ތާވަލްގެ އެއްވަނާގައި ފަރަގު ބޮޑުކުރުމަށް ލިބުނު ފުރުސަތު އާސެނަލުން ނަގާލައިފި

އިނގިރޭސި ޕްރިމިއާ ލީގްގައި ރޭ އާސެނަލް އާއި ޗެލްސީ ބައްދަލުކުރިމެޗް އެއްވަރުވެ، ޕޮއިންޓް ތާވަލްގެ އެއްވަނާގައި ފަރަގު ބޮޑުކުރުމަށް ލިބުނު ފުރުސަތު އާސެނަލުން ނަގާލައިފިއެވެ.
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް ނިމުނީ 1-1 ގެ ނަތީޖާއަކުންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި 7 ރީނދޫ ކާޑާއި 1 ރަތްކާޑު ވަނީ ފެނިގެންގޮސްފައެވެ. މެޗްގައި އެންމެ ފުރަތަމަ ލަނޑެއް ޖަހައި ކުރިހޯދީ ޗެލްސީ އެވެ. އެއީ ދެވަނަ ހާފް ކުޅުން ފަށައިގެން ފުރަތަމަ 5 މިނެޓް ތެރޭގައި ޗަލޯބާ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
މެޗްގައި ޗެލްސީން ލީޑް ނަގާފައިވަނިކޮށް އާސެނަލަށް އެއްވަރުކޮށްދިނީ ސަކާ ތަނަވަސްކޮށްދިން ފުރުސަތެއްގައި މެރީނޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ. މިމެޗްގައި ޗެލްސީގެ މޮއިސަސް ކެއިސޭޑޯއަށް 38 ވަނަ މިނެޓްތެރޭގައި ދެއްކި ރަތްކާޑާ ގުޅިގެން މެޗްގެ ބޮޑުބައި ޗެލްސީ ކުޅުނީ 10 ކުޅުންތެރިންނާއެކުގައެވެ.
މެޗަށްފަހު އާސެނަލްގެ ކޯޗް މިކޭލް އަޓޭޓާ ބުނީ މުހިންމު ބައެއް ކުޅުންތެރިން ނުލައި ކުޅުނު މިމެޗަށް ނެގި ކުޅުންތެރިންގެ ފަރާތުން އެދެވޭފަދަ ކުޅުމެއް ފެނިގެންދިޔަ ކަމަށެވެ. އަޓޭޓާ ބުނީ މި ފެށުނީ ވަރަށް މުހިންމު ހަފްތާއެއްކަމަށާއި އެގޮތުން ކުރިއަށްހުރީ އާސެނަލަށް ބޮޑެތި މެޗްތަކެއް ކަމަށެވެ. އެގޮތުން ތިން ދުވަސްފަހުން ބެޔާން މިއުނިކާ ދެކޮޅަށް ނިކުންނައިރު ޓީމްގެ މުހިންމު ކުޅުންތެރިންތަކެއް އެ މެޗްގައިވެސް ނުފެންނާނޭކަމަށް އަޓޭޓާ ފާހަގަކުރިއެވެ. އެގޮތުން ކެޕްޓަން އޮޑެގާޑް، ޓްރޮސާޑް ފަދަ ކުޅުންތެރިން ތިބޭނީ ބެންޗްގައިކަމަށް އަޓޭޓާ ބުންޏެވެ.
އިނގިރޭސި ޕްރިމިއާ ލީގް ތާވަލްގެ އެއްވަނާގައި 30 ޕޮއިންޓާއެކު އާސެނަލް އޮތްއިރު ދެވަނާގައި 30 ޕޮއިންޓާއެކު އޮތީ ވާދަވެރި މެންޗެސްޓަރ ސިޓީއެވެ. ޗެލްސީ އޮތީ 24 ޕޮއިންޓާއެކު ތިން ވަނާގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ