މޫސުމަށް އަންނަ ބަދަލުތައް އޮޓަމެޓިކުން އަޕްޑޭޓްކުރާ އެއާޕޯޓް ވެދާ އިންފޮމޭޝަން ސިސްޓަމް (އަވިސް) ރާއްޖޭގެ އެއާޕޯޓް ތަކުގައި ހަރުކުރަން ނިންމާ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މޫސުމާ ބެހޭ ގައުމީ އިދާރާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް އެވެ. އެއާޕޯޓްތަކުގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ކުންފުނިތަކުގެ އެންމެ އިސްވެރިންނެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ މިމަޝްރޫއު ކުރިއަށް ގެންދިއުމަށް ޖަޕާން ސަރުކާރުން ހިލޭ އެހީގެ ގޮތުގައި 3.57 މިލިއަން ރުފިޔާގެ ސިސްޓަމް ރާއްޖެއަށް ހަދިޔާކޮށްފައިވާ ކަމަށެވެ.
މިރަސްމިއްޔާތުގައި މިނިސްޓަރު ތޯރިގް ވިދާޅުވީ މޫސުން ލަފާކުރާ ގޮތް ބެލުމަށް ރާއްޖޭގެ 26 ސަރަހައްދެއްގައި މިހާރު ވެސް ސިސްޓަމްތައް ގާއިމުކުރެވިފައިވާ ކަމަށެވެ. ނަމަވެސް އަލަށް ގާއިމުކުރާ ސިސްޓަމްތަކުގެ ސަބަބުން ރާއްޖެގޭ ބޮޑު ބައެއްގެ މޫސުމުގެ ކަންކަން ބަލާލެވޭނެ ކަމަށާއި އަދި މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން މެޓް އޮފީހުގެ މަސައްކަތްތަކަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.
މިނިސްޓަރު ތޯރިގް ވިދާޅުވީ ރާއްޖޭގެ މޫސުމާ ބެހޭ އިދާރާގައި ތައުލީމީ އަދި ފަންނީ ބޭފުޅުން މަދު ކަމުން މީހުން ބިނާކުރުން މުހިއްމުވެފައިވާ ކަމަށެވެ. ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ވަސީލަތްތައް ބޭނުންކުރާ ތަނަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ ހެދުމަށް މަަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ. އަދި އައިއެސްއޯ 9001 ސެޓްފިކޭޝަނަށް މެޓް އޮފީހުގެ ހިދުމަތުގެ ފެންވަރު ގެންދިއުމަށްޓަކައި ކުރަންޖެހޭ މަސައްކަތް މިހާރު އޮތީ ނިމުމުގެ މަރުހަލާގައި ކަމަށްވެސް ވިދާޅުވި އެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް ތިންމަސް ދުވަހުގެ ތެރޭގައި މަސައްކަތް މުޅިން ނިންމާލެވޭނެ ކަމަށެވެ.
ރާއްޖޭގެ އެއާޕޯޓްތަކުގައި މޫސުން ބެލުމަށް ހާއްސަ ސިސްޓަމެއް ގާއިމުކުރަން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ