ޕީޕީއެމަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް މައުމޫން ގުރައިދު އަށް
ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ ތިމަރަފުށީ ދާއިރާގެ އިންތިހާބުގައި ވާދަކޮށްގެން ޕީޕީއެމަށް ލިބުނު ކާމިޔާބީ ފާހަގަކުރެއްވުމަށް ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމް ގުރައިދު އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖައްސައިފި އެވެ. ތިމަރަފުށީ ދާއިރާގެ އިންތިހާބުގައި ޕީޕީއެމްގެ ކެންޑިޑޭޓް އަހުމަދު ޝަރީފް ވަނީ ކުރިން އެ ގޮނޑި ފުރުއްވި އެމްޑީޕީގެ މެމްބަރު މުހައްމަދު މުސްތަފާގެ މައްޗަށް ކުރި ހޯއްދަވައިފަ އެވެ. އިލެކްޝަންސް އިން ރޭ އިއުލާންކުރި ގޮތުގައި ޖުމްލަ 3،086 މީހުން ވޯޓުދިން ތިމަރަފުށީ ދާއިރާ އިން މުސްތަފާ އަށް ލިބިވަޑައިގަތީ 1،327 ވޯޓެވެ. އަދި 1،756 ވޯޓާ އެކު ކުރި ލިބިވަޑައިގެންނެވީ ޕީޕީއެމުން ކުރިމަތިލެއްވި ޝަރީފަށެވެ. ޕީޕީއެމްގެ ތަރުޖަމާނު އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފު ވިދާޅުވީ ޕީޕީއެމަށް ލިބުނު ކާމިޔާބީ ފާހަގަކުރެއްވުމަށް ގުރައިދޫގައި ބާއްވާ ހާއްސަ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް މައުމޫން އެ ރަށަށް މިއަދު ވަޑައިގަންނަވާނެ ކަމަށެވެ. "[ތިމަރަފުށީ ދާއިރާގެ] ހުރިހާ ރަށަކުން ބައިވެރިވެގެން މިރޭ ގުރައިދޫގައި ކާމިޔާބީ ފާހަގަކުރާނެ. އެ ޖަލްސާގައި ރައީސް މައުމޫން ބައިވެރިވެވަޑައިގަންނަވާނެ،" މަހުލޫފް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ