މައުމޫން ހަމީދު ގެޓްސެޓް ލޯނަށް ޝޯޓް ލިސްޓްވި މައްސަލަ ބަލަނީ

ޒުުވާން ވިޔަފާރިވެރިން އުފެއްދުމަށް ސަރުކާރުން ހިންގާ ގެޓްސެޓް ލޯނު ޕްރޮގްރާމަށް ގަނޫނީ ވަކީލު މައުމޫން ހަމީދު ހުށަހަޅާފައި ނުވަނީސް ޝޯޓް ލިސްޓް ވިކަމަށް ބުނެ ފޮނުވި މެއިލްއެއްގެ ކަންތައް ބަލަމުންދާ ކަމަށް ގެޓްސެޓް ލޯން ޕްރޮގްރާމް މެނޭޖަރު މަހީލް އަލީ ޖަލީލް ވިދާޅުވެއްޖެ އެވެ. މަހީލް މިއަދު ސަން އަށް ވިދާޅުވީ ގަސްތުގައި އެފަދަ ކަމެއް ކޮށްފައިނުވާނެ ކަަމަށެވެ. "(ލޯނަށް އެދިހުށަހަޅާ) ކުއްޖެއްގެ ފަރާތުން ނުބައި އީމެއިލް އެޑްރެސްއެއް ވެސް ޖެހިފައި އޮވެދާނެ، އެހެންނޫނީ އަޅުގަނޑުމެންގެ ފަރާތުން ވެސް މިސްޓޭކެއް ހެދިފަ އޮވެދާނެ." މަހީލް ވިދާޅުވި އެވެ. އަދި އީމެއިލް ލިސްޓް ބަލަމުންދާ ކަމަށާއި މައުމޫނު ހަމީދުގެ ނަމުގައި އީމެއިލް އެޑްރެސްއެއް އޮވެ އެ އެޑްރެސް ޓައިޕްކުރުމުގައި ކުށެއް ޖެހުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. މައުމޫން ހަމީދު އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ގެޓްސެޓް ލޯނަށް އޭނާ ޝޯޓް ލިސްޓްވެފައިވާ މެއިލްއެއް ލިބިފައިވާ ކަމަށާއި އެހެންނަމަވެސް އެފަދަަ ޕްރޮޕޯސަލްއެއް ހުށަނާޅާ ކަމަށެވެ. ގެޓްސެޓް ޕްރޮގްރާމްގެ ދަށުން ލޯނު ލިބޭ ފަރާތްތަކަށް އަންނަ އޮގަސްޓް 12ގައި ލޯނު އެވޯޑްކުރާނެ ކަމަށް އިކޮނަމިކް މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ. ފަސް އަހަރުތެރޭ ކޮންމެ އަހަރަކު ވެސް 40 މިލިއަން ރުފިޔާގެ ލޯން ގެޓްސެޓް ޕްރޮގްރާމްގެ ދަށުން ދިނުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. ގެޓްސެޓް ޕްރޮގްރާމަށް ފަސް އަހަރު ތެރޭ ކަނޑައޅާފައި ވަނީ 200 މިލިއަން ރުފިޔާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ