ޕީޕީއެމްގެ މެމްބަރުކަމުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދެންމެ ވަކިކޮށްފި އެވެ.
މައުމޫން މަގާމުން ވަކިކުރީ ދަރުބާރުގޭގައި މިހާރު ކުރިއަށް ގެންދާ ޕީޕީއެމްގެ ކައުންސިލްގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާގުންނެވެ. އެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ޕީޕީއެމްގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީން އެވެ.
ޕީޕީއެމްގެ ރައީސް ކަމަށް މައުމޫން އިންތިހާބުކުރީ 2013 ގައި ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލިސްގެ ޖަލްސާގައި އާއްމު މެމްބަރުންގެ ވޯޓުންނެވެ. އެ ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުގައި ޕާޓީގެ ރައީސްގެ މަގާމުގެ ދައުރަކީ ފަސް އަހަރެވެ.
މައުމޫން މަގާމުން ވަކިކުރަން ކައުންސިލުން މި ނިންމީ، އެ މަނިކުފާނު ފެއްޓެވި އިސްލާހީ މަސައްކަތްޕުޅު އިދިކޮޅު ޕާޓީތަކާ ގުޅިގެން ކުރިއަށް ގެންދަވަން ނިންމަވައި ޕީޕީއެމްގެ ނަމުގައި އިދިކޮޅު ފަރާތްތަކާ އެކު އެއްބަސްވުމެއްގައި ސޮއިކުރެއްވުމުންނެވެ.
ރައީސް ޔާމީންގެ ފަޅީގައި ތިއްބެވި ޕީޕީއެމްގެ އިސް ބޭފުޅުން ވިދާޅުވަނީ އެ ޕާޓީގެ ނަމުގައި އެއްވެސް އެއްބަސްވުމެއްގައި ސޮއިކުރެއްވުމުގެ ހައިސިއްޔަތެއް މިހާރު މައުމޫނަށް ނެތް ކަމަށެވެ.
މައުމޫން ވަކިކުރަން ނިންމައި، ޕީޕީއެމްގެ ކައުންސިލަށް ހުށަހެޅި ގަރާރުގައި ބުނެފައި ވަނީ، އިދިކޮޅު ފަރާތްތަކާ އެކު އެއްބަސްވުންތަކުގައި މައުމޫން ސޮއިކުރައްވަނީ ސިވިލް ކޯޓުގެ ހުކުމަށް ގޮންޖައްސަވައި، ޕާޓީގެ މަސްލަހަތު ގެއްލޭ ގޮތަށް ކަމަށެވެ. ކޯޓުގެ އަމުރުން ޕާޓީގެ ހުރިހާ ބާރުތަކެއް ހަވާލުކޮށްފައި ވަނީ ޕީޕީއެމްގެ މުސްތަޝާރާ ކަމަށް ވެސް އެ ގަރާރުގައިވެ އެވެ.
އެފަދަ ނުރައްކާތަކުން ގައުމު ސަލާމަތްކުރުމަކީ، ގަރާރުގައިވާ ގޮތުގައި ގާނޫނުއަސާސީ އާއި ޕާޓީގެ އަސާސީގަވާއިދުގައިވާ ގޮތުން ކުރަން ލާޒިމު ކަމެކެވެ. ޕާޓީގެ އަސާސީ ގަވާއިދާ ކަނޑައެޅިގެން މައުމޫން ހިލާފުވެވަޑައިގެންފައިވާ ކަމަށް ބުނެ އެމަނިކުފާނު ވަކިކުރުމަކީ ގައުމީ މައްސަލައެއް ކަމުގައި ބަލައި އަވަހަށް ވަކިކޮށްދޭން ގަރާރުގައި އެދިފައިވެ އެވެ.
"ޕާޓީގެ ކައުންސިލްގެ މަޝްވަރާއެއް ނެތި ދިވެހި ގައުމާއި ރައްޔިތުންނާއި ޕާޓީގެ މަސްލަހަތަށް ގެއްލުވާ ފަދަ ސްޓެރެޓެޖީތަކާއި ސިޔާސަތުތައް (ޕާޓީން ބޭރު އެކިއެކި ފަރާތްތަކުގެ ނުފޫޒުގައި ޖެހި އެ ފަރާތްތަކުގެ މަސްލަހަތަށްޓަކައި) އަމިއްލަ އަށް ކަނޑައަޅާ ޕާޓީގެ ސިއްކަ އާއި އެހެނިހެން ތަކެތި ބޭނުންކޮށްގެން ޕާޓީގެ ނަމުގައި ހިންގާ ސިޔާސީ އެކި ހަރަކާތްތަކަކީ ކަނޑައެޅިގެން ގާނޫނާއި ގަވާއިދާ ހިލާފަށް ކުރާ އަމަލުތަކެއް ކަން ފާޅުކަންބޮޑު ގޮތެއްގައި އެނގެ އެވެ،" ގަރާރުގައިވެ އެވެ.
އެ ގަރާރުގައި ބުނީ ސިވިލް ކޯޓުގެ އަމުރަށް ފުރިހަމައަށް ބޯލަނބައި ކިޔަމަންވުމަކީ ގާނޫނުއަސާސީ އާއި ކޯޓުތަކުގެ ގާނޫނުގެ ދަށުން މައުމޫންގެ މައްޗަށް ލާޒިމް ކަމެއް ކަމަށެވެ. ގާނޫނުއަސާސީ އާއި ކޯޓުތަކުގެ ގާނޫނަށް މައުމޫން ގޮންޖައްސަވަމުން ގެންދެވުމުގެ ސަބަބުން ދިވެހިރާއްޖޭގައި ގާނޫނުގެ ވެރިކަން ނަގަހައްޓަން ހުރަސްތަކެއް ކުރިމަތިވެ ގައުމުގެ އަމަން އަމާން ކަމަށާއި ދާހިލީ އަމްނަށް ނުރައްކާތަކެއް ކުރިމަތިވަމުންދާ ކަމަށް ވެސް ގަރާރުގައިވެ އެވެ.
އަސާސީ ގަވާއިދުގައި ކަނޑައަޅާފައިވާ ޕީޕީއެމްގެ ރައީސްގެ ބައެއް މަސްއޫލިއްޔަތުތައް
- ޕާޓީގެ އަސާސީ ގަވާއިދާއި ޕާޓީގެ ގައުމީ ޖަލްސާގެ ނިންމުންތަކާއި ޕާޓީގެ ސިޔާސަތުތަކާއި ކައުންސިލްގެ ނިންމުންތަކާ އެއްގޮތްވާ ގޮތުގެ މަތިން ޕާޓީ ހިންގުން
- އެކި މަގާމްތަކުގައި ޕާޓީ ތަމްސީލްކުރުން
- ޕާޓީގެ ކައުންސިލްގެ ރިޔާސަތު ބެލެހެއްޓުން
- ގާނޫނުތަކާއި ޕާޓީގެ އަސާސީ ގަވާއިދާއި ގައުމީ ޖަލްސާގެ ނިންމުންތަކާއި ޕާޓީގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ޕާޓީގެ މަގްސަދުތައް ހާސިލްކުރުމަށާއި ޕާޓީ ހިންގަން ބޭނުންވާ އެންމެހާ ކަންކަން ކުރުން.
ޕީޕީއެމް އަސާސީ ގަވާއިދަށް ބަލާއިރު، މައުމޫންގެ ހުއްދަ ނެތި ނިންމާ އެއްވެސް ނިންމުމެއްގައި ގާނޫނީ ބުރަދަނެއް ނުހުރެ އެވެ. އަސާސީގަވައިދުގައިވާ ގޮތުން ޕާޓީގެ ރައީސްގެ މަގާމް ހުސްވެއްޖެ ނަމަ ދެން އަމަލުކުރާނެ ގޮތެއް ޕާޓީގެ ހިންގާ ގަވާއިދުގައި ބަޔާންކުރަންވާނެ އެވެ.
ޕާޓީގެ ރައީސް މަގާމުން ވަކިކުރެވޭނެ ފަސް ހާލަތެއް އަސާސީ ގަވާއިދުގައި ކަނޑައަޅާފައިވެ އެވެ. އެއީ މަގާމުގެ މުއްދަތު ހަމަވުމާއި ޝަރުއީ ހުކުމެއް ސާބިތުވުމާއި އިތުބާރު ނެތް ކަމުގެ ވޯޓެއް ފާސްވުމާއި ގާނޫނުގައިވާ ގޮތުގެ މަތިން އިފްލާސްކުރުމާއި މަގާމުގެ ވާޖިބު ދާއިމީ ގޮތެއްގައި އާދަނުކުރެވޭ ފަދަ ހާލަތެއް މެދުވެރިވުމެވެ.
މައުމޫން ޕީޕީއެމުން ވަކިކުރިއިރު، ސަރުކާރު ހިންގާ ގޮތާ ދޭތެރޭ އެމަނިކުފާނު ހިތްހަމަޖެހިވަޑައިނުގަތް މައްސަލާގައި ރައީސް ޔާމީނާ ދެމެދު އޮތީ ވަރަށް ބޮޑަށް ހިޔާލުތަފާތުވުންތައް އުފެދިފަ އެވެ. އެ ހިޔާލުތަފާތުވުންތަކުގައި އެކި ޖަލްސާތަކުގައި، ދެ ބޭފުޅުން ވަނީ ބަހުުގެ ހަމަލާތަކެއް ވެސް ބަދަލުކުރައްވައިފަ އެވެ.
ސިވިލް ކޯޓު މެދުވެރިކޮށް މައުމޫންގެ އަތްޕުޅުން ޕީޕީއެމްގެ ބާރުތައް އަތުލެއްވީ، ޕާޓީގެ ހިންގުން މައުމޫންގެ ސީދާ ބެއްލެވުގެ ދަށަށް ގެންދެވުމުންނެވެ. އެއީ ޕާޓީ "ހައިޖެކްކުރުން" ކަމަަށް ރައީސް ޔާމީން ފަޅީގައި ތިއްބެވި މެމްބަރުން އޭރު ވަނީ ވިދާޅުވެފަ އެވެ.
މައުމޫނާ ގާތް ބޭފުޅުން ވިދާޅުވެފައިވާ ގޮތުގައި އެގޮތަށް އެކަން ކުރެއްވީ، ވަރަށް ގިނަ ކަންކަމާ ހިތްޕުޅުހަމަޖެހިވަޑައިނުގެން ހުންނެވުމަށް ފަހު އެވެ. އޭގެ ތެރޭގައި ޕީޕީއެމްގެ ނަން ބޭނުންކޮށްގެން، ރައީސް ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް، 2018 ގެ އިންތިހާބަށް އަމާޒުކޮށް މަހާސިންތާތައް ބޭއްވުމާއި ޕާޓީގެ އެހެން ވެސް ކަންކަން އެކަމަނާގެ އޮފީހުގައި ކުރިއަށް ގެންދެވުން ހިމެނެ އެވެ.
ޕީޕީއެމްގެ މެމްބަރުކަމުން މައުމޫން ވަކިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ