އަބްދުﷲ އަބްދުއްރަހީމާއި މުއްތޮލިބް އެކަކު އަނެކަކަށް ރިޝްވަތުގެ ތުހުމަތު!

އިތުބާރު ނެތްކަމުގެ ވޯޓް ސިއްރުކުރަން ފެނޭތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހުގައި މިއަދު ނެގި ވޯޓާ ގުޅިގެން ރިޝްވަތު ދޭން އުޅުނު ކަމަށް މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު އަބްދުﷲ އަބްދުއްރަހީމާއި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު އިބްރާހިމް މުއްތޮލިބް، އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ތުހުމަތުކުރައްވައި މަޖިލީހުގައި މިއަދު ވާހަކަ ދައްކަވައިފި އެވެ. މާފަންނު ހުޅަނދު ދާއިރާގެ މެމްބަރު އަބްދުއްރަހީމް ވިދާޅުވީ އިތުބާރު ނެތްކަމުގެ ވޯޓް ސިއްރުކުރަން ތާއިދުނުކުރެއްވުމަށް އެދި މުއްތޮލިބް މެދުވެރިކޮށް ރައީސް މުހައްމަދު ވަހީދުގެ ގާތް ބޭފުޅަކު ރިޝްވަތު ދޭން މަސައްކަތް ކުރެއްވި ކަމަށެވެ. "އަޅުގަނޑު މިދަންނަވަނީ ވަރަށް ކެރިގެން އަޅުގަނޑަށް، ރައީސުލްޖުމްހޫރިއްޔާގެ ދަށުގައި ހުންނެވި ބޭފުޅަކު އަޅުގަނޑަށް ސީދާ ރިޝްވަތު ދިނުމަށްޓަކައި މަޖިލީހުގެ މެމްބަރެއް ލައްވައި މަސައްކަތް ކުރެއްވި އިއްޔެގެ ވަގުތެއްގައި. މި ވޯޓް ސިއްރުކުރުމަށް އަޅުގަނޑުމެން މަސައްކަތް ކުރާތީވެ،" އަބްދުއްރަހީމް ވިދާޅުވި އެވެ. އެ ވާހަކަ އަށް ރައްދު ދެއްވުމުގެ ގޮތުން އެއީ "ކަނޑައެޅިގެން ދޮގު ވާހަކަ" ކަމަށް މުއްތަލިބް ވިދާޅުވުމުން އަބްދުﷲ އަބްދުއްރަހީމް ވިދާޅުވީ މުއްތޮލިބްގެ ކޯލް ރެކޯޑިންތައް އޭނާގެ ފޯނުގައި އެބަހުރި ކަމަށެވެ. އިތުބާރު ނެތްކަމުގެ ވޯޓް ސިއްރުކުރަން ތާއިދުކުރާނެ ކަމަށް މިދިޔަ ހުކުރު ދުވަހު ހާމަކުރުމުން، އެކި ކަހަލަ "ފުރުސަތުތައް" ތަނަވަސްވެގެން އައި ކަމަށާއި ނަމަވެސް އެ ފުރުސަތުތައް ނަގަން ބޭނުންނުވާ ކަމަށް އަބްދުﷲ އަބްދުއްރަހީމް ވިދާޅުވި އެވެ. "އިރާދަކުރެއްވިއްޔާ އަޅުގަނޑު މިހުރީ ތައުބާވެގެން،" މި އަހަރު ހައްޖަށް އަޅުކަން އަދާކުރެއްވި އަބްދުﷲ އަބްދުއްރަހީމް ވިދާޅުވި އެވެ. އަދާލަތާއި އަދާލަތާ ގުޅިފައިވާ ސަރުކާރުގެ މީހުން "ސައިޒު ނުކުރެވެނީސް" މި ރާއްޖޭން ކޮރަޕްޝަން ފޮހެނުލެވޭނެ ކަމަށާއި ކޮރަޕްޝަން ހުއްޓުވުމަށްޓަކައި އެފަދަ މެމްބަރުން ވެސް މަޖިލީހުން ނުކުވަޑައިގަންނަވަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރައީސް މުހައްމަދު ވަހީދު ވެސް އިސްލާހުވެވަޑައިގަންނަވަންޖެހޭ ކަމަށާއި "ރައީސް އިސްލާހް ނުވެއްޖެ ނަމަ ފިޔަވަޅު އެޅުމުގެ ގާބިލްކަން މަޖިލީހަށް އެބަ އޮތް" ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ. މުއްތޮލިބު މެދުވެރިކޮށް ރިޝްވަތު ދޭން އުޅުނު މައްސަލަ މަޖިލިހުގެ އިމްތިޔާޒު ކޮމިޓީ އަށާއި މިނިވަން މުއައްސަސާތަކަށް ހުށަހަޅުއްވާނެ ކަމަށް އަބްދުﷲ އަބްދުއްރަހީމް ވިދާޅުވި އެވެ. މުއްތޮލިބް ވިދާޅުވީ އޭނާ އަށް ރިޝަވަތު ދެއްވަން އުޅުއްވީ އަބްދުﷲ އަބްދުއްރަހީމު ކަމަށެވެ. ރޭ ދަންވަރު 13: 12 ގައި އަބްދުﷲ އަބްދުއްރަހީމް ގުޅުއްވާފައި އޮތް ކަމަށާއި އޭރު ނިދިކުރައްވާފައި އޮންނެވުމުން އެ ކޯލަށް ޖަވާބު ނުދެއްވޭ ކަމަށް މުއްތޮލިބް ވިދާޅުވި އެވެ. އަބްދުﷲ އަބްދުއްރަހީމަށް ފަތިހު ގުޅުއްވުމުން، މިއަދުގެ ވޯޓް ކިހާވަރަކަށް ދެވިދާނެތޯ އެއްސެވި ކަމަށް މުއްތޮލިބު ވިދާޅުވި އެވެ. "އަޅުގަނޑު ގުޅީމާ އަޅުގަނޑު ކައިރީގައި ބުނީ މިއަދުގެ ވޯޓް ކިހާވަރަކަށް ދެވިދާނެހޭ. އަޅުގަނޑު ބުނީ ކިތަންމެ ފައިސާއެއް ދިނަސް އަޅުގަނޑަށް ނެތޭ [ވޯޓް] ދެވޭ ކަށެއް. އަޅުގަނޑު މިއަދު ތިވާހަކަ ދައްކާނަމޭ. ބުނީމާ އަޅުގަނޑަށްވުރެ ކުރިން މިއަދު ފުރުސަތު ހޯދާފަ އެއާ ދިމާ އިދިކޮޅަށް އެ ވާހަކަ ދެއްކެވީ. އެކަމަށްޓަކައި އަޅުގަނޑު ހިތާމަކުރަން،" މުއްތޮލިބް ވިދާޅުވި އެވެ. މަޖިލީހުގައި ނަގާ އިތުބާރު ނެތް ކަމުގެ ވޯޓާއި މަގާމުން ދުރުކުރުމުގެ ވޯޓްތައް ސިއްރުކުރުމަށް އެމްޑީޕީން މަސައްކަތް ކުރަނީ، ރައީސް މުހައްމަދު ވަހީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާފައިވާތީ އެވެ. އަދި މިއަދު ވަނީ އިތުބާރު ނެތްކަމުގެ ވޯޓްތައް ސިއްރުކުރުމަށް ފާސްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ