މަޖިލީހުގެ ޖަލްސާތައް ހުއްޓާލާފައި ބާއްވާކަން ނުޖެހޭ: މެމްބަރު ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެންނަންޖެހޭ ބަދަލަކާ ގުޅިގެން މަޖިލީހުގެ ޖަލްސާތައް ހުއްޓާލާފައި ނުބޭއްވޭނެ ކަމަށާއި އެއީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
"ހަވީރަ" ށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ މަޖިލީހުގެ ގަވާއިދަށް ބަދަލު ގެނައުމުގެ މަޝްވަރާތައް ކުރަމުން ދިއުމަކީ މަޖިލިސް ހުއްޓިފައި އޮންނަންޖެހޭ ސަބަބެއް ނޫން ކަމަށެވެ.
"މަޝްވަރާތައް ވެސް ހަމަ ޕެރެލަލްކޮށް ކުރިއަށް ގެންދެވެންވާނެ. މަޖިލީހުގެ ގަވާއިދަށް ބަދަލު ގެނައުމަކީ ޖަލްސާތައް ފެށުނަސް ހަމަޖެއްސޭނެ ކަންކަން. ހުރިހާ ޕާޓީއަކަށް ގަވާއިދަށް ބަދަލު ގެންނަން އެއްބަސްވެވިއްޖިއްޔާ މަޖިލީހުގެ ފްލޯގައި ވަގުތުން ވެސް ނިންމާލެވޭނެ ކަމެއް އެއީ. ރިއާސަތުން ހުށަހަޅާ މައްސަލައެއްގެ ގޮތުގައި ވޯޓަށް އެހުމުން އެކަން އެ ނިމުނީ. ހަމަ ގައިމު ވެސް މަޖިލީހުގެ ގަވާއިދަށް ބަދަލު ގެންނަން ބޭނުންވާ ވަރަށް ވޯޓު ލިބޭނެ،" ނަޝީދު ވިދާޅުވި އެވެ.
މަޖިލީހުގެ ގަވާއިދަށް ބަދަލު ގެނައުމުގެ މަޝްވަރާތައް މަޖިލީހުގެ ފަރާތުން މިހާރު ވަނީ ސިޔާސީ ޕާޓީތަކާއެކު ފަށައިފަ އެވެ. އެ ގޮތުން ރިޔާސީ ބަޔާނަށް ޖަވާބު ދޭނެ ފަރާތެއް ކަނޑައެޅުމާއި ސަރުކާރުން މަޖިލީހަށް ބިލް ހުށަހަޅާނެ ފަރާތެއް ކަނޑައެޅުމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން މަޖިލީހަށް ފޮނުވާފައިވާ ބިލްތަކާ މެދު އަމަލުކުރާނެ ގޮތެއް މަޖިލީހުގެ ގަވާއިދުގެ ތެރެއިން ކަނޑައެޅުމުގެ މަޝްވަރާތައް ނާއިބު ރައީސް އަހުމަދު ނާޒިމް އިސްވެ ގެންދަވަނީ ކުރައްވަމުންނެވެ.
މަޖިލީހުގެ ޖަލްސާތައް ހުއްޓާލާފައި ބޭއްވުމުގެ އެއްވެސް އިހުތިޔާރެއް މަޖިލީހުގެ ރައީސަށް ލިބިގެންނުވާ ކަމަށާއި އެ ކަންކަން ނިންމަންޖެހޭނީ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން މަޖިލީހުން ކަމަށް ވެސް މެންބަރު ނަޝީދު ވިދާޅުވި އެވެ. އަދި މިހާރު ވެސް މަޖިލީހުގެ ޖަލްސާތައް ހުއްޓާލާފައިވަނީ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އަމިއްލަ އަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު [ޕާޓީތަކުން] މަޝްވަރާކުރަނީ ގަވާއިދަށް ގެންނަން ޖެހޭ ބަދަލުގެ އަސްލު އިބާރާތް އޮންނަން ވީ ގޮތުގެ ކަން ނޭނގޭ. ޑްރާފްޓްތައް ބަހާލައިގެން އެކަން އެ ކުރަނީ. އެކަމަކު މަޖިލީހުގެ ޖަލްސާތައް ހަމަ އެއާއެކު ކުރިއަށް ގެންދެވޭނެ. މަޖިލީހުގައި އުޅޭނެ ކުރިއަށް ގެންދެވޭނެ މައްސަލަތައް ރިއާސީ ބަޔާނަށް 14 ދުވަހުގެ ތެރޭގައި ޖަވާބު ދޭން ޖެހޭއިރު އެއަށް ވެސް ބަދަލު ގެނެވިދާނެ،" ނަޝީދު ވިދާޅުވި އެވެ.
މަޖިލީހުގެ ގަވާއިދަށް ބަދަލު ގެންނަންޖެހެނީ، މިހާރުގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގެ ޕާޓީގެ އެއްވެސް މެމްބަރެއް މަޖިލީހުގައި ނެތުމުންނެވެ. މަޖިލީހުގެ ގަވާއިދު މިހާރު އޮތް ގޮތުން މަޖިލީހަށް ސަރުކާރުން ބިލްތައް ހުށަހަޅަންޖެހެނީ ސަރުކާރު ހިންގާ ޕާޓީގެ މެމްބަރެއް މެދުވެރިކޮށެވެ. އަދި ރިއާސީ ބަޔާން އިއްވާތާ 14 ދުވަހުގެ ތެރޭގައި އެއަށް ޖަވާބު ދޭންޖެހެނީ، ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވާ ޕާޓީ ފިޔަވައި ދެން އެންމެ ގިނައިން މަޖިލީހުގައި މެމްބަރުން ތިއްބެވި ޕާޓީއަކުންނެވެ.
ގަވާއިދަށް ގެންނަ ބަދަލާ ގުޅޭ ގޮތުން ނާޒިމް ވިދާޅުވެފައިވަނީ އެކަމަށް ގާތްގަނޑަކަށް ހުރިހާ ޕާޓީތަކަށް އެއްބަސްވެވިފައިވާ ކަމަށާއި ގިނަ ދުވަހެއްނުކޮށް ޖަލްސާތައް ފެށޭވަރުވާނެ ކަމަށެވެ.
މަޖިލިސް މި އަހަރަށް ފެށުމުގެ ޖަލްސާ މާޗް 1 ގައި ބާއްވަން އުޅުނު ނަމަވެސް އެމްޑީޕީގެ މެމްބަރުންގެ ހުރަސްތަކާ ގުޅިގެން އެ ޖަލްސާ ބޭއްވުނީ މާޗް 19ގަ އެވެ. އެ ޖަލްސާ ބާއްވައި ރައީސް ވަހީދަށް ރިއާސީ ބަޔާން އިއްވެވުނީ ވެސް އެމްޑީޕީގެ މެމްބަރުންގެ ހަޅޭކާ އެކު ވަރަށް އުނދަގުލުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ