މޫސުން ގޯސްވުމުގެ ސަބަބުން މާލޭ އިންޓަނޭޝަނަލް އެއާޕޯޓަށް ނުޖެއްސިގެން ފަސް ފްލައިޓެއް އަނބުރާ ހިނގައްޖެ

19:00މޫސުން ގޯސްވުމުގެ ސަބަބުން މާލޭ އިންޓަނޭޝަނަލް އެއާޕޯޓަށް ނުޖެއްސިގެން ފަސް ފްލައިޓެއް އަނބުރާ ހިނގައްޖެ އެވެ.އެއާޕޯޓްސް ކޮންޕެނީގެ ޖެނެރަލް މެނޭޖަރ މުޖްތަބާ ލަތީފު ވިދާޅުވީ މޫސުން ގޯސްވުމުގެ ސަބަބުން ނުޖެއްސުނު ފްލައިޓުތަކަކީ އިންޑިއަން އެއާލައިންސްގެ ދެ ފްލައިޓަކާއި އައިލެންޑް އޭވިއޭޝަންގެ ފްލައިޓަކާއި ސްރީލަންކަންގެ ފްލައިޓެއްގެ އިތުރުން އޮސްޓްރޭލިއާގެ ފްލައިޓެއް ކަމަށެވެ. މޫސުން ގޯސްވެގެން މި ފްލައިޓްތައް ޑައިވާޓްކުރަން ފެށީ މިއަދު މެންދުރު 12:30 ން 1:00 އަށް ކަމަށާއި އެއަށްފަހު މިހާރު ފްލައިޓްތައް އަލުން ޖައްސަމުން އަންނަ ކަމަށް ވެސް މުޖްތަބާ ވިދާޅުވި އެވެ.މޫސުން ގޯސްވެގެން މާލެ އިންޓަރޭޝަނަލް އެއާޕޯޓަށް ނުޖެއްސިގެން އަނބުރާ ލަންކާ އަށް ދިޔަ ސްރީލަންކަން ފްލައިޓުގައި ގިނަ އަދަދެއްގެ ދިވެހިން ތިއްބެވެ. އެ ބޯޓުގައި އެވަގުތު އިންނެވި ސަންއެފްއެމްގެ ސީއީއޯ ސިނާން އަލީ މިއަދު ވިދާޅުވީ މާލޭ އިންޓަރނޭޝަނަލް އެއާޕޯޓަށް ޖައްސަން ބޯޓު ވަރަށް ބޮޑަށް ތިރިކޮށްފައި ފްލައިޓް މައްޗަށް އެރީ މޫސުން ގޯސްވުމުގެ ސަބަބުން ރަންވޭ ރަނގަޅަށް ނުފެންނާތީ އާއި ބޯކޮށް ވާރޭވެހޭތީ ޖެއްސެން ނެތްކަމަށް ބޯޓުގެ ކެޕްޓަނަށް އިއުލާންކުރުމަށްފަހު ކަމަށެވެ. އަދި ބޯޓު ޖެއްސޭތޯ މަސައްކަތް ކުރުމަށް ފަހު ވިއްސަކަށް މިނިޓް ފަހުން ބޯޓް އަނބުރާ ކޮލަމްބޯ އަށް ދިޔައީ ކަމަށް ވެސް ސިނާން ވިދާޅުވި އެވެ.ސިނާން އިތުރަށް ވިދާޅުވީ ސަތޭކަ އަށްވުރެ ގިނަ ދިވެހިންނާއި ކުޑަކުދިން ތިބި އެ ބޯޓު އަނބުރާ ލަންކާ އަށް ދިޔައިރު ފްލައިޓް ވަރަށް ބޮޑަށް ތެޅުވުމުން ގިނަ ބައެއްގެ ހާލު ވަރަށް ބޮޑަށް ދެރަވެފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ