އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން އިންތިޒާމްކޮށްގެން ކުރިއަށްދާ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ރާއްޖޭގައި ހިންގަމުންގެންދާ އެކިއެކި ސްކޫލް، މަދަރުސާ އަދި ކޮލެޖް ފެންވަރުގެ ތަންތަނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ އެ މުބާރާތުގައި ބައިވެރިވުމަށް އެދޭ ތަންތަނަށް މިމަހުގެ 16 ވަނަ ދުވަހުގެ 14:30ގެ ކުރިން އެފްއޭއެމްއަށް ހުށަހެޅުމަށް އެ އެސޯސިއޭޝަނުން އެދެއެވެ. އެ މުބާރާތުގައި ތިން އުމުރުފުރައެއް ކުރިއަށްދާނެއެވެ. އެއީ 14 އަހަރުންދަށާއި، 16 އަހަރުންދަށް އަދި 18 އަހަރުންދަށުގެ އުމުރުފުރާއެވެ. އެ މުބާރާތުގެ 16 އަހަރުންދަށުގެ އުމުރުފުރާގެ ކުޅުން އަންނަމަހު އެއްވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު، އެ އުމުރުފުރައަށް ފަހު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 14 އަހަރުންދަށުގެ އުމުރުފުރާއެވެ. އެ އުމުރުފުރާއަށްފަހު ކުރިއަށްދާނީ 18 އަހަރުންދަށުގެ އުމުރުފުރާގެ ކުޅުމެވެ. އެ މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް އެފްއޭއެމްގެ އިދާރާއިން ލިބެން ހުންނާނެ ކަމަށް އެ އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ