ވެރިކަން ބަދަލުވުމުގައި އަޅުގަނޑުގެ ދައުރެއް ނެތް: މައުމޫން

ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ވެރިކަން ބަދަލުވުމުގައި، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަށް މައުމޫން މިރޭ ވިދާޅުވެއްޖެ އެވެ.
މެލޭޝިއާއަށް ކުރެއްވި އަމިއްލަ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރާއްޖެ ވަޑައިގެން، ހުޅުލޭ އެއާޕޯޓުގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން، މައުމޫން ވިދާޅުވީ، ނަޝީދުގެ ސަރުކާރުން ގާނޫނާ ހިލާފު އެތައް އަމަލެއް ހިންގަވާތީ، ރައްޔިތުންގެ ހައްގުގައި ޕީޕީއެމާއި އިއްތިހާދުގައި ހިމެނޭ ޕާޓީތަކުން އިހުތިޖާޖު ކުރުމުގެ މަސައްކަތްތަކެއް ކުރި ކަމަށެވެ. އަދި އެކަން ކޮށްފައި ވާނީ، ގާނޫނީ އިމުގެ ތެރެއިން ކަމަށް މައުމޫން ވިދާޅުވި އެވެ.
"އެކަންތައް އަޅުގަނޑުމެން ކުރިން. އެހެނެއް ނޫން، ގާނޫނާ ހިލާފަށް، ގާނޫނުން ބޭރުން، ވެރިކަން ބަދަލުކުރަން އަޅުގަނޑު އެއްވެސް މަސައްކަތެއް ކޮށްފައެއް ނޯންނާނެ. އަދި އެ ގޮތަށް ދެކެވޭ ވާހަކަތަކަކީ، ހަގީގަތާ ހިލާފު ވާހަކަތަކެއް،" ފެބްރުއަރީ 7 ގައި ނަޝީދު އިސްތިއުފާ ދެއްވިއިރު މެލޭޝިއާގައި ހުންނެވި މައުމޫން ވިދާޅުވި އެވެ.
އިދިކޮޅު އެމްޑީޕީގެ ބައެއް އިސްބޭފުޅުން ތުހުމަތު ކުރައްވާ ގޮތުގައި، ނަޝީދުގެ ވެރިކަން ބަދަލުކުރުމުގެ އަޑީގައި ހުންނެވީ މައުމޫނެވެ.
އަވަސް އިންތިހާބަކަށް އެމްޑީޕީން ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުން، މައުމޫން ވިދާޅުވީ، އެފަދަ އިންތިހާބަކަށް އެ މަނިކުފާނު ތާއީދު ނުކުރައްވާނެ ކަމަށެވެ. އަދި އޭގެ ސަބަބެއް ކަމަށް މައުމޫން ވިދާޅުވީ، ރިޔާސީ އިންތިހާބު ބާއްވަން ޖެހެނީ ކޮންމެ ފަސް އަހަރަކުން އެއް ފަހަރު ކަމަށް ވާތީ ކަމަށް މައުމޫން ވިދާޅުވި އެވެ.
"ދެން އެ ނޫން ގޮތަކަށް ]އިންތިހާބު[ ބާއްވަން ޖެހެނީ، ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އެއްފަހަރާ އިސްތިއުފާ ދެއްވައިފިއްޔާ ނުވަތަ އެ ބޭފުޅުންގެ މަގާމު ހުސްވެއްޖިއްޔާ ވަކި މުއްދަތެއްގެ ތެރޭގައި ރިޔާސީ އިންތިހާބެއް ބާއްވަން ޖެހެނީ. އެހެނެއް ނޫން ރައީސުލްޖުމްހޫރިއްޔާގެ މަގާމު އެކަނި ހުސްވި ކަމަށް ވަންޏާ ގަވާއިދުން ގާނޫނު އަސާސީ ބުނާ ގޮތުގެ މަތިން، އެ ވަގުތަކު ރައީސުލްޖުމްހޫރިއްޔާގެ ނާއިބަކަށް ހުންނެވި ބޭފުޅަކު، އެ މަގާމާ ހަވާލުވެ ވަޑައިގަންނަވާނެ އެ ރިޔާސީ ދައުރު ނިމެންދެން،" މައުމޫން ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، ނަޝީދު އިސްތިއުފާ ދެއްވުމުން އެ މަނިކުފާނުގެ ނާއިބަކަށް އޭރު ހުންނެވި ވަހީދު، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާ ކުރައްވައި، މަގާމާ ހަވާލުވެ ވަޑައިގަތީ، ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން ކަމަށެވެ.
"އެހެންވީމަ މިއަކު ނެތް އެއްވެސް އިންތިހާބަކަށް ޖާގައެއް. ދެން އަނެއްކާ އަޅުގަނޑުމެންގެ ގައުމުގައި މި އޮންނަނީ ރިޔާސީ ނިޒާމު. ރިޔާސީ ނިޒާމުގައި އަޅުގަނޑުމެން މި އިންތިހާބު ކުރަނީ އެންމެ ބޭފުޅެއް ނޫން. އެއް ޓިކެޓެއްގައި ދެ ބޭފުޅުން މި އިންތިހާބު ކުރަނީ. އެއީ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބާ. ދެ ބޭފުޅުން އިންތިހާބު ކުރުމުގެ ބޭނުމަކީ، އެ ދެ ބޭފުޅުންނަށް ރައްޔިތުންގެ ތާއީދު އޮތްކަން ހާމަކޮށްދިނުން. އެހެންވީމަ އެއް ބޭފުޅަކު ވަކިވެ ވަޑައިގެންފިއްޔާ އަނެއް ބޭފުޅަކު އެހެރީ ރައްޔިތުން އިންތިހާބު ކުރި ބޭފުޅަކު. އެހެންވީމަ އިތުރު އިންތިހާބަކަށް ޖާގައެއް ނެތް ގާނޫނު އަސާސީ ބުނާ ގޮތުން ވެސް އަދި އަޅުގަނޑު ދެކޭ ގޮތުގައި ސިޔާސީ ގޮތުން ވެސް،" މައުމޫން ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، ރައީސް ވަހީދަށް ފުރިހަމައަށް ތާއީދު ކުރައްވާ ކަމަށާއި ރައީސް ވަހީދު ވެރިކަމަށް ވަޑައިގަތީ ގާނޫނީ ހަމަތަކުގެ މަތިން ކަމަށެވެ. އަދި ޕީޕީއެމް އާއި އިއްތިހާދުގެ ހުރިހާ އެންމެންގެ ތާއީދާއި އެއްބާރުލުން ރައީސް ވަހީދަށް ލިބޭނެ ކަމަށް މައުމޫން ވިދާޅުވި އެވެ.
"ދެން އަޅުގަނޑާއި ވާހަކަ ދެއްކުމާއި ނުދެއްކުމާއި އެއީ އަޅުގަނޑަށް ހީވަނީ ރައީސުލްޖުމްހޫރިއްޔާގެ ބޭނުންފުޅު ގޮތަކަށް ގެންދަވަން އޮތް ކަމެއް ހެން. އެހެން ނަމަވެސް މިހާރު ވެސް ]ރައީސް ވަހީދު[ އަޅުގަނޑާ ގުޅުއްވާ ހައްދަވާ. އެހެންވީމަ އަޅުގަނޑު ދެކޭ ގޮތުގައި ކުރިއަށް އޮތް ތާނގައި ވެސް ]ރައީސް ވަހީދު[ އަޅުގަނޑާ ވެސް ވާހަކަފުޅު ދައްކަވާ ހައްދަވާނެ،" މައުމޫން ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖޭގެ ސިޔާސީ މަސްރަހު ފިނިކުރެވޭނީ އެންމެން ވެސް ގާނޫނު އަސާސީގައި ބުނާ ގޮތަށް ކަންތައް ކޮށްގެންނެވެ. އެ ގޮތުން ގާނޫނު އަސާސީގައި ބުނާ މުއައްސަސާތަކުގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރެވޭނެ ގޮތް ހަދައިދީ، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންދެވެން ވާނެ ކަމަށް މައުމޫން ވިދާޅުވި އެވެ. އަދި އެ ފުރުސަތު ވެސް ދޭން ޖެހޭނެ ކަމަށް މައުމޫން ވިދާޅުވި އެވެ.
މައުމޫން މިރޭ މާލެ ވަޑައިގަތުމުން އެ މަނިކުފާނުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ، ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދަށް އެއްވެ މަރުހަބާ ދަންނަވައިފަ އެވެ. އަދި ކުރިއާ ހިލާފަށް މައުމޫން ގެކޮޅަށް ވަޑައިގަތީ، އެމްއެންޑީއެފްގެ މާސިޑީޒް ބެންޒް ކާރުކޮޅެއްގަ އެވެ. އަދި ކުރިއަށް ވުރެ ބޮޑަށް ސަލާމަތީކަންކަން ވެސް ރަނގަޅުކަން ފާހަގަ ކުރެވުނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ