ގާސިމް ހައްޔަރުކުރީ އޭނާ އަކީ މުޖުތަމަޢަށް ހުރި ނުރައްކަލަކަށް ވާތީ – ކޯޓު އަމުރު

ރައްޔިތުން މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ހައްޔަރުކުރީ އޭނާ އަކީ މުޖުތަމަޢަށް ހުރި ނުރައްކަލަކަށް ވާތީ ކަމަށް ގާސިމް ހައްޔަރު ކުރަން ކްރިމިނަލް ކޯޓުން މިރޭ ނެރުނު އަމުރުގައި ބުނެފިއެވެ.
ގާސިމް ހައްޔަރުކުރަން މިރޭ 22:00 ގައި ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުލްބާރީ ޔޫސުފް ސޮއި ކުރައްވާ ނެރުއްވާފައިވާ އަމުރުގައި ގާސިމް ހައްޔަރު ކުރަން ބޭނުންވާ ސަބަބު ކަމަށް ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރުނެތްކަމަށް ފާސްކުރުމަށް މަޖިލީހަށް ހުށަހެޅޭނީ މަޖިލީހުގެ 42 މެންބަރުންގެ ސޮޔާއެކު ކަމަށް 10 އޭޕްރީލް 2017 ވަނަ ދުވަހު މަޖިލީހުން ފާސްކުރުމާއި ގުޅިގެން މަޖިލީހުގެ ރައީސް މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލަތައް މަޖިލީހަށް ވެއްދުމަށް 42 މެންބަރުންގެ ސޮއި ހޯދުމަށް ގާސިމް މަޖިލީހުގެ އެކި މެންބަރުންނަށް އެކި ގޮތްގޮތުން ނުފޫޒުފޯރުގައި ޤާނޫނާއި ހިލާފަށް މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތު ކުރެވުމެވެ.
އަދި ސަލާމަތީބާރުތަކުގައި މަސައްކަތްކުރާ ފަރާތްތަކާއި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކޮށް ރައްޔިތުންގެ މެދުގައި ފިތުނައާއި ބިރުވެރިކަން އުފެއްދުމަށް މަސައްކަތްކުރަމުންދާކަމަށް ވެސް ގާސިމްގެ މައްޗަށް ތުހުމަތު ކުރެވޭތީއެވެ.
ގާސިމް އިސްވެ ހުންނަވައިގެން މ.ކުނޫޒުގައި ސިލްސިލާކޮށް ބާއްވަމުންދާ ޖަލްސާތަކުގައި އެކަންކަމަށް ބާރުލިބޭފަދަ މޭރުމަކުން ވާހަކަ ދައްކަވަމުންދާތީ އާއި މިކަންކަންތަކަކީ މިހާރު ތަޙްޤީޤުކުރަމުންދާ ކަންތައްތަކެއްކަމަށް ވާތީ ގާސިމް މުޖުތަމަޢަށް ދޫކޮށްފައި ބެހެއްޓުމަކީ މައްސަލައިގެ ތަޙްޤީޤަށް ބޮޑެތި ހުރަސްތަކެއް އެޅި އަދި މިކަންކަމާއި ގުޅޭގޮތުން ލިބެންހުރި ހެކި ފޮރުވާ އަދި ހެކިބަސް ދޭންތިބި ފަރާތްތަކަށް ނުފޫޒު ފޯރުވާ ހެކި ނައްތާލުމުގެ ފުރުސަތު ތަނަވަސްވެގެން ދާނެ ކަމެއް ކަމަށް ވެސް ކޯޓު އަމުރުގައި ވެއެވެ.
ކޯޓު އަމުރުގައި ވަނީ ގާސިމްގެ މައްޗަށް ތުހުމަތު ކުރާ މައްސަލައިގައި ލިބިފައިވާ ހެއްކަކީ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ