ރައީސް މުހައްމަދު މުއިއްޒު މާފަންނު އަވަށުގެ ރައްޔިތުންނާއެކު ބާއްވާ ބައްދަލުވުމުގައި ހިޔާލުފާޅު ކުރަން ބޭނުންވާ މީހުން އަންގަން އެދުމުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) އަށް އެއްވެސް ފިޔަވަޅެއް ނާޅާކަން އެނގިއްޖެ އެވެ.
ޑިސެމްބަރު 4، ގައި ބާއްވާ މި ބައްދަލުވުމުގައި ހިޔާލު ފާޅުކުރަން ބޭނުންވާ މީހުން އަންގަން އެދުމުން މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު އަށް މުއިއްޒު ވަނީ ނުރުހުމުގެ މެސެޖެއް ކުރައްވައި ހަރުކަށި ފިޔަވަޅުތަކެއް އަޅުއްވާފަ އެވެ.
ނަމަވެސް، ޕީއެންސީން މައުލޫމާތު ދިން މީހުން ބުނި ގޮތުގައި އަސްމާ އަށް ފިޔަވަޅު އެޅިއިރު، އަދިވެސް ބޮޗޭއާމެދު އެއްވެސް ފިޔަވަޅެއް ނާޅަ އެވެ. އެކަމާ ގުޅިގެން ޕީއެންސީގެ ޕީޖީ ގްރޫޕުގައި އެއްވެސް ވާހަކައެއް ނުދައްކާ ކަމަށް ވެސް މައުލޫމާތު ދިން މީހުން ބުންޏެވެ.
"ބޮޗޭ ކުރި މެސެޖާ ގުޅިގެން ރައީސް ވެސް، ލީޑަޝިޕްގެ ބޭފުޅަކު ވެސް ޕީއެންސީ ޕީޖީ ގްރޫޕްގައި އެއްވެސް އެއްޗެއް ނުލިޔޭ. ނުރުހުމެއް ވެސް ފާޅެއް ނުކުރޭ،" މައުލޫމާތު ދިން އެކަކު ބުންޏެވެ.
މުއިއްޒުއާ ސުވާލުކުރަން އަދި ބައްދަލުވުމުގައި ހިޔާލު ފާޅުކުރަން ބޭނުންވާ މީހުން އަންގަން އެދި ފޮނުވި މެސެޖާ ގުޅިގެން މުއިއްޒު ވަނީ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މުގައްރިރު ކަމުންނާއި ޔޫކޭ-މޯލްޑިވްސް ފްރެންޑުޝިޕްގެ ގްރޫޕްގެ ޗެއާގެ މަގާމުން އަސްމާ ވަކިކޮށްފަ އެވެ. އަދި، މުއިއްޒު މިހާރު އިނގިރޭސިވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ކުރިން އަސްމާ ބައިވެރިވާން އޮތް އޮތުން ވެސް މުއިއްޒު ކެންސަލް ކުރެއްވި އެވެ.
މީގެ އިތުރުން، ޕީއެންސީގެ ޕީޖީ ގްރޫޕުގެ ވަޓްސްއެޕް ގްރޫޕަށް އަދި އަސްމާ އަށް ވަކިން މުއިއްޒު ވަނީ ނުރުހުމުގެ މެސެޖުތަކެއް ފޮނުއްވައިފަ އެވެ.
އަސްމާއަށް ފޮނުއްވި މެސެޖުގެ ސަބަބުން މުއިއްޒު އަސްމާ ދެކެ އިންތިހާއަށް ހިތްހަމަޖެހިވަޑައިނުގެންނެވި ކަމަށާއި އެހެންވެ ދާއިރާގެ ރައްޔިތުންގެ ކިބައިން މައާފަށް ވެސް އެދުމަށް ސީދާ މުއިއްޒު އެންގެވި ކަމަށް، އެކަމުގެ މައުލޫމާތު އެނގޭ މަސްދަރުތަކުން ބުންޏެވެ.
"މިއީ ވަރަށް ދެރަވަރު. އަސްމައްތަ ކުރެއްވި މެސެޖަކީ މިވަރުގެ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމެއް ނޫން. އަދި ރައީސް މުއިއްޒު އެވަރަށް ކޯފާ ވެސް އިސްކުރައްވަންޖެހޭ ކަމެއް ނޫން،" ޕީއެންސީގެ ހަރަކާތްތަކުގައި ވެސް އިސްކޮށް އުޅުއްވާ މީހަކު ބުންޏެވެ.
ޕީއެންސީގެ މަޖިލިސް މެންބަރުން ތިބޭ ގްރޫޕަށް އަސްމާ ޓެގް ކުރައްވައި މުއިއްޒު ފޮނުއްވި ފުރަތަމަ މެސެޖުގައި ވިދާޅުވެފައި ވަނީ އަސްމާގެ މެސެޖާ ހެދި އެ މަނިކުފާނުގެ އިސްތަށިފުޅުގައި ބަދުނާމެއް އެޅިއްޖެ ކަމަށެވެ.
"[އެހެންވެ] ޕަބްލިކްލީ އެޕްލޮޖައިޒު ކުރައްވާ ދާއިރާގެ އެންމެނަށް ފޮނުވި މެސެޖުއާ ގުޅޭ ގޮތުން. އަޅުގަނޑު ބޮލުގައި ބަދުނާމެއް އެޅިއްޖެ، އެ މެސެޖާ ހެދި،" މުއިއްޒު އެންގެވި އެވެ. "ދަންނަވާ އެއީ ތިމަންނަ އަމިއްލަ އަށް ކުރި މެސެޖެއް ކަމާއި، އަޅުގަނޑުގެ އެއްވެސް މަޝްވަރާއެއް ނެތި ކުރި މެސެޖެއް ކަމަށް."
ދެ ވަނަ މެސެޖުގައި މުއިއްޒު ވިދާޅުވީ ކޮންމެ ސުވާލެއް ކުރެއްވިޔަސް ކަންބޮޑުވުމެއް ނެތް ކަމަށާއި އެހެންވެ، ރައްޔިތުންނާއެކު ބާއްވާ ބައްދަލުވުންތައް، އަސްމާގެ މެސެޖުގެ ސަބަބުން "ހަޑިކޮށްލައިފި" ކަމަށެވެ.
"އަޅުގަނޑު މީ އެއްވެސް މީހަކު ކޮންމެ ކަހަލަ ސުވާލެއް ކުރިޔަސް ކަންބޮޑުވާ މީހެއް ނޫން. އަޅުގަނޑު މިހާ އޯޕަންކޮށް ބައްދަލުވުންތައް ބާއްވަމުން ދާއިރު އެކަން ހަޑިކޮށްލި ކަމަކަށް މި މެސެޖު ވެއްޖެ. އަައިއޭމް އެކްސްޓްރީމްލީ ޑިސްއެޕޮއިންޓެޑް ވިތު ޔޫ، އަސްމާ،" މުއިއްޒުގެ މެސެޖުގައިވެ އެވެ.
މި މެސެޖުތަކަށްފަހު އަސްމާ ވަނީ ރައްޔިތުންގެ ކިބައިން މައާފަށް އެދި ބަޔާނެއް ވެސް ނެރެފަ އެވެ.
ޕީއެންސީއަށް ނިސްބަތްވާ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެންމެ ސީނިއާ އަދި އުމުރުން އެންމެ ދޮށީ މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަސްމާއަކީ އެ ޕާޓީގެ އެތެރޭގައި ގޯސްކޮށް ހިންގާ ކަންކަމަށް ފާޑުވިދާޅުވާ މެންބަރެކެވެ.
މުއިއްޒު އަންގަވައިގެން އަސްމާއަށް އަދަބު ދިން ނަމަވެސް ރިފާއުއަށް އެއްވެސް ފިޔަވަޅެއް ނާޅާ މުއިއްޒު އަންގަވައިގެން އަސްމާއަށް އަދަބު ދިން ނަމަވެސް ރިފާއުއަށް އެއްވެސް ފިޔަވަޅެއް ނާޅާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ