ރިޔާސީ އިންތިހާބު 2008: އަންނިއަކީ މައުމޫނާ ވާދަކުރެވޭ ފެންވަރުގެ ބޭފުޅެއް ނޫން: މައުމޫން އައްޑޫ ކެމްޕޭން މެނޭޖަރު

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު )އަންނި( އަކީ ޑީއާރްޕީގެ ރިޔާސީ ކެންޑިޑޭޓް މައުމޫން އަބްދުލް ގައްޔޫމާ ވާދަކުރެވޭ ފެންވަރުގެ ބޭފުޅެއް ނޫން ކަމަށާއި އިންތިހާބުގެ ދެވަނަ ބުރު ވަރަށް ބޮޑު އަޣުލަބިއްޔަތަކުން ޑީއާރުޕީ ކާމިޔާބުކުރާނެ ކަމަށް
"މައުމޫން ކެމްޕޭން 2008" ކެމްޕޭނުގެ އައްޑޫ މެނޭޖަރު ހުސެން ސޯލިހު ވިދާޅުވެއްޖެ އެވެ.
ހިތަދޫގައި ހުންނަ ޑީއާރްޕީ އައްޑޫ ދާއިރާ އޮފީހުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހުސެން ސޯލިހު ވިދާޅުވީ އަންނިއަކީ ތައުލީމީ ގޮތުންނާއި ޝަހުސިއްޔަތުގެ ގޮތުން ބެލިޔަސް މައުމޫނާ އެއްވެސް ގޮތަކުން ވާދަކުރެވޭ ފެންވަރުގެ ބޭފުޅެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ އިންތިހާބުގެ ދެވަނަ ބުރުގައި އެކަން ރައްޔިތުން ސާބިތު ކޮށްދޭނެ ކަމަށާއި ދެވަނަ ބުރުގެ އިންތިހާބު މި މަހުގެ 28 ވަނަ ދުވަހު ބާއްވާ އިރު، މައުމޫނުގެ ކެމްޕޭން ހަރަކާތްތައް ވަރަށް ބާރަށް ކުރިއަށް ގެންދާނެ ކަމަށެވެ.
"އެ ބޭފުޅުން )އިދިކޮޅު ފަރާތްތަކުން( އެ ވިދާޅުވަނީ އައްޑު އަތޮޅުން 90 ޕަސެންޓް ހޯދާނެ ކަމަށް. އެއީ އެއްގޮތަކަށް ވެސް ވާނެ ކަމެއް ނޫން. އަޅުގަނޑުމެން ގަބޫލެއް ނުކުރަން ދެވަނަ ބުރުގައި ވާދަކުރާ ދެ ކެންޑިޑޭޓުންނަށް ވެސް އެހާ ބޮޑު ޕަސެންޓެއް ލިބޭނެ ކަމަކަށް. އެހެންނަމަވެސް ވަރަށް ޔަގީންކަމާއި އިތުބާރާއެކު އަޅުގަނޑުމެން މި ބުނަނީ އައްޑު އަތޮޅުން އަޅުގަނޑުމެން 60- 80 ޕަސެންޓާ ދެމެދުގެ އަދަދަކަށް ވޯޓް ހޯދާނަން،" ހުސެން ސޯލިހު ވިދާޅުވި އެވެ. "އިދިކޮޅު ހުރިހާ ޕާޓީތައް ގުޅިގެން މަސައްކަތް ކުރިއަސް އެ މީހުންނަކަށް އަޅުގަނޑުމެންނާ ފައި ހަމައެއް ނުކުރެވޭނެ."
އޭނާ އަދި ވިދާޅުވީ އައްޑު އަތޮޅުން ޑރ. ހަސަން ސައީދަށް ވޯޓް ދިން މީހުންގެ ތެރެއިން މަދު އަދަދެއްގެ އެކްޓިވިސްޓުންތަކެއް ފިޔަވައި މި އަތޮޅުން އޭނާ އަށް ވޯޓް ދިން ގިނަ ބަޔަކު ވެސް އަންނި އަށް ވޯޓް ނުދޭނެ ކަމަށެވެ. އަދި އެއީ ވަރަށް މުހިއްމު ސަބަބުތަކާ ހެދި ކަމަށް ވެސް ހުސެން ސޯލިހު ވިދާޅުވި އެވެ.
"ޑރ. ހަސަން ސައީދަށް މިއަތޮޅުގެ ގިނަ ބަޔަކު ވޯޓް ދިނީ އޭނާއަކީ މަތީ ފެންވަރަށް ކިޔަވާ ވިދާޅުވެގެން ހުންނެވި އިލްމީ، ވެރިކަން ވެސް ކުރެވިދާނެ ފަދަ ޝަހުސިއްޔަތަކަށްވުމުން. އެހެންވެ މި ސަބަބުތަކަށްޓަކައި އަޅުގަނޑުމެންނަށް ވަރަށް ޔަގީންކަން އެބައޮތް ހަސަނަށް ވޯޓް ދިން ގިނަ ރައްޔިތުން އަންނި އަށް ވޯޓެއް ނުދޭނެކަން. މި ކަންކަމަށް ބަލާއިރު ރައްޔިތުން އަންނި އަށް ވޯޓް ދޭން ޖެހޭ އެއްވެސް ސަބަބެއް ނެތް،" އޭނާ ވިދާޅުވި އެވެ. "އެ ހުރިހާ ވޯޓަކީ ސީދާ އަޅުގަނޑުމެންގެ ކޮޅަށް އެނބުރިގެން އަންނާނެ ވޯޓްތައް. މިއީ އަޅުގަނޑުމެން ވަރަށް ޔަގީންކަމާ އެކު ބުނާ އެއްޗެއް."
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީން ފުލުހުންނާ ދެކޮޅަށް މީގެ ކުރިން ހަރަކާތްތަކެއް ހިންގައި ފުލުހުންނަށް އަނިޔާކޮށް، މިހާރު ފުލުހުންނަށް ތައުރީފުކޮށް، ފުލުހުން ކުރާ މަސައްކަތްތައް ފާހަގަކުރަމުން އަންނާތީ އެކަމަށް ވެސް ޑީއާރްޕީން ވަނީ ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ. އަދި އަންނި އިސްކޮށް ހުންނަވައިގެން ފުލުހުންނަށް ކޮށްފައިވާ އަނިޔާތައް ވަރަށް ސާފުކޮށް ފެންނަން ހުރި ކަމަށް ބުނެ ފޮޓޯތަކެއް ވެސް ރޭ ދައްކައިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ