ހުޅުމާލޭގައި ހަށިވިއްކުމުގެ ވިޔަފާރީގައި އުޅޭ ދިވެއްސަކާއި އުޒްބެކިސްތާނުގެ އަންހެނުންތަކެއް ހައްޔަރުކޮށްފި

ދިވެއްސަކާއި ބިދޭސީއަކު ގުޅިގެން ރާއްޖެއަށް ބިދޭސީ އަންހެނުން ގެނެސް، ފައިސާއަށް ހަށިވިއްކުވައި، މަސްތުވާތަކެތި ބޭނުންކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ދިވެއްސަކާއި އުޒްބެކިސްތާނުގެ ހަތަރު އަންހެނުން ހައްޔަރުކޮށްފިއެވެ.
މި އޮޕަރޭޝަން ހިންގާފައިވަނީ 2025 ނޮވެމްބަރު 29 ވަނަ ދުވަހުގެރޭ 21:49 އެހާކަންހާއިރު ހުޅުމާލޭގައެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ރ. ރަސްގެތީމު / ކިއުބާ، ޙުސައިން ސޮލާހު (40އ) އާއި އުޒްބެކިސްތާނުގެ 4 އަންހެނުންކަމަށްވާ ޒަރީމާ ގުލަމޮވެނާ ޑެޖުރައެވާ (40އ) އާއި ޑިލްޑޯރާ އެގަމްނަޒޮވާރާ (31އ) އާއި ޝަހުޒޮޑަޚޮން ރުސްތަމޯވާ (28އ) އާއި އުމިޑަބޮނޫ ނެމަޓޯވާ (34އ) އެވެ. މި 5 މީހުން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ހުޅުމާލެ ފޭސް 2 ގެ ހިޔާ 12 ވަނަ ޓަވަރުގެ އެޕާޓްމަންޓެއް ބަލައިފާސްކޮށް ކުށުގެ ވެށިންނެވެ. ހައްޔަރުކުރެވުނު މީހުންގެ ތެރެއިން ޙުސައިން ސޮލާހު އާއި ޒަރީމާ ގުލަމޮވެނާ ޑެޖުރައެވާ އަކީ މި ވިޔަފާރީގައި އިސްކޮށް ހަރަކާތްތެރިވާކަމަށް ތުހުމަތުކުރެވޭ ދެ މީހުންނެވެ.
ފުލުހުން މި އެޕާޓްމަންޓް ބަލައިފާސްކުރިއިރު، އެތަނުން 19،100 އަށްވުރެ ގިނަ އެމެރިކާ ޑޮލަރާއި 18،000ރ އަށްވުރެ ގިނަ ދިވެހި ފައިސާ ފެނިފައިވެއެވެ. މި ފައިސާތައް ބޭނުންކޮށްފައިވަނީ ހަށިވިއްކުމުގެ ވިޔަފާރިއާއި މަސްތުވާތަކެތީގެ އަމަލުތަކަށްކަމަށް ތުހުމަތުކުރެވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މައްސަލާގައި އިސްކޮށް ހަރަކާތްތެރިވިކަމަށް ތުހުމަތުކުރެވޭ ޙުސައިން ސޮލާހު އާއި ޒަރީމާ ގުލަމޮވެނާ ޑެޖުރައެވާ އަށް 10 ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފައެވެ. އަދި އަނެއް ތިން އަންހެނުންނަށް 5 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ. ފުލުހުން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާކަމަށް މައުލޫމާތު ލިބެއެވެ.
Thiladhun © 2019 – 2025| Made with in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ