ހަނީ ސިންގް މަސްތުން ދުރުވާން 8 އަހަރު ނެގި، ''އަވަހަށް ދުރުވޭ''
އިންޑިއާގެ މަޝްހޫރު މިއުޒީޝަން އަދި ރެޕަ ހިރްދޭޝް ސިންގް (ޔޯޔޯ ހަނީ ސިންގް) މަސްތުވާތަކެތީގެ ޝިކާރައަކަށްވުމަށް ފަހު އެކަމުން ސަލާމަތްވުމަށް އެތައް އަހަރެއް ނެގި ކަމަށް ބުނެފިއެވެ. އެންޑީޓީވީއަށް ދިން އިންޓަވިއުއެއްގައި ވާހަކަދައްކަމުން ހަނީ ސިންގް ބުނީ، އުމުރުން ވަރަށް ޅައިރު އޭނާއަކީ ކަންކަމަށް ހުޝިޔާރު އަދި ދިރިއުޅުމުގައި ކުރިއެރުން ހޯދުމަށް ވަރަށް ޝައުގުވެރިވި މީހެއް ކަމަށެވެ. ނަމަވެސް، މަސްތުވާތަކެތީގެ އަވައިގައި ޖެހި އޭގެ ތެރެއަށް ޒުވާން އުމުރުގެ ދުވަސްތައް ދުއްވާލުވެމަކީ ހެދުނު ވަރަށް ބޮޑު ގޯހެއް ކަމަށް ހަނީ ވަނީ ބުނެފައެވެ. އޭގެ ސަބަބުން ދިރިއުޅުން އެފުށް މިފުށަށް ޖެހި ވަރަށް މަސައްކަތުން ކޮޅަށްޖެހި މިއުޒިކް ކެރިއަރު ވެސް އަނދަވަޅަކަށް ވެއްޓުނު ކަމަށް ހަނީ ބުނެފައިވެއެވެ. އެހެންވެ، މިހާރުގެ ޒުވާނުންނަށް ވެސް އަދި ދަންނަ މީހުންނަށް ވެސް ދޭނެ ނަސޭހަތަކީ މަސްތުވާތަކެއްޗާ ދުރުހެލިވެ އެފަދަ އެންމެހައި ބާވަތްތަކުން ދުރުވަމަށް ކަމަށް މަޝްހޫރު ރެޕަ ވަނީ ބުނެފައެވެ. ހަނީ ސިންގް ކުރީގެ އަނބިމީހާ ޝާލިނީއާ އެކު--ފޮޓޯ/ޕިންކްވިލާ މަސްތުވާތަކެތި ބޭނުންކުރުމުގެ އާދައާ 2014 ވަނަ އަހަރު އޭނާ ދުރުވި ނަމަވެސް އެކަމުން އެއްކޮށް ސަލާމަތްވުމަށް އަށް އަހަރު ހޭދަވި ކަމަށް ހަނީ ވަނީ ބުނެފައެވެ. އެއީ ކުއްލިއަކަށް ދޫކޮށްލެވޭނެ އާދައެއް ނޫން ކަމަށާއި އެކަމުގެ ސަބަބުން މީހާ ބަލިކަށިވެ ހަށިގަނޑުން އެކަން އެއްކޮށް ފިލުވާލަން ވަރަށް ހިތްވަރާ އެކު މަސައްކަތްކުރަން ޖެހުނު ކަމަށް އިންޑިއާގެ ޕަންޖާބަށް ނިސްބަތްވާ ލަވަކިޔުންތެރިޔާ ވަނީ ބުނެފައެވެ. ހަނީ ސިންގްއަށް ނަފުސާނީ ބަލިކަށިކަމާ ކުރިމަތިލާންޖެހި ބައިޕޯލަ ޑިސްއޯޑާއަށް ވެސް އޭނާ ވަނީ ފަރުވާ ހޯދާފައެވެ. އެ ދުވަސްވަރު ހަނީގެ ކުރީގެ ލަވަތަކުން އޭނާއަށް އާމްދަނީ ލިބި ވަރަށް ގިނަ ސަޕޯޓަރުންގެ މެދުގައި އޭރު ވެސް ހަނީގެ ލަވަތައް ދިޔައީ ބޮޑު މަޝްހޫރުކަމެއް ހޯދަމުންނެވެ. މިއުޒިކުން ބްރޭކެއް ނެގުމަށް ފަހު ހަނީގެ އާ އަލްބަމެއް ބެލުންތެރިންނަށް ގެނެސްދިނީ މިދިޔަ އަހަރެވެ. މިއުޒިކުގެ މަސައްކަތްކުރި ނަމަވެސް ހަނީ ސިންގް މިހާރު އެންމެ ބޮޑު އިސްކަމެއްދެނީ ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށް ކަމަށް ހަނީ ވަނީ ބުނެފައެވެ. މަޝްހޫރުކަމާ އެކު މިއުޒިކު ކެރިއަރުގައި ލިބުނު ކާމިޔާބީއާ އެކު ހަނީ ސިންގްގެ ދިރިއުޅުމަށް ބޮޑު ބަދަލެއް އައިސް ވަރަށް ލޯބިން ކުރި ކައިވެނި ވެސް ވަނީ 2022ގައި ރޫޅާލާފައެވެ. ހަނީގެ ލަވަތައް މިފަހުން ރިލީޒްކުރި ބައެއް ފިލްމުތަކުން ވެސް އަޑުއިވިފައިވާއިރު އޭނާގެ އަލްބަމެއް މިދިޔަ ސެޕްޓެންބަރު މަހު ވެސް ވަނީ ރިލީޒްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ