ކާބުލް (އެޕްރީލް 8) : މިދިޔަ ހޮނިހިރު ދުވަހު އަފްޣާނިސްތާނުގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ވަގުތީ ނަތީޖާއަށް ބަލާއިރު މިހާތަނަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގެން ކުރީގައި އުޅުއްވަނީ ކުރީގެ ޚާރިޖީ ވަޒީރެއް ކަމަށްވާ އަބްދުﷲ އަބްދުﷲ ކަމަށް ޚަބަރު ލިބިއްޖެ އެވެ.
އަފްޣާން އިންތިޚާބާބެހޭ ދާއިރާތަކާ ޙަވާލާދީ މީޑިޔާ ރިޕޯޓްތައް ބުނާގޮތުން، ވެރިރަށް ކާބުލްގެ ސަރަހައްދުތަކާއި އެނޫން ބައެއް ސްޓޭޓްތަކުން އަބްދުﷲ އަބްދުﷲ އަށް ވޯޓު ލިބިވަޑައިގެންފައިވާ އަދަދަށް އެހެން ކެންޑިޑޭޓަކަށް އަދި ވޯޓު ލިބިފައެއްނުވެ އެވެ.
މިހާތަނަށް ގުނާފައިވާ ވޯޓުފޮށިތަކަކީ ވެރިރަށް ކާބުލްއާއި ކާބުލްގެ ކައިރީ ސަރަހައްދުތަކުގައި ބަހައްޓާފައިވާ ވޯޓުފޮށިތައް ކަމަށްވެ އެވެ. އެވޯޓުފޮށިތަކުގެ ނަތީޖާއަށް ބަލާއިރު އެންމެ ގިނަވޯޓު ހޯއްދަވައިގެން މިހާރު ކުރީގައި އުޅުއްވަނީ އަބްދުﷲ އަބްދުﷲ އެވެ. ދެވަނައިގައި އުޅުއްވާ ކަމަށްވަނީ ކުރީގެ މާލީ ވަޒީރެއް ކަމަށްވާ އަޝްރަފް އަބްދުލްޣަނީ އެވެ. ތިންވަނައަށް ކުރީގައި އުޅުއްވާ ކަމަށްވަނީ ކުރީގެ ޚާރިޖީ ވަޒީރެއްކަމަށްވާ ޒަލްމާއި ރަސޫލް އެވެ. ނަމަވެސް މިއީ މި އިންތިޚާބު ކާމިޔާބުކުރައްވާނީ ކޮންކެންޑިޑޭޓެއްކަން ލަފާކުރަން އެނގޭވަރުގެ ނަތީޖާތަކެއްނޫން ކަމަށް ޚަބަރުތައް ބުނެ އެވެ.
އަފްޣާނިސްތާން ރިޔާސީ އިންތިޚާބުގެ ވޯޓުލުން ނިމުނުތާ މިހާރު ތިން ދުވަސް ވެފައިވާއިރުވެސް މިހާތަނަށް ގުނާފައިވަނީ ވަރަށް މަދުއަދަދެއްގެ ވޯޓުފޮށިތަކެކެވެ.
އަފްޣާން އިންތިޚާބާބެހޭ ކޮމިޝަންގެ ތަރްޖަމާނު ނޫރު މުހައްމަދު ނޫރު ވިދާޅުވީ، ހުރިހާ ވޯޓުފޮށިތަކެއް ގުނައި ވަގުތީ ނަތީޖާ އިޢްލާން ކުރުމަށް އަދި ދެހަފްތާއަށްވުރެވެސް ގިނަދުވަސް ވެދާނެކަމަށާ މިމަހުގެ 24 ގެކުރިން ވަގުތީ ނަތީޖާ އިއުލާން ކުރެވޭވަރުނުވާނެ ކަމުގަ އެވެ. ވޯޓު ގުނުމަށް އެންމެ ބޮޑަށް ކުރިމަތިވެފައިވާ މައްސަލައަކީ އަފްޣާނިސްތާނުގެ ދުރު ސަރަހައްދުތަކުގައާއި ފަރުބަދަމަތީގައިވާ އެކަހެރި ސަރަހައްދުތަކުގައި ބެހެއްޓި ވޯޓުފޮށިތައް ކާބުލްގައި ހުންނަ ވޯޓު ގުނާ މަރުކަޒަށް ގެނައުމަށް ކުރިމަތިވެފައިވާ ދަތިތައް ކަމަށް އޭނާ ވިދާޅުވި އެވެ.
ގާތްގަޑަކަށް 40 އަހަރަށްވުރެ ދިގުލާފައިވާ ދާޚިލީ ހަނގުރާމަތަކުގެ ސަބަބުން އުމްރާނީ ތަރައްގީގެ ބޮޑުބައެއް ހަލާކުވެ ވީރާނާވެފައިވާ އަފްޣާނިސްތާނުގެ ގިނަ ސަރަހައްދުތަކަކީ ދަތުރުފަތުރާއި މުވާސަލާތުގެ ޚިދްމަތްތަކުގެ ފެންވަރު ދަށްވުމުގެ އިތުރުން ސަލާމަތީ މައްސަލަތައްވެސް ވަރަށް ބޮޑުސަރަހައްދުތަކެކެވެ.
އަފްޣާނިސްތާނުގެ އެކި ކަންކޮޅުތަކުގައި 6000 އަށްވުރެ ގިނަ ވޯޓު ފޮށިތައް ބަހައްޓާފައިވާއިރު އޭގެތެރެއިން ގިނަ ވޯޓުފޮށިތައް ރައްކާތެރިކަމާއެކު ވެރިރަށް ކާބުލްއަށް ގެނައުމަކީ ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށް އަފްޣާން އިންތިޚާބުތަކާބެހޭ މުސްތަގިއްލު ކޮމިޝަންގެ ތަރްޖަމާން ވިދާޅުވި އެވެ.
އަފްޣާން ރިޔާސީ އިންތިޚާބުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރިކަމަށްބުނެ 1400 ގިނަ ޝަކުވާ ކަމާބެހޭ ކޮމިޓީއަށް ހުށަހަޅާފައިވާއިރު މިޝަކުވާތައް ހުށަހަޅުއްވާފައިވާ ކެންޑިޑޭޓުންގެ ތެރޭގައި އަބްދުﷲ އަބްދުﷲ އާއި ޒަލްމާއި ރަސޫލް އާއި އަޝްރަފް އަބްދުލްޣަނީ ހިމެނިވަޑައިގަންނަވަ އެވެ.
އަފްޣާން ރިޔާސީ ރޭހުގައި 8 ކެންޑިޑޭޓުން ބައިވެރިވެފައިވާއިރު މިހާތަނަށް ގުނާފައިވާ ވޯޓުތަކުން ފެންނަ ހަގީގަތްތަކަށް ބަލާއިރު ފުރަތަމަ ބުރުން އެއްވެސް ކެންޑިޑޭޓަކަށް ވޯޓުގެ 50 އިންސައްތަ ލިބޭނެ ކަމަށް ނުބެލެވެ އެވެ. އެހެންކަމުން އިންތިޚާބުގެ ދެވަނަބުރެއް ބާއްވަންޖެހޭނެކަމަށް ވަރަށް ބޮޑަށް ބެލެވޭކަމަށް ވޯޓު ގުނުމުގައި ހަރަކާތްތެރިވާ ފަރާތްތަކާ ޙަވާލާދީ މީޑީޔާ ރިޕޯޓްތައްބުނެ އެވެ. (ނޫސްއެޖެންސީތައް)
އަފްޣާން ރިޔާސީ ރޭހުގެ ކުރީގައި އަބްދުﷲ އަބްދުﷲ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ