އިންސާނުން ދޮންނަ މެޝިނެއް ޖަޕާނުގައި ވިއްކަން ފަށައިފި

ދާދި ފަހުން ނިމުނު އޮސާކާ ވޯލްޑް އެކްސްޕޯގައި ގިނަ ބައެއްގެ ސަމާލުކަން ހޯދި، "އިންސާނުން ދޮންނަ މެޝިން" ޖަޕާނުގައި ރަސްމީކޮށް ވިއްކަން ފަށައިފިއެވެ. މި އާދަޔާޚިލާފު މެޝިން އުފައްދާފައިވަނީ ޖަޕާނުގެ ކުންފުނި "ސައިންސް" އިންނެވެ. އެ ކުންފުނީގެ ތަރުޖަމާނު ސަޗިކޯ މައެކުރާ ހުކުރު ދުވަހު ވިދާޅުވި ގޮތުގައި، މިއީ ހަމައެކަނި ހަށިގަނޑު ސާފުކޮށްދޭ މެޝިނެއް ނޫނެވެ. މައެކުރާ ސިފަކުރެއްވި ގޮތުގައި މިއީ "ހަށިގަނޑު ދޮވެލުމުގެ އިތުރުން، އިންސާނާގެ ރޫޙުވެސް ދޮވެލަދޭ" މެޝިނެކެވެ. މި މެޝިނަކީ މީހާއަށް އޭގެ ތެރެއަށް ވަދެ، ހަމަޖެހިލައިގެން އޮށޯވެވޭ ގޮތަށް ފަރުމާކޮށްފައިވާ އެއްޗެކެވެ. މެޝިނުގެ މަތި ބަންދުކޮށްލުމަށްފަހު، މިއުޒިކް ކުޅެމުންދާއިރު ހެދުން ދޮންނަ މެޝިނެއް ފަދައިން ހަށިގަނޑު ސާފުކޮށްލެވެއެވެ. ނަމަވެސް، އާދައިގެ ދޮންނަ މެޝިންތަކާ ޚިލާފަށް މި މެޝިނުގައި މީހާ އެނބުރި ނުވަތަ 'ސްޕިން' އެއް ނުވާނެއެވެ. މީގެ އިތުރުން، މެޝިނުގެ ތެރޭގައި އޮންނައިރު މީހާގެ ހިތުގެ ވިންދާއި ސިއްހީ އެހެނިހެން މުހިންމު ނިޝާންތައް ވެސް މެޝިނުން މޮނިޓާ ކުރަމުން ގެންދާނެއެވެ. މި މެޝިން އުފެއްދުމުގެ ޚިޔާލު އައިސްފައިވަނީ މީގެ 50 އަހަރު ކުރިންނެވެ. ސައިންސް ކުންފުނީގެ މިހާރުގެ ރައީސަށް މި ޚިޔާލު ލިބިވަޑައިގަތީ، 1970 ވަނަ އަހަރު އޮސާކާގައި ބޭއްވި އެކްސްޕޯއެއްގައި ދައްކާލި މިފަދަ އުފެއްދުމަކުންނެވެ. އޭރު އުމުރުން އެންމެ 10 އަހަރުގެ ކުއްޖެއްގެ ގޮތުގައި ހުންނަވައިގެން ލިބިވަޑައިގެންނެވި ޚިޔާލާއެކު، އޭގެ ޒަމާނީ ވައްތަރެއް އުފެއްދުމަށް އެމަނިކުފާނު މަސައްކަތް ކުރެއްވީއެވެ. މިދިޔަ އޮކްޓޯބަރު މަހު ނިމުނު އޮސާކާ އެކްސްޕޯގައި "އިންސާނުން ދޮންނަ މުސްތަޤްބަލުގެ މެޝިން" ގެ ނަމުގައި މި ޕްރޮޓޯޓައިޕް ދައްކާލިއިރު، އެތަން ބަލާލުމަށް ގިނަ ބަޔަކު ވަނީ ދިގު ކިއޫތައް ހަދާފައެވެ. މި މެޝިނަކީ ވަރަށް މަދުން އުފެއްދުމަށް ހަމަޖެހިފައިވާ އެއްޗެކެވެ. ކުންފުނިން ރާވާފައިވަނީ ޖުމްލަ 50 ޔުނިޓް އުފެއްދުމަށެވެ. ލޯކަލް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މި މެޝިނެއްގެ އަގަކީ 60 މިލިއަން ޔެން (ގާތްގަނޑަކަށް 385،000 އެމެރިކާ ޑޮލަރު ނުވަތަ 5.9 މިލިއަން ދިވެހި ރުފިޔާ) އެވެ. މި މެޝިން އާންމުކޮށް ވިއްކަން ނިންމީ، އެމެރިކާގެ ރިސޯޓް ކުންފުންޏަކުން މި އުފެއްދުމަށް ޝައުގުވެރިކަން ފާޅުކުރުމާ ގުޅިގެންނެވެ. މި މެޝިން އެންމެ ފުރަތަމަ ގަނެފައިވަނީ އޮސާކާގެ ހޮޓަލަކުންނެވެ. އެ ހޮޓަލުން ތައްޔާރުވަމުންދަނީ މެހެމާނުންނަށް ޚާއްޞަ ޚިދުމަތެއްގެ ގޮތުގައި މެޝިން ބޭނުންކުރުމުގެ ފުރުޞަތު ދިނުމަށެވެ. މީގެ އިތުރުން ޖަޕާނުގެ މަޝްހޫރު އިލެކްޓްރޯނިކްސް ޗެއިން "ޔަމަދާ ދެންކީ" އިން ވެސް ވަނީ މެޝިނެއް ގަނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ