ރެފެރެންޑަމްގައި ޕީއެސްއެމްއިން ސަރުކާރަށް ކެމްޕޭން ކޮށްދޭތީ ފާޑުކިޔަނީ ރެފެރެންޑަމްގައި ޕީއެސްއެމްއިން ސަރުކާރަށް ކެމްޕޭން ކޮށްދޭތީ ފާޑުކިޔަނީ

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ރައްޔިތުންގެ މެދުގައި އަންނަ އެޕްރީލް ހަތަރެއްގައި ނަގާ ފެންނަ ނުފެންނަ ވޯޓުގައި ހަމައެކަނި ސަރުކާރުން ބޭނުންވާ ގޮތަށް ކެމްޕޭން ކުރަމުން އަންނާތީ ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
މި ފެންނަ ނުފެންނަ ވޯޓުގައި މުއިއްޒުގެ ސަރުކާރުން ބޭނުންވަނީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށެވެ. ނަމަވެސް، އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އާއި ދައުލަތުގެ މަތީ މަގާމުތައް ފުރުއްވާފައިވާ ބައެއް ބޭފުޅުންނާއި، މަޖިލީހުގެ ކުރީގެ މެންބަރުންނާއި، ޖަމިއްޔާ ޖަމާއަތްތަކާއި ބައެއް އެހެން ޕާޓީތަކުން ވެސް ވަނީ މި ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރުގެ ހުށަހެޅުމާ ދެކޮޅަށް ވޯޓު ދިނުމަށް ގޮވާލާފަ އެވެ.
ޕީއެސްއެމްއިން ވަނީ މި ފެންނަ ނުފެންނަ ވޯޓާ ގުޅިގެން "ހޭލުން" ނަމުގައި ޕްރޮގްރާމެއް ފަށާފަ އެވެ. އެ ޕްރޮގްރާމްގައި މިހާތަނަށް ގެނެސްދިން އެޕިސޯޑުތަކުގައި ޕްރޮމޯޓުކޮށްފައި ވަނީ ސަރުކާރުގެ ސްޓޭންޑެވެ. އެ ޕްރޮގްރާމްތަކުގައި ސަރުކާރުގެ މަތީ މަގާމުތަކުގައި ތިބި މީހުން އަންނަނީ ބައިވެރިވެ ދެ އިންތިހާބު އެއްކޮށްލުމާ އެއްކޮޅަށް ސަރުކާރުން ދައްކަމުން އަންނަ ވާހަކަަތައް ތަކުރާރުކޮށްފަ އެވެ.
މިފަދަ ކަންކަމުގައި ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު އަމަލުކުރުމަށް ވަރަށް ސާފުކޮށް ޕީއެސްއެމްގެ ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ. ޕީއެސްއެމްގެ އެއް މަގުސަދަކީ ވެސް ނުފޫޒުން އެއްކިބާވެފައިވާ، އަދި އެޑިޓޯރިއަލް މިނިވަންކަން ލިބިފައިވާ، ދިވެހިރާއްޖޭގެ އެންމެހައި ސަރަހައްދުތަކަށް ހިދުމަތް ފޯރުކޮށްދޭ ގައުމީ މީޑިއާއެއްގެ ގޮތުގައި ދެމިއޮތުމެވެ.
5 ވަނަ މާއްދާގެ (ކ): ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތުކުރުމެއް ނެތި ޕަބްލިކް ސަރވިސް މީޑިއާގެ ހިދުމަތް ފޯރުކޮށްދެމުން ދިއުމަށް މަސައްކަތްކުރުމާއި، ޕަބްލިކް ސަރވިސް މީޑިއާއިން ވަކިވަކި ފަރުދުންނަށާއި އެކި ޖަމާއަތްތަކަށް ފުރުސަތު ދިނުމުގައިވެސް ހަމަހަމަކަން ގާއިމުކުރުމަށް މަސައްކަތްކުރުން،
5 ވަނަ މާއްދާގެ (މ): މުޖްތަމައަށް ބޭނުންތެރިވާނެ ބިނާކުރުވަނިވި ތަފާތު ފިކުރުތަކާއި ހިޔާލުތަކަށް އަދި އައު ވިސްނުންތަކަށް ޖާގަ ދިނުން،
6 ވަނަ މާއްދާގެ (ހ): ޕަބްލިކް ސަރވިސް މީޑިއާއަކީ ނުފޫޒުން އެއްކިބާވެފައިވާ، އެޑިޓޯރިއަލް މިނިވަންކަން ފުރިހަމައަށް ލިބިފައިވާ މުއައްސަސާއެއްގެ ގޮތުގައި ބޭއްވުމަށް ހުރިހާ ފަރާތަކުންވެސް މަސައްކަތްކުރަންވާނެއެވެ.
6 ވަނަ މާއްދާގެ (ށ): ސިޔާސީ، މާލީ، އިދާރީ ނުވަތަ އެނޫން ގޮތަކުންވެސް ބާރެއް ނުވަތަ ހައިސިއްޔަތެއް ލިބިފައިވާ އެއްވެސް ފަރާތަކުން، ޕަބްލިކް ސަރވިސް މީޑިއާގެ މައްޗަށް ސީދާކޮށްވެސް އަދި ނުސީދާކޮށްވެސް ނުފޫޒު ފޯރުވަން މަސައްކަތްކޮށްގެން ނުވާނެއެވެ.
6 ވަނަ މާއްދާގެ (ރ): ވަކި ފަރާތެއްގެ ސިޔާސީ، މާލީ، އިދާރީ ނުވަތަ އެނޫންވެސް ޒާތީ މަސްލަހަތެއް ހިމާޔަތްކުރުމަށްޓަކައި ހަމަހަމަކަމާއި އިންސާފުން އެއްކިބާވެފައިވާ އަމަލެއް ޕަބްލިކް ސަރވިސް މީޑިއާއިން ހިންގައިގެން ނުވާނެއެވެ.
56 ވަނަ މާއްދާގެ (ރ): ރާއްޖޭގައި ބޭއްވޭ އެކިއެކި އިންތިހާބުތަކާއި، ރައްޔިތުންގެ އާންމު ވޯޓުތައް ފަދަ ކަންކަމުގައި، އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު އިށްތިހާރުކުރުމަށް ޖާގައާއި ވަގުތު ގަނެވޭނެ އުސޫލެއް ވާދަކުރާ ހުރިހާ ފަރާތްތަކަށްވެސް ހުޅުވާލުމަށްފަހުނޫނީ އިންތިހާބުތަކާއި އާންމު ވޯޓުތަކާ ގުޅޭ ކެމްޕޭން އިށްތިހާރުތައް ނުފޮނުވުމާއި ޝާއިއުނުކުރުން.
އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތް، އެޑިޓޯރިއަލް މިނިވަންކަން އޮންނަ ތަނަކަށް ޕީއެސްއެމް ވާންޖެހޭނެ ކަމަށް ގާނޫނުގެ އެތަކެއް މާއްދާއެއްގައި ބަޔާންކޮށްފައިވީ ނަމަވެސް ހަމައެކަނި ސަރުކާރުން ބޭނުންވާ ގޮތަށް މި ވޯޓުގައި އަމަލުކުރަމުން އަންނާތީ ދައުލަތުގެ މީޑިއާއާ މެދު މީހުން އަންނަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރަމުންނެވެ.
"ގާނޫނުގައި ކަނޑައެޅި ވަކިގޮތަކަށް ބަޔާންކުރެވިފައި އޮތްއިރު، ޕީއެސްއެމް އިން ގާނޫނާއި ހިލާފު ވާ މައްސަލަ ރައްޔިތުންގެ މަޖިލީހަށްވެސް ހުށަހެޅިން. ގާނޫނުތަކަށް ތަބާ ނުވުމަށް މުއައްސަސާ ތަކަށް ބާރު ދިނުން، މި ނޫންކަމެއް މި ސަރުކާރުން ކުރާ ތަނެއް ނުފެނޭ،" މިދިޔަ މެއި މަހު ޕީއެސްއެމްގެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ލިޔުއްވި އެވެ.
ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަކީބުގެ އިސްތިއުފާއަށް ވެސް އަންނަނީ ގޮވާލަމުންނެވެ. ޝަކީބު އަކީ، މުއިއްޒުގެ ވެރިކަމުގައި ޕީއެސްއެމްއަށް އައްޔަން ކުރެއްވި ހަތަރު ވަނަ އެމްޑީއެވެ. އޭގެ ކުރިން މުއިއްޒު އާއެކު ޕޮޑްކާސްޓެއް އޭނާ ހުށަހަޅައިދިނެވެ.
އެންމެ ފުރަތަމަ ޕީއެސްއެމްއަށް އައްޔަން ކުރެއްވީ، ޒީނާ ޒާހިރު އެވެ. އެއަށް ފަހު މުހައްމަދު ސައީދު އެވެ. އެންމެ ފަހުން ޕީއެސްއެމްގެ އެމްޑީއަކަށް ހުންނެވީ އެ ކުންފުނީގެ މާކެޓިންގެ އިސްވެރިޔަކަށް ގިނަ އަހަރުތަކެއް ހޭދަކުރެއްވި އިބްރާހިމް ނަސްރީން އެވެ.
"ދައުލަތުގެ މީޑިއާ އިން ރެފަރަންޑަމްގަ އާއެކޭ އަދި ނޫނެކޭ ބުނާ މީހުންގެ އަޑުވެސް ގެނެސްދޭން ވާނެ. އެއީ ދައުލަތުގެ މީޑިއާގެ ޒިންމާއެއް. ނޫނެކޭ ބުނާ މީހުންގެ އަޑު ގެނައުން ޝަކީބު ވަނީ ހުއްޓުވާފަ. ޝަކީބުގެ މައްސަލަ ތަހުގީގުކޮށް ދައުލަތުގެ މުދާ އަމިއްލަ ބޭނުމަށް ބޭނުންކުރުމުގެ ދައުވާ ކުރަން ޖެހޭ،" ސޯޝަލް މީޑިއާ އެކްޓިވިސްޓް ޝަމްއޫން ޖަލީލު (ލޫކަސް) ލިޔުނެވެ.
ފާއިތުވި ސަރުކާރުތަކުގައި ވެސް ޕީއެސްއެމްއިން މިގޮތަށް އަމަލުކުރާތީ އާންމުންގެ ނުރުހުމާއި ފާޑުކިޔުން އަމާޒުވެ އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވެސް މި ވޯޓާ ގުޅިގެން އެކަށީގެންވާ ވަރަށް ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ނުކުރާތީ ވެސް އާންމުންގެ ކަންބޮޑުވުން އެބައޮތެވެ.
އިލެކްޝަންސް ކޮމިޝަނުން ކުރިން ބުނީ ރެފެރެންޑަމްއަށް ރައްޔިތުންނަށް ހޭލުންތެރިކުރުމަށް އެކި މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އެގޮތުން ރަށްރަށުގައި ޕްރޮގްރާމްތައް ހިންގާ، ޓީވީތަކުގައި ވެސް މައުލޫމާތުތައް ފޯރުކޮށްދެމުންދާ ކަމަށެވެ. ނަމަވެސް އެކަށީގެންވާ މިންވަރަށް އެ މަސައްކަތް ކުރިއަށް ނުދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ