހުމަށް ވެއްދީ އަޑުއަހާ މީހުންގެ ގޮތުގަ އެވެ. މި ދެ މައްސަލަ ވެސް ބަލަނީ އެއް ބެންޗަކުންނެވެ. އެ ބެންޗްގައި ތިއްބަވަނީ ގާޒީ ބާރީގެ އިތުރުން ގާޒީ އަބްދުﷲ ދީދީ އާއި ގާޒީ ޝުޖާއު އުސްމާނެވެ. ނާޒިމްގެ އިތުރުން އޭނާގެ އަނބިކަނބަލުން އަފާފް އަބްދުލް މަޖީދުގެ މައްޗަށް ދައުވާކުރަން ވެސް މިދިޔަ އާދީއްތަ ދުވަހު ދައުލަތުން ކްރިމިނަލް ކޯޓަށް ހުށަހެޅި އެވެ. އަދި ނާޒިމާ އެކު، މިއަދުގެ ޝަރީއަތުގައި ތުހުމަތުކުރެވޭ މީހުންގެ ކޮށިގަނޑުގައި އަނބިކަނބަލުން ވެސް އިންނެވި އެވެ. ނަމަވެސް ދައުވާ ހުށަހެޅުމުގެ ކުރިން، ދައުލަތުން ބުނީ އަފާފްގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންނަން ބޭނުންވާ ކަމަށާއި އެގޮތަށް ނިންމީ ދައުވާ ހުށަހެޅިއިރު އެ ދައުވާ ކުރެވިދާނެ ކަމަށް ދައުލަތުން ގަބޫލުކުރި ނަމަވެސް، ނާޒިމްގެ ކޮޓަރިން ފެނުނު ޕެން ޑްރައިވްގައި ހުރި މައުލޫމާތުތަކަށް ބަލާއިރު އެ ދައުވާ އޭނާގެ މައްޗަށް ކުރަން ޖެހޭ ކަމަށް ދައުލަތަށް މިހާރު ނުފެންނާތީ ކަމަށެވެ. އަފާފްގެ މައްޗަށް ކުރި ދައުވާ ދައުލަތުން އަނބުރާ ގެންދިއުމާ ގުޅިގެން، ދެން ޝަރީއަތް ކުރިއަށް ގެންދިޔައީ، ގާޒީގެ އެންގެވުމަށް، އޭނާ ކޮށިގަނޑުން ނެރުއްވައި، އަޑުއަހާ މީހުން ތިބޭ ތަނަށް ބަދަލުކުރުމަށް ފަހު އެވެ. ނާޒިމްގެ މައްޗަށް ދައުވާކުރާ ސަބަބެއް ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވީ ނާޒިމް ދިރިއުޅުއްވާ ކޮޓަރި މިދިޔަ މަހުގެ 17 ވަނަ ދުވަހުގެ ރޭ މެންދަމުގެ ވަގުތެއްގައި ފާސްކުރިއިރު، ދަބަހެއްގެ ތެރެއިން ފިސްތޯލައަކާއި ތިން ވަޒަން ފެނުމާއި ދައުލަތުގެ އިސް ވެރިންތަކަކަށް ހަމަލާދޭން ރަވާފައިވާ ކަމުގެ މައުލޫމާތުތަކެއް އެ ދަބަހުން ފެނުނު ޕެން ޑްރައިވްގައި ހުރުން ކަމަށެވެ. އެ މައުލޫމާތުތަކަށް ބަލާއިރު، ދައުލަތުގެ އިސް ވެރިންތަކަކަށް ހަމަލަދޭން ރާވާފައި ވަނީ، ވިލާއިން ފަންޑްކޮށްގެން ކަން އެނގޭ ކަމަށް ވެސް ދައުލަތުން ކޯޓުގައި ބުނެފައިވެ އެވެ. ނަމަވެސް ވިލާއަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމްގެ ވިލާ ކުންފުނި ކަމެއް ދައުލަތުގެ ވަކީލް ސާފުކޮށްދެއްވާފައެއް ނުވެ އެވެ. . ދައުލަތުން ބުނީ ޕެން ޑްރައިވުން ލިބުނު މައުލޫމާތުތަކަށް ބަލާއިރު، ވިލާއިން ފަންޑްކޮށްގެން، "އިންޑިވިޖުއަލް ޓާސްކްތަކަކާ"އި "ޖޮއިންޓް ޓާސްކްތަކެއް" ނާޒިމާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އެއީ ދައުލަތުގެ އިއްޒަތްތެރިންތަކަކަށް ހަމަލަދިނުންކަން އެނގޭ ކަމަށް ވެސް ދައުލަތުން ބުންޏެވެ. ނާޒިމްގެ މައްޗަށް ކުރާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ވެސް މިއަދު ކޯޓުން ވަނީ އަމުރު ނެރެފަ އެވެ. އެގޮތަށް ނިންމީ ޝަރީއަތުގެ އަޑުއެހުމަށް ފަހު ނޫސްވެރިންނާއި އަޑުއަހަން ވަން މީހުން ނެރުމަށް ފަހު، ވަކިން ބޭއްވި ޝަރީއަތުގެ މަޖިލީހެއްގަ އެވެ. ނާޒިމްގެ ވަކީލް މައުމޫން ވިދާޅުވީ ބަންދުގެ މަޖިލީހަށް ވެސް ދައުލަތުން ހުށަހެޅީ އެންމެ ފުރަތަމަ ނާޒިމް 15 ދުވަހަށް ބަންދުކުރަން ބޭއްވި ޝަރީއަތުގައި ވެސް، ހުށަހެޅި ލިޔުންތައް ކަމަށާއި އިތުރު ހެއްކެއް ހުށަނާޅާ ކަމަށެވެ. އެ ފަހަރުގެ ބަންދުގެ މުއްދަތު ހައި ކޯޓުގައި ނާޒިމްގެ ފަރާތުން އިސްތިއުނާފު ކޮށްފައިވާއިރު، މިއަދު ނެރުނު އަމުރު ވެސް ހައި ކޯޓުގައި އިސްތިއުނާފުކުރާނެ ކަމަށް މައުމޫން ވިދާޅުވި އެވެ. ނަމަވެސް މިހާތަނަށް ނާޒިމްގެ ފަރާތުން ދެ ފަހަރު ހައި ކޯޓަށް ދިއުމުން ވެސް ކޯޓުން ވަނީ ކްރިމިނަލްގެ ކޯޓުގެ އަމުރުތަކަށް ތާއީދުކޮށްފަ އެވެ. ނާޒިމް ހައްޔަރުކުރަން ނެރުނު އަމުރާއި ބަންދުކުރަން ނެރުނު އަމުރާ ބެހޭ ގޮތުން ހައި ކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާނެ ކަމަށް މައުމޫން ކުރިން ވިދާޅުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ