ރާއްޖޭގައި އަޅާ އެންމެ ބޮޑު ސްކޫލް ހުޅުމާލޭގައި އެޅުމަށް އަމިންއާ ހަވާލުކޮށްފި
ރާއްޖޭގައި މިހާތަނަށް އަޅާ އެންމެ ބޮޑު ސްކޫލް ހުޅުމާލޭގައި އެޅުމަށް އަމިން ކޮންސްޓްރަކްޝަންއާ ހަވާލުކޮށް، އެކަމާ ގުޅޭ އެއްބަސްވުމުގައި އަމިން ކޮންސްޓުރަކްޝަން އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) މިއަދު ސޮއިކޮށްފި އެވެ. ނޭބާހުޑް-1ގައި އިމާރާތް ކުރަމުންދާ ކޮމިއުނިޓީ ސެންޓަރާ އިންވެގެން އިމާރާތްކުރުމަށް ހަވާލުކުރި އެ ސްކޫލަކީ ޕްރައިމަރީ އަދި ސެކަންޑަރީ ސްކޫލެކެވެ. ތިން ބުލޮކަކަށް ހަތް ބުރިއަށް އިމާރާތްކުރާ އެ ސްކޫލުގައިި 50 ކުލާސްރޫމް ހިމެނޭ އިރު، މިއީ 1680 ދަރިވަރުންގެ ޖާގައިގެ ސްކޫލެކެވެ. ހުޅުމާލޭގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން މިއަދު ވިދާޅުވީ، 132 މިލިއަން ދިވެހި ރުފިޔާ ހަރަދުކޮށްގެން އަޅާ އެ ސްކޫލް ވެގެންދާނީ މިހާތަނަށް ރާއްޖޭގައި އަޅާ އެންމެ ބޮޑު ސްކޫލަށް ކަމަށެވެ. ހުޅުމާލޭގައި މިހާރު ވެސް ތިން ސްކޫލެއް ހިންގަމުން އަންނަ އިރު، ނެއިބަހުޑް-3ގައި އިމާރާތްކޮށް 2015 ވަނަ އަހަރުގެ ދިރާސީ އާ އަހަރާ އެކު ކިޔަވައިދޭން ފަށާފައިވާ ރެހެންދި ސްކޫލަކީ މިހާތަނަށް ރާއްޖޭގައި ހުރި އެންމެ ބޮޑު ސްކޫލެވެ. ޖުމްލަ 110 މިލިއަން ދިވެހި ރުފިޔާ ހަރަދުކޮށްގެން އަމިން ކޮންސްޓުރަކްޝަން އިން އިމާރާތްކުރި އެ ސްކޫލަކީ 44 ކްލާސްރޫމް ހިމެނޭ 5000 ދަރިވަރުންގެ ޖާގައިގެ ސްކޫލެކެވެ. ސައިމަން ވިދާޅުވީ، ހުޅުމާލޭގައި އަޅަން ހަވާލުކުރި އާ ސްކޫލުގައި ވެސް ލެބޯޓަރީތަކާއި ލައިބްރަރީއަކާއި މަލްޓި ޕާޕަސް ހޯލަކާއި އެކިކަހަލަ ކުޅިވަރުތަކާއި ހަރަކާތްތައް ހިންގާނެ ކުލާސް ރޫމްތައް އަދި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހާއްސަ ކޮށްގެން ދެ ކުލާސް ރޫމެއް ހިމެނޭނެ ކަމަށެވެ. އޭގެ އިތުރުން ރާއްޖޭގެ އެހެން ސްކޫލްތަކާ ހިލާފަށް ކޮންމެ ބުރިއެއްގައި ހަރަކާތްތައް ހިންގާނެ ތަނަވަސް ޖާގައަކާއި އެންމެ ތިރިން ފެށިގެން ހަ ވަނަ ބުރިއާ ހަމައަށް ފުރޮޅުލީ ގޮނޑި ފަދަ އެއްޗެހި އެރުވުމަށް ޔުނިވާސަލް އެކްސެސް ރޭމްޕެއް ހިމެނޭނެ އެވެ. އަދި ތިން ބުލޮކް ގުޅާލުމަށް ކޮރިޑާއެއް ހުންނާނޭ ކަމަށް ސައިމަން ވިދާޅުވި އެވެ. އަމިން ކޮންސްޓުރަކްޝަންއާ ހަވާލުކުރި އެ ސްކޫލުގެ އިމާރާތް ނިންމުމަށް އެއްބަސްވެފައި ވަނީ 14 މަސް ދުވަހުގެ ތެރޭގަ އެވެ. އެހެންކަމުން މަސައްކަތް ނިންމާލެވޭނީ އަންނަ އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ. ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަމިން ކޮންސްޓުރަކްޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދު ވިދާޅުވީ މަސައްކަތް ނިންމުމަށް އެއްބަސްވި މުއްދަތުގެ ތެރޭގައި މަސައްކަތް ނިންމައި އެޗްޑީސީއާ ހަވާލުކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ